ސްރީލަންކާގައި ސިނގިރޭޓް ވިއްކާ އަގު ބޮޑުކޮށްފިއެވެ.

އެގައުމުގެ ފިނޭންސް މިނިސްޓްރީން ހާމަކުރި ގޮތުގައި ސިނގިރޭޓްގެ އަގު ބޮޑުވެފައި މިވަނީ، ސިނގިރޭޓްގެ ޑިއުޓީ އަށް ގެނައި ބަދަލުތަކަކާއި ގުޅިގެންނެވެ.

އެގޮތުން މި ބަދަލާއި ގުޅިގެން މީގެކުރިން 50 ރުޕީސް އަށް ވިއްކަމުން އައި ސިނގިރޭޓް ފޮށްޓެއް ދެން ވިއްކާނީ 55 ރުޕީސް އަށެވެ. އަދި 55 ރުޕީސް އަށް ވިއްކަމުން އައި ސިނގިރޭޓް ފޮށްޓެއް ދެން ވިއްކާނީ 60 ރުޕީސް އަށެވެ.

ސިނގިރޭޓާއި ދުންފަތުގެ ބާވަތްތައް ސްރީލަންކާގައި ވިއްކުމާއި ބޭނުން ކުރުން ހުއްޓުވުމަށް އެގައުމުގެ ކަމާބެހޭ އިދާރާތަކުން އަންނަނީ ތަފާތު އެކި ކަންކަން ކުރަމުންނެވެ.

ސިނގިރޭޓުގެ އަގު ބޮޑުކޮށްފައިވާއިރު ލަންކާގެ 100އަށްވުރެ ގިނަ ސިޓީގައި ސިނގިރޭޓު ވިއްކުން ހުއްޓާލާފައި ކަމަށް އެގައުމުގެ ހެލްތް މިނިސްޓަރު ޑރ. ރަޖީތާ ސެނަރަތުނަ ވަނީ ވިދާޅުވެފައެވެ.

ޕަބްލިކް ހެލްތް އިންސްޕެކްޓަރުންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޑރ.ސެނަރަތުނަ ވިދާޅުވީ ސިނގިރޭޓާއި ދުންފަތުގެ ބާވަތްތައް ސްރީލަންކާގައި ވިއްކުމާއި ބޭނުން ކުރުން ހުއްޓުވުމަށް ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކަށް އިންސްޕެކްޓަރުންގެ ފުރިހަމަ އެއްބާރުލުން ލިބެމުންދާ ކަމަށެވެ.

އެގޮތުން ސިނގިރޭޓް ވިއްކާ ކުންފުނިތަކުން އެވަރޭޖުކޮށް ވިއްކަމުންދިޔަ ސިނގިރޭޓުގެ އަދަދަށް ބަލާއިރު، 1 ބިލިއަން ސިނގިރޭޓު ނުވިކި ހުރިކަން އެ ކުންފުނިތަކުން ފާހަގަކޮށްފައިވާކަމަށް ޑރ. ސެނަރަތުނަ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފެންނުވަރާ

    60 ރުޕީސް = 6ރުފިޔާ

  2. ޓަވަރު

    އަލަށް ހުޅުވި ފުޑް ކޯޓުގަވެސް އެތިބެނީ މަކުނު ސައްކެޔޮ ގަހަށް އަރާ ތިބޭހެން ސިނގިރޭޓް ދަމަދަމާ....ބޯޑު އެބަހުރި...ލޯ ކޮބާ؟ ހިސާބަށްވުރެ ހަޔާތް ކުޑަވީމަ ވާގޮތް....

  3. ޢައިޝާ

    ލިޔުމުގެ އޮޅުމެއް ކަމެއް ނޭނގެ... މަ އެންމެ ފަހުން ލަންކާގަ ހުރިއިރުވެސް 50 ރުޕީޒް އަށް ލިބެނީ އެންމެ ސިނގިރޭޓެއް.... ސިނގިރޭޓް ފޮއްޓެއް ނޭނގެ 1000 ރުޕީޒް އަށްވެސް ލިބޭކަމެއް