ފާއިތުވެދިޔަ ދުވަސްތަކަކީ އިނގިރޭސިވިލާތަށް އާދަޔާއި ޚިލާފަށް ހޫނުގަދަވި ދުވަސްތަކެކެވެ. ހޫނުމޫސުމުގެ އެ ހޫނުގެ ސަބަބުން އެތައް ގެއްލުމަކާއި ގިނަ ބަޔަކު ކުރިމަތިލާން ޖެހުނުއިރު، ދުވަސްތަކަކަށްފަހު އެޤައުމަށް ވާރޭވެހެން ފެށުމުން ގިނަ ބަޔަކު ތިބީ އުފަލުން ފޮޅިފައެވެ.

އެތައް ދުވަހެއްގެ ހޫނަށްފަހު މިދިޔަ ހުކުރު ދުވަހު ލަންޑަނަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހުނުއިރު، އެ މަންޒަރު ބަލަން ގިނަ ބަޔަކު މަގުތަކަށް ނިކުތެވެ. އަދި އަނެއް ބަޔަކު ވާރޭގައި ތެމެން ނިކުމެއުޅުނު މަންޒަރު ފެންނަ ވީޑިއޯއާއި ފޮޓޯ، މީސްމީޑިއާގައި ދައުރުވެފައި ވެއެވެ. އެ ވީޑިއޯތަކުން، ބައެއް މީހުން އުފަލުން މަގުމަތީގައި އޮށޯވެގެން ތިބޭ މަންޒަރުވެސް ފެންނައިރު، އަނެއް ބަޔަކު ނަށައި ލަވަކިޔާ މަންޒަރު ފެނެއެވެ.

އިނގިރޭސިވިލާތަށް ހޫނުމޫސުމުގެ މެދުތެރެއިން ވާރޭވެހުމުން ގިނަ ބަޔަކު އުފަލުން ތިބިނަމަވެސް، އެޤައުމުގެ މޫސުމާއި ބެހޭ އިދާރާއިން ބުނެފައިވަނީ އެ ސަރަޙައްދުގައި އުފެދުނު ކޮޅިގަނޑެއްގެ ސަބަބުން ވާރޭވެހި ވިއްސާރަވި ނަމަވެސް ކުރިއަށްއޮތް ދުވަސްތަކަކީ ކުރިއަށްވުރެ ހޫނު ދުވަސްތަކަށް ވެގެންދާނެ ކަމަށެވެ. އެހެންކަމުން އެކަމަށް ސަމާލުވެ ތިބުމަށް އެފަރާތުން ވަނީ ޢާންމުންނަށް އިލްތިމާސްކޮށްފައެވެ.

 

ފާއިތުވެދިޔަ ދުވަސްތަކުގައި އިނގިރޭސިވިލާތުގަިއ އާދަޔާއި ޚިލާފަށް ހޫނު ގަދަވުމުގެ ސަބަބުން އެތައް ބަޔަކު ފިހިގެން ޑޮކްޓަރަށްވެސް ދައްކާފައި ވެއެވެ. އެގޮތުން ފާއިތުވެދިޔަ ދެ މަހެއްހައި ދުވަސްތެރޭގައި ފިހިގެން 220 މީހުނަށް އެޑްމިޓްކޮށް ފަރުވާދީފައި ވެއެވެ. އިރުގެ އަލީގެ ސަބަބުން މިގޮތަށް ހަންގަނޑު ފިހުމަކީ ހަމުގެ ކެންސަރެއް ކަމަށްވާ މެލިގަންޓް މެލާނޮމިޔާ ޖެހުމަށް މަގުފަހިވާ ކަމެކެވެ.

ކުރިއަށްއޮތް ދުވަސްތަކުގައި އިނގިރޭސިވިލާތަށް އާދަޔާއި ޚިލާފަށް ހޫނުގަދަ ވާނެ ކަމަށް ލަފާކޮށް އިނގިރޭސި މޫސުމާއި ބެހޭ އިދާރާއިން ބުނެފައިވަނީ، ކުރިއަށް އޮތީ އިނގިރޭސިވިލާތަށް މިހާތަނަށް އެންމެ ހޫނު ގަދަވާނެ ދުވަސްތައް ކަމަށެވެ. އެހެންކަމުން އިރުގެ ދޯދިން ހަންގަނޑު ރައްކާތެރި ކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށާއި، އަވީގައި ގިނަ އިރު ނުހުރުމަށާއި ބޭރަށް ދާއިރު ސަން ލޯޝަން ބޭނުންކުރުމަށް އެފަރާތުން ވަނީ އިލްތިމާސްކޮށްފައެވެ.