ދުރުގައި ތިބެގެން، ފެންނަ ދެތިން ފޮޓޯއަކުން ނުވަތަ ނޫހުގައި ޖަހާ ދެތިން ލިޔުމަކުން އެމީހުން ހާލަތު އަންދާޒާ ކުރުމަކީ ދަތިކަމެކެވެ. އެމީހުން އިހުސާސްތައް އެނގެޔޭ ބުންޏަކަސް ނޭނގޭނެއެވެ.

މިދިޔަ ހަފްތާއިން ފެށިގެން، ދިމިޝްގުގެ ރަށް ބޭރުގައި އޮންނަ އިރުމަތީ ޣޫޠާއަށް، ވަރުގަދަ ހަމަލާތަކެއް ދަނީ ދެމުންނެވެ. 2011 ވަނަ އަހަރު ފެށުނު އަހުލީ ހަނގުރާމައިގައިވެސް، އަބަދުވެސް އެންމެ ހާލުގައި އޮންނަ އެއް ސަރަޙައްދުގެ ހާލުވަނީ، އެތައް ތަނެއް ދަށަށް ގޮސްފައެވެ. އެކަމަކު، ހަލަބާއި އިދްލީބު ހަލާކުވެގެން ދިޔަގޮތަށް، މި ޝަހަރު ހަލާކުވާތަން ބަލަން ތިބެވޭކަށްވެސް ނެތެވެ.

ޣޫޠާގެ ގިނަ އާއިލާތަކަށް، ހަނގުރާމައިގެ ސަބަބުން ކޮންމެވެސް މިންވަރަކަށް ވޭން އުފުލަން ޖެހިފައިވާއިރު، އެކަމުގެ ސަބަބުން ނަފްސާނީ ގޮތުން އަސަރެއް ނުކުރުމަކީ ދުރު ކަމެކެވެ.

އެސަރަޙައްދުގެ ހާލަތާ ބެހޭގޮތުން ވާހަކަ ދެއްކި ސީރިޔާގެ ޞިއްޙީ އެހީތެރިޔަކު ބުނެފައިވާ ގޮތުން، ޣޫޠާގެ ރައްޔިތުންނަށް މިހާރު އުފަލެއް ނެތެވެ. އުފާވެރިކަމެއް ނެތެވެ.

ކޮންމެ ކުޑަކުއްޖަކުވެސް، އާއިލާގެ ގާތް މީހަކު މަރުވާތަން ނުވަތަ ޒަޚަމްވެފައިވާތަން ފެނުމުން އެކުދިންނަށް އެތައް އަސަރެއް ކުރާކަމަށް އޭނާ ބުނެފައިވެއެވެ. މިކަމުގެ ސަބަބުން އެތައް ކުއްޖަކު، އަމިއްލައަށް މަރުވުމުގެ ޚިޔާލު ގެންގުޅެމުންދާކަމަށްވެސް، މި ޕެރަމެޑިކް ބުނެފައިވެއެވެ. ހަމައެހެންމެ، މި މަންޒަރުތައް ފެނި، ދުވަސްވީ މީހުން ޑިޕްރެޝަނަށް ހުށަހެޅިފައިވާކަމަށްވެސް އޭނާ ބުނެފައިވެއެވެ.

"ބައެއް ފަހަރު އަހަރެން ހިތަން، މި ސިޓީއާ ދުރަށް ދެވޭނެނަމައޭ"- އޭނާ ބުނެފައިވެއެވެ.

މީގެއިތުރުންވެސް، ޣޫޠާގެ އިޤުތިޞާދުވެސްވަނީ ހީނަރުވެފައެވެ. ތަކެތީގެ އަގު އިންތިހާއަށް ބޮޑެވެ. އެފަދަ ކުޅަދާނަކަމެއް، ރައްޔިތުންގެ ކިބައިގައި ނެތެވެ. މި ޕެރަމެޑިކް އިތުރަށް ބުނެފައިވާ ގޮތުގައި، އެންމެ ޕާން ފޮއްޗެއްވެސް ލިބެނީ ދެ ޑޮލަރަށެވެ. އެއީ، ސީރިޔާގެ އެހެން ތަންތަނުގެ އަގާ އަޅާ ބަލާއިރު އެތައް ގުނައެއް ބޮޑެވެ.

ކުރިން ދަނޑުވެރިކަމުން ނަފާ ހޯދައިގެން އުޅެމުންދިޔަ، ޣޫޠާގެ ރައްޔިތުންނަށް މިއަދުވަނީ އެމަގުވެސް ބަންދުވެފައެވެ. އެކަމުން، ބަނޑުފުރާނަ މުއްތި ކޮށްލުމަށްވަނީ ހުރަސް އެޅިފައެވެ. މަދު ބާވަތެއްގެ މޭވާއާއި ތަރުކާރީ ފިޔަވައި މިއަދު އެމީހުންނަކަށް ލިބޭކަށް ނެތެވެ. ކުޑަކުދިންގެ ކެއުމުގެ މުޙިއްމު ބައެއް އަދާކުރާ ކިރުވެސް ލިބޭކަށް ނެތެވެ. އެކަމުގެ ސަބަބުން ބައެއް ބަލިތައް ފެތުރޭކަމަށްވެސް ޕެރަމެޑިކް ބުނެފައިވެއެވެ.

ބުރަ މަސައްކަތެއް ކުރާ މި ޕެރަމެޑިކް އިތުރަށް ބުނެފައިވާ ގޮތުން، ކޮންމެ ވަގުތަކުވެސް ޣޫޠާގެ ކޮންމެ އާއިލާއެއްވެސް އުޅެމުންދަނީ ހާސްކަމުގައެވެ. އެކަމުން މިންޖުވުމަށް ދުޢާކޮށްލަކޮށްލަ ތިބޭ ޙާލުގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ތަމީމު

    ހުޅަގުގެ ޤަވްމުތަކާ ޓެރަރިސްޓް ޖަމާޢަތްތަކާ ގުޅިގެން އަސަދުގެ ވެރިކަން ވައްޓާލަނީނު އެ! ބައިިތިއްބާ ހަނާވާން! ތިމާމެންގެ އަމިއްލަ ވެރިކަމައި އަމިއްލަ ފަސްގަނޑަށް ތިމާމެން ނުކުރި ލޯތްބެއް އެހެންބަޔަކު ނުކުރާނެ! ހުރިހާ ކަމެއްގެ ޒިންމާ ނަގަންވާނީ ސީރިޔާގެ ރައްޔިތުން!

  2. ާމަރީ

    މި ކުދިން ރާއްޖެ އަށް ގެނެވޭނެ ގޮތެއް ނުވާނެތޯ؟ އަޅުގަނޑު ބޭނުން މީގެ ކުއްޖެ!

  3. ޙަނާ

    އަޅުގަނޑު ބޭނުން މިކުދިންނަށް އެހީވާން. އެހީވެދެވޭނެ ގޮތެއް އެބައޮތްތަ؟ މިކުދިންގެ ހާލަތުފެނިފަ ހިތް ފަޅައިގެންދާވަރުވޭ 🙁

  4. އަދުލީ

    ސީރީއާ ނުވަތަ ޝާމުގެ މާތް ބިމުގައި މުސްލިމުން ކަތިލަމުން ދާއިރު އެއީ އަހުލީ ނޫނީ ދާހިލީ ހަގުރާމައެކޭ ބުނެ އެ މުސްލިމުންގެ ހިމާޔަތުގައި ދެތުނުވެ ތިބީ މުސްލިމުންގެ ނަމުގައި ތިބީ ކިތައް މީހުންތޯ ކިތައް ވެރީންތޯ؟ ކޮބާތޯ ތުރުކީގެ ރަޢީސް އުރުދުއާން؟ ކޮބާތޯ އުރުދުންގެ ރަސްގެފާނު؟ ކޮބާތޯ ދެހަރަމުންގެ އިމާމުން؟