ސީރިޔާގެ ވެރިރަށް ދިމިޝްގުގެ ރަށްބޭރު ސަރަޙައްދުގައި އޮންނަ އިރުމަތީ ޣޫޠާއަށް ހަމަލާ ދިނުން ހުއްޓާލާފައިވަނީ ނަމަކަށް ކަމަށާއި، ހަމަލާތައް ދިނުން ހުއްޓާލިކަމަށް ބުނިކަމުގައިވިޔަސް، އެސަރަޙައްދަށް ހަމަލާ ދެމުންދާކަމަށް ޣޫޠާގެ ރައްޔިތުން ބުނެފިއެވެ.

ރަޝިޔާއިން، ހަމަލާތައް ހުއްޓާލަން އެންގި އެންގުމަށްފަހުގައިވެސް، އިރުމަތީ ޣޫޠާ ސަރަޙައްދުން ހަތަރު މީހަކު، މިހާތަނަށް މަރާލާފައިވާކަމަށް ނޫސްތަކުން ބުނެފައިވެއެވެ. އިރުމަތީ ޣޫޠާގެ ޑޫމާ އަވަށުން ހަތަރު މީހަކު މަރާލާފައިވާއިރު، އޭގެތެރޭގައި އަންހެނަކުވެސް ހިމެނެއެވެ. އަދި، މި މީހުން މަރާލި ހަމަލާ ދީފައިވަނީ، ރަޝިޔާއިން ހަމަލާ ނުދޭނެ މުއްދަތު އިޢުލާން ކުރިތާ ބައިގަޑިއިރު ފަހުންކަމަށްވެސް މައުލޫމާތު ލިބެއެވެ.

ސީރިޔާއަށް އަބަދުވެސް މަދަދުވެރިވަމުން އަންނަ ރަޝިޔާއިން، މި މުއްދަތު އިޢުލާންކޮށްފައިވަނީ އެޤައުމުގެ ރައީސް، ވްލެޑްމިޔަރ ޕޫޓިންގެ އިސްނެންގެވުމުގެ މަތިން، އާއްމުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށް، އިންސާނީ އެހީ ބޭނުންވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގެ ނަމުގައެވެ.

އެހެންނަމަވެސް، ގިނަ އެކްޓިވިސްޓުންވެސް ފާހަގަކުރާ ގޮތުގައި، ރަޝިޔާއިން މިކަމުގައި އެއްވެސް ގެރެންޓީއެއް ނުވަތަ، އެހީ ފޯރުކޮށްދޭކަމާއި ހަމަލާ ނުދޭކަން ޔަޤީންކޮށްދީ އެކަން ކަށަވަރުކުރުމަށް އެހެން ފަރާތެއް ނުވަތަ ތާޑް ޕާޓީއެއް ބައިވެރިކޮށްފައެއް ނުވެއެވެ. އެހެންކަމުން، މިކަމުގައި އެޤައުމަށް އެއްވެސް އިތުބާރެއް ނެތްކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.

މިދިޔަ ހަފްތާއިން ފެށިގެން އިރުމަތީ ޣޫޠާއަށް ދެމުންދާ ހަމަލާތަކުގައި 500 އެއްހާ މީހުން މަރުވެފައިވާއިރު، އެތައް ހާސް ބަޔަކުވަނީ ޒަޚަމްވެފައެވެ. އެސަރަޙައްދުގެ ބައެއް އަވަށްތަކުގައި ހަތަރު ލައްކަ މީހުންވެސް ދިރިއުޅެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސިއުދީން އެކައްޗެއް ވެސް ބުނެފިތަ..