ދިގު މުއްދަތެއް ވަންދެން ޒިމްބާބްވޭގައި ވެރިކަން ކުރެއްވި ރޮބަޓް މުގާބޭގެ ވެރިކަން ވެއްޓުމަށްފަހު، ޒިމްބާބްވޭގައި ބޭއްވި ފުރަތަމަ ރިޔާސީ އިންތިޙާބުގެ ވޯޓު ގުނުން ކުރިއަށް އެބަ ދެއެވެ. މި އިންތިޙާބުގެ ވޯޓު ލުން ކުރިއަށް ގެންގޮސްފައިވަނީ އިއްޔެއެވެ.

ޒިމްބާބްވޭގެ އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި އިއްޔެ ބޭއްވި އިންތިޙާބުގައި ވޯޓު ލުމަށް، ފަސް މިލިޔަން މީހުންނަށްވުރެ ގިނަ މީހުން ރަޖިސްޓްރީ ކޮށްފައިވެއެވެ. ވޯޓުލާން، ރަޖިސްޓްރީ ކޮށްފައި ތިބި މީހުންގެ ތެރެއިން 75 އިންސައްތަ މީހުން ވޯޓް ލާން ނިކުތްކަމަށްވެސް، އެފަރާތުން ހާމަކޮށްފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ވެރިޔާ ބުނެފައިވާ ގޮތުގައި، މި ކަމުގެ އެންމެ ބޮޑު ސަބަބަކީ، ވޯޓުގެ ކުރިން، މީހުން ހޭލުންތެރިކަން އިތުރުކުރުމަށް ކުރި މަސައްކަތްތަކެވެ.

ވޯޓު ގުނުމުގެ މަސައްކަތް، ވޯޓު ލުން ކުރިއަށް ގެންދިޔަ މަރުކަޒުތަކުގައި ކުރަމުންދިޔަކަމުގައިވިޔަސް، އެއްވެސް ވަގުތީ ނަތީޖާއެއް އަދި، ހާމަކޮށްފައި ނުވެއެވެ.

ބައިނަލްއަޤުވާމީ ނޫސްތަކުން ބުނެފައިވާ ގޮތުގައި މި އިންތިޙާބުގައި، އެޤައުމުގެ ރައީސްކަމުގެ މަޤާމަށް، ޖުމުލަ 23 ފަރާތުން ކުރިމަތިލައްވާފައިވެއެވެ. އޭގެތެރޭގައި، މިހާރުވެސް އެމަޤާމުގައި ހުންނެވި، އެމާސަން ނަންގަގްވާވެސް ހިމެނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެޤައުމުގެ ވެރިރަށް ހަރޭރޭގެ ބައެއް ސަރަޙައްދުތަކުގައި ހުރި ވޯޓު ލާ މަރުކަޒުތަކުގައި ދިގު ކިއުތަކެއް ހަދާފައިވެއެވެ. ބައެއް ކިއުތައް، ވޯޓު ލާ ގަޑީގެ ކުރިން ހަދާފައިވާއިރު، ބައެއް ކިއުތަކުގައި މީހުން، ހަ ގަޑިއިރަށްވުރެވެސް ގިނަ އިރު ތިބެން ޖެހުނެވެ.

2002 ވަނަ އަހަރަށް ފަހު، މި އިންތިޙާބުގައި ވިލާތު އިއްތިޙާދު (އީޔޫ) އާއި އެމެރިކާގެ އޮބްޒާވަރުންނަށް ކަންތައްތައް ބަލާލުމުގެ ފުރުޞަތުވެސް ދީފައިވެއެވެ.

އިންތިޙާބު އޮބްޒާވް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި، އދ. ގެ އޮފިޝަލުން ފާހަގަކޮށްފައިވާ ގޮތުގައި، އިންތިޙާބު އިންތިޒާމު ކުރުމުގައި، އިންސާފުން ބޭރުން، ދެ ފުށް ނުފެންނަ ގޮތަށްވެސް ކަންތައްތަކެއް ކޮށްފައިވެއެވެ. ހަމައެހެންމެ، ވޯޓު ލުން ކުރިއަށް ދިޔަ ވަގުތު، މީޑިޔާގެ ބޭނުންވެސް ނަހަމަ ގޮތުގައި ހިފާފައިވާކަން، ފާހަގަކޮށްފައިވެއެވެ.