މިދިޔަ ހަފްތާގައި ޕާކިސްތާނުގައި ކުރިއަށް ގެންދިޔަ އާއްމު އިންތިޙާބުގައި، މީހުން ފާހަގަ ޖަހާފައިވާ ވޯޓު ކަރުދާސްތަކެއް، ކުނި ކޮއްޓަކުން ފެނިއްޖެއެވެ. މި ތަކެތި ފެނިފައިވަނީ އެޤައުމުގެ ކަރާޗީގެ ޤައްޔޫމްއާބާދު ސަރަޙައްދުގައި ހުންނަ ކުނި ކޮއްޓަކުންނެވެ.

ޕާކިސްތާނުގެ ޚަބަރު ފަތުރާ ވަސީލަތެއްކަމުގައިވާ "ޖިއޯ ޓީވީ" އިން ރޭ ބުނެފައިވާ ގޮތުގައި މި ވޯޓު ކަރުދާސް ތަކަކީ އެޤައުމުގެ ޤާނޫނު ހަދާ ޤައުމީ މަޖިލީހުގެ އެންއޭ-241 އަދި ޕީއެސް-160 ދާއިރާގެ ވޯޓު ކަރުދާސްތަކެއްކަމަށެވެ. ވޯޓު ލީ މީހުންގެ ވޯޓާސް ކާޑުވެސް، އެސަރަޙައްދުން ފެނިފައިވާކަމަށް ޖިއޯ ނިއުސް އިން ބުނެފައިވެއެވެ.

މީގެއިތުރުންވެސް، އެ ޓީވީ އިން އިތުރަށް ބުނެފައިވާ ގޮތުގައި، އުކާލާފައި ހުއްޓާ ފެނުނު ވޯޓު ކަރުދާސްތަކުގައި، ހުރީ އެޤައުމުގެ ޕީޕަލްސް ޕާޓީ، ޕީޕީޕީ، މުައްތަޙިދާ ޤައުމީ މޫވްމަންޓް- ޕާކިސްތާން (އެމްކިއުއެމް-ޕީ) އަދި ޖަލުގައި ހުންނެވި އެޤައުމުގެ ކުރީގެ ބޮޑުވަޒީރު، ނަވާޒު ޝަރީފު ނިސްބަތްވެވަޑައިގަންނަވާ ޕާކިސްތާން މުސްލިމް ލީގު-ނަވާޒު (ޕީއެމްއެލް-އެން) ގެ ކެންޑިޑޭޓުންނަށް ލާފައިވާ ވޯޓު ކަރުދާސްތަކެކެވެ.

މީގެތެރޭގައި، އިންތިޙާބު ކާމިޔާބު ކުރެއްވިކަމަށް ވިދާޅުވެފައިވާ އިމްރާން ޚާނު ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ އެއްވެސް ކެންޑިޑޭޓަކަށް ލައިފައިވާ ވޯޓު ކަރުދާހެއް ފެނިފައެއްނުވެއެވެ.

ވޯޓު ކަރުދާސްތައް އުކާލާފައި ހުއްޓާ ފެނުނު ކުނި ކޮށި ސަރަޙައްދަށް، އެވޯޓު ކަރުދާސްތައް ހުރި ދާއިރާގެ، އެޕާޓީތަކުގެ މެންބަރުން ގޮސްފައިވެއެވެ. އަދި، އެފަރާތްތަކުން ވަނީ އެތަކެތި އެމީހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އެ މެންބަރުންގެ ފަރާތުން ވާހަކަ ދައްކާފައިވާ ފަރާތްތަކުން ބުނެފައިވަނީ، މި ވޯޓު ކަރުދާސްތައް، ހެކީގެ ގޮތުގައި ޕާކިސްތާނުގެ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެކަމަށެވެ. އަދި، މިކަންތައް ބަލާނެކަމަށްވެސް ބުނެފައިވެއެވެ.

މީގެކުރިންވެސް، އިންތިޙާބާ ގުޅިގެން ހިނގާފައިވާ ބައެއް ކަންތައްތަކާ ގުޅިގެން، ބައެއް ކެންޑިޑޭޓުން ހިތްހަމަނުޖެހުން ފާޅުކޮށްފައިވެއެވެ. އަދި، ބައެއް ފަރާތްތަކުން، މިއީ އިންސާފުވެރި އިންތިޙާބެއް ނޫންކަމަށްވެސް ބުނެފައިވެއެވެ. އެހެންނަމަވެސް، އެޤައުމުގެ އިލެކްޝަންސް ކޮމިޝަނުން ދިޔައީ މިކަންކަން ދޮގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    މި ރާއްޖޭގައިވެސް މިހާތަނަށް ބޭއްވުނު ހަމައެކަނި އިންސާފުވެރި އިންތިޚާބުގެ ވޯޓު ކަރުދާސްތައް ނެރެންޖެހުނީ ނަސަންދުރަ ސީލިންގް ތެރެއިން!!!!!!

  2. ހީލަތްތެރި ކަމަނާ

    ކުރިއަށްއޮތްދުވަސްތަކުގަ ތިލަފުށިވެސް ވަރަށްރަނގަޅަށްބަލަންޖެހޭނެކަމަށްފެނޭ !