އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ބައިނަލްއަޤުވާމީ ޖަމިއްޔާއެއްކަމުގައިވާ އެމްނެސްޓީ އިންޓަނޭޝަނަލްގެ މުވައްޒަފުންތަކެއްގެ ފޯނު ހެކު ކުރުމުގެ މަސައްކަތް، އިސްރާއިލުން ކޮށްފިއެވެ. މި މަސައްކަތް ކޮށްފައިވާކަމަށް ތުހުމަތުކުރެވިފައިވަނީ، ފޯނަށް ފޮނުވި ސްޕައިވެއަރ އެއް ބޭނުންކޮށްގެންނެވެ.

ފޯނު ހެކު ކުރުމަށްފަހު، އެމްނެސްޓީގެ މުވައްޒަފުން ފޯނު ބޭނުންކޮށްގެން ކުރާ ކަންކަމާއި އެ ޖަމިއްޔާއިން ކުރާ ކަންކަން ބެލުމަށް މަސައްކަތް ކޮށްފައިވާއިރު، މިކަން ކޮށްފައިވާކަމަށް ބެލެވެނީ، އިސްރާއިލުގެ ކުންފުންޏެއްކަމަށްވާ، "އެންއެސްއޯ" އިންނެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް އިން، މިދިޔަ ބުދަ ދުވަހު ނެރެފައިވާ 20 ޞަފްހާގެ ރިޕޯޓެއްގައި ބަޔާންކޮށްފައިވާ ގޮތުން، އެއް މުވައްޒަފެއްގެ ފޯނަށް ސްޕައިވެއަރ ފޮނުވާފައިވަނީ، އެމެރިކާގެ ވެރިރަށް ވޮޝިންޓަން ޑީސީ ގައި ހުންނަ ޤައުމެއްގެ އެމްބަސީ ކުރިމަތީގައި މުޒާހަރާ ކުރަމުން ދަނިކޮށެވެ. އެމުވައްޒަފުގެ ފޯނަށް، ސްޕައިވެއަރ ފޮނުވާފައިވަނީ، މެސެޖު ކުރުމަށް މުޅި ދުނިޔޭގައިވެސް ބޭނުން ކުރަމުން އަންނަ "ވަޓްސްއެޕް" އިން ފޮނުވި މެސެޖަކުންނެވެ.

އެ ޖަމިއްޔާ އިން އިތުރަށް ބުނެފައިވާ ގޮތުގައި، ވަޓްސްއެޕް އިން ފޮނުވާފައިވާ މެސެޖުގައި ބުނެފައިވަނީ، ޤައުމެއްގައި ނުޙައްޤުން ޖަލަަށް ލެވިފައިވާ ބަޔަކު ސަލާމަތްކުރުމަށް އެދޭކަމަށެވެ. ޖަލަށް ލެވިފައިވާ މީހެއްގެ އާއިލާގެ މެންބަރެއްގެ ނަން މަތީގައި ފޮނުވާފައިވާ މި މެސެޖުގައި ވާ ލިންކަށް ފިއްތާލުމުން، އެމްނެސްޓީގެ މުވައްޒަފުގެ ފޯނަށް ސްޕައިވެއަރ އެޅޭނެއެވެ.

އެމްނެސްޓީ އިންޓަނޭޝަނަލްގެ ޓެކްނޮލޮޖީގެ ކަންތައްތަކާ ބެހޭ ވެރިޔާ، ޖޯޝުއާ ފްރެންކޯ ބުނެފައިވަނީ، މިއީ އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ އެކްޓިވިސްޓުންނަށް ހުރި ނުރައްކަލެއް ކަމުގައެވެ. އަދި، މި ކަންތައްތައް ކޮށްފައިވާ އެންއެސްއޯ އަކީ، ފޯނުތައް ހެކުކުރުން ފަދަ ކަންކަން، ސަރުކާރުތަކަށް ކޮށްދޭ ބައެއްކަމުން، މި ކަން ކޮށްފައިވަނީ އިސްރާއިލު ސަރުކާރުގެ އެދުމަށްކަމަށް ބެލެވޭކަމަށްވެސް ބުނެފައިވެއެވެ.

އިސްރާއިލުން ފަލަސްތީނުގައި ހިންގަމުންދާ ކަންތައްތަކަށް، އެމްނެސްޓީން ދަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު