ސައުދީ އަރަބިޔާގެ އަސްކަރިއްޔާގައި އަންހެނުންނަށް މަސައްކަތް ކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އަންހެނުންނަށް، ސިފައިންގެއަށް ވަނުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މި މަހުގެ ތެރޭގައެވެ.

އެޤައުމުގެ ޖެނެރަލް ސެކިއުރިޓީ ޑިވިޜަނުން ބުނެފައިވާ ގޮތުގައި، އަސްކަރިއްޔާއަށް ވަނުމަށް ހުޅުވާލާފައިވަނީ މައްކާ އާއި މަދީނާ، ރިޔާދު އަދި އަލް ޤައްސިމުގައި ދިރިއުޅޭ އަންހެނުންނަށެވެ. އަދި، ސިފައިންގެ މަޤާމަށް ކުރިމަތިލެވޭނީ 25 އަހަރާއި 35 އަހަރުގެ އަންހެނުންނަށްކަމަސްވެސް ބުނެފައިވެއެވެ.

އެހެންނަމަވެސް، އަންހެނުން ސީދާ ހަނގުރާމައިގެ މައިދާނަށާއި ކޮމްބެޓް ރޯލުތަކަށް ނެރޭކަމެއް ނުވަތަ ނުނެރޭކަމެއް، ސައުދީން ހާމަކޮށްފައެއް ނުވެއެވެ.

ނޫސްތަކުން ބުނެފައިވާ ގޮތުގައި މި ނިންމުމަކީ، އެޤައުމުގެ ވަލީ އަޙުދު، މުޙައްމަދު ބިން ސަލްމާން ފައްޓާވައިފައިވާ 2030 ގެ ތަޞައްވަރުގެ ތެރެއިން ހިމެނޭ ކަމެކެވެ.

2030 ގެ ތަޞައްވަރުގެ ތެރެއިން އެޤައުމުގެ އަންހެނުންނަށް އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސާއި ސްޓޭޑިއަމްތަކަށް ދިޔުމުގެ ހުއްދަވެސްވަނީ ދީފައެވެ.

ސައުދީ އަސްކަރިއްޔާއަކީ މެދުއިރުމަތީގެ އެންމެ ވަރުގަދަ އެއް އަސްކަރިއްޔާއެވެ. އެގޮތުން، ސައުދީންދަނީ މިހާރުވެސް އެސަރަޙައްދުގައި އަސްކަރީ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. ހަމައެހެންމެ، ކޮންމެ އަހަރެއްގެ ޙައްޖުގެ އަޅުކަމުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަކީވެސް ސައުދީ އަސްކަރިއްޔާ އިން ކުރާ މުޙިއްމު މަސައްކަތެކެވެ.