މީސްމީޑިއާގެ އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން، އެކި ފަރާތްތަކަށް މަލާމާތްކޮށް ފުރައްސާރަ ކުރުމާއިއެކު، އެކަކު އަނެކަކާއި ދެމެދު ރުޅިވެރިކަން އުފެދޭފަދަ ވާހަކަތައް ދައްކާ ފަރާތްތަކުގެ މައްސަލަ ބަލައި، ކުއްވެރިވާ ފަރާތްތަކާއި މެދު އަޅާ ފިޔަވަޅެއްގެ ގޮތުގައި މަދުވެގެން ހަ މަސް ދުވަހުގެ ޖަލު ޙުކުމެއް އަންނަ ގޮތަށް އިނގިރޭސިވިލާތުގައި މަޝްވަރާކޮށްފިއެވެ.

މި އިސްލާޙާއެކު އެޤައުމުގެ އޮފިޝަލުން ބުނެފައިވަނީ، މިކަން ފާސް ވެއްޖެނަމަ މީސްމީޑިއާ މެދުވެރިކޮށް ދެކޮޅުވެރިކަން އުފައްދާ ފަރާތްތަކާއި މެދު ހަރުކަށިފިޔަވަޅު އަޅައި އެފަދަ މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަން ފަށާނެ ކަމަށެވެ. އެގޮތުން ޢާންމުންގެ މެދުފައި ރުޅިވެރިކަން އުފައްދައި ޕޯސްޓްކޮށް، އެފަދަ ޕޯސްޓްތައް ޝެއާކުރާ ފަރާތްތަކާއި އަދި ކޮމެންޓުކުރާ ފަރާތްތަކާއި މެދުވެސް ފިޔަވަޅު އެޅުމަށް މި އިސްލާޙުން ބާރު ލިބިގެންދާ ކަމަށް ނޫސްތަކުގައި އޮފިޝަލުން ވަނީ ބުނެފައެވެ.

އޮފިޝަލުންނާއި ޙަވާލާދީ އިނގިރޭސި ނޫސްތަކުގައި މިކަމާއި ގުޅޭގޮތުން އިތުރަށް ބުނެފައިވަނީ، މީސްމީޑިއާގައި ދައްކާ ވާހަކައެއްގެ ސަބަބުން މީހަކަށް އަނިޔާއެއް ލިބި ނުވަތަ ފުރާނައަށް ގެއްލުންވާފަދަ ކަމެއް މެދުވެރިވެއްޖެނަމަ، އެކަން ކުރި ފަރާތަކަށް ތިން އަހަރު ދުވަހުގެ ޖަލު ޙުކުމެއް އަންނާނެ ކަމަށެވެ. ހަމަ އެހެންމެ އެފަދަ ޕޯސްޓެއް ގިނަ ބަޔަކާއި ހަމައަށް ވާސިލުވެ، އެކަން ރައްދުވާ ފަރާތަށް ގެއްލުމެއް ލިބިއްޖެ ޙާލަތެއްގައި ކުއްވެރިވާ ފަރާތެއް މަދުވެގެން އެއް އަހަރު ދުވަހުގެ ޖަލު ޙުކުމެއް ހޭދަކުރަން ޖެހޭނެ ކަމަށް މި އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.

މި އިސްލާޙުގައި، މީސްމީޑިއާގެ ވަސީލަތެއް ބޭނުންކޮށްގެން މީހަކަށް ދެރައެއް ދިނުމާއި ޖިންސީ ފުރައްސާރަ ކުރުމުގެ އިތުރުން ސިޔާސީ ފަރާތަކަށް ގެއްލުންދީ އެފަރާތެއްގެ ނަން ކިލަނބުވާފަދަ ވާހަކަ ދެއްކުންވެސް މަނާކޮށްފައި ވެއެވެ.

އިނގިރޭސިވިލާތުގެ ޕަބްލިކް އޯދަރ އެކްޓްގެ ދަށުން 1986 ވަނަ އަހަރުން ފެށިގެންވެސް، މީހުންގެ މެދުގައި ރުޅިވެރިކަން އުފެއްދުމާއި ފިތުނަވެރި ވާހަކަތައް ދެއްކުން މަނާކުރާއިރު، މިއީ މީސްމީޑިއާގެ ވަސީލަތެއް މެދުވެރިކޮށް އެފަދަ ޢަމަލު ހިންގާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް ހުށަހެޅުނު ފުރަތަމަ އިސްލާޙެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަޙުމަދު

    ޑިމޮކްރެސީ. އެހެންގައުމަކުން ކުރާކަމެއްނަމަ ހުރީސް ފޯރި ދައްކާލާފަ. ދަތިކުރުމުގެ

    ފިޔަވަޅުތައް ވަރަށް ގިނައިން އެޅީސްކަންނޭގެ.

  2. ޢހ

    މި ގައުމުގައި ވެސް އެބަޖެހޭ ތިފަދަ ގާނޫންތައް ހެދެން.. އޭރުން އަންނި މުސީބާތުން ގައުމު ސަލާމަތްވީ !!

  3. ޕީޖޭ

    މިރާއްޖޭގައި ވެސް ރަގަޅު މިކަހަލަ ގާނޫނެއް ހަދަން..

  4. ޢެމްޕީ

    ތިޔަމަޅީގަ އެންމެ ފުރަތަމަވެސް ޖެހޭނީ ނަޝީދު