ފަލަސްތީނުގެ ރައްޔިތުން މިނިވަންކަމަށް ގޮވާލާ އިއްޔެ ކުރިއަށް ގެންދިޔަ މުޒާހަރާގައި އިސްރާއީލުގެ ސިފައިން ފަލަސްތީނުގެ އެކަކު ޝަހީދުކޮށް 220 މީހުން ޒަހަމްކޮށްލައިފި އެވެ.

ސިލްސިލާ މުޒާހަރާ ތަކުގެ ތެރެއިން އިއްޔެ ކުރިއަށްދިޔަ މުޒާހަރާތަކުގައި އިސްރާއީލުގެ ސިފައިން ވަނީ ބަޑިޖަހާ ފަލަސްތީނުގެ 25 އަހަރުގެ ޒުވާނަކު ޝަހީދުކޮށްލާފަ އެވެ.

މުޒާހަރާގައި 200 އަށް ވުރެން ގިނަ މީހުން ޒަހަމް ކޮށްލިއިރު އޭގެ ތެރެއިން، 90 މީހުން ޒަހަމްވެފައިވަނީ އިސްރާއީލުގެ ސިފައިން ދިން ބަޑީގެ ހަމަލާތަކުގައެވެ.

އިއްޔެ ކުރި މުޒާހަރާގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ އާންމުން ވަނީ ބައިވެރިވެފައެވެ. މުޒާހަރާގެ ބައެއް ބައިވެރިން ސަރަހައްދީ ރޮނގުގައި ޖަހާފައިހުރި ފެންސް ހަލާކުކޮށްލުމުގެ މަސައްކަތްވެސް ކުރިއެވެ.

އިއްޔެ ކުރިއަށް ގެންދިޔަ އިހުތިޖާޖަށް އަމާޒުކޮށް އިޒްރާއީލު ސިފައިން ލައިވް ވަޒަން އަދި ކަރުނަ ގޭސް ބޭނުން ކުރިއެވެ. އިސްރާއީލުގެ އަނިޔާވެެރި ސިފައިން ބުނީ ފަލަސްތީނުގެ އެތައްހާސް ބަޔަކު ނުކުމެ އިސްރާއީލުގެ ސިފައިންނާއި ދެކޮޅަށް ބޮމާއި ގާ އުކި ކަމަށާއި ޣައްޒާއަށް ހަމަލާ ދިނީ އެހެންވެ ކަމަށެވެ. މިއީ ނިރުބަވެރި އަމަލެއް ކަމަށް އިސްރާއީލުން ވަނީ ސިފަކޮށްފައެވެ.

އިސްރާއީލުން ފަލަސްތީނުގެ ބިމަށް އަތްގަދަކޮށްފައިވާއިރު 1948 ވަނަ އަހަރު އުފެދިގެން އައި އިސްރާއީލް ދައުލަތް ފެށުމާއެކު، މުސްލިމުންގެ ތިންވަނަ މުޤަސްދަސް ބިން ކަމުގައިވާ ފަލަސްތީނުގެ ބިމުގައި މުސްލިމުންގެ ލޭ، ކޮންމެ ދުވަހަކު ދަނީ އޮހޮރަމުންނެވެ.

ފަލަސްތީނު ރައްޔިތުންގެ ފަލަސްތީނުގެ މިނިވަން ކަމަށް ގޮވާލާ ޣައްޒާއާ އިސްރާއީލު ގުޅޭ ބޯޑަރުގައި މުޒާހަރާތައް ކުރިއަށް ގެންދާތާ ހަތަރު މަސް ވެފައިވާއިރު، މާޗް 30 ގައި ފެށި މުޒާހަރާތަކުގައި މިހާތަނަށް 153 ފަލަސްތީނު މީހުން ޝަހީދުކޮށްލާފައިވާއިރު 16،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.