ތުރުކީ އިން، އެމެރިކާ ސަރުކާރުގެ ދެ އޮފިޝަލަކާ ދެކޮޅަށް ވަރުގަދަ ފިޔަވަޅެއް އަޅަން ނިންމައިފިއެވެ. އެގޮތުން، އެޤައުމުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާންގެ އަމުރުފުޅަށް، އެމެރިކާގެ ދެ އޮފިޝަލެއްގެ މުދާތައް ފްރީޒް ކުރުމަށްވަނީ ނިންމާފައެވެ.

އެޤައުމުގެ ދައުލަތުގެ މީޑިޔާ، "އަނާދޮލޫ" އިން ބުނެފައިވާ ގޮތުގައި ފިޔަވަޅު އަޅަން ނިންމާފައިވަނީ އެމެރިކާގެ ޖަސްޓިސް އަދި އިންޓީރިޔާ ޑިޕާޓްމަންޓުގެ ދެ ވެރިޔަކާ ދެކޮޅަށެވެ. އެހެންނަމަވެސް، ފިޔަވަޅު އަޅަނީ ސީދާ ކޮން ވެރިޔަކާ ދެކޮޅަށްކަން ހާމަކޮށްފައި ނުވެއެވެ. އެހެންނަމަވެސް، ބެލެވޭ ގޮތުގައި، ފިޔަވަޅު އަޅަން ނިންމާފައިވަނީ، އެ ދެ ޑިޕާޓްމަންޓުން ހިންގާ ދެ ސެކެރެޓަރީންނާ ދެކޮޅަށެވެ.

އެމެރިކާގެ އިންޓީރިޔާ ސެކެރެޓަރީ އަކީ، ޤައުމުގެ އެތެރޭގެ ކަންކަން ބަލާ، އެތެރޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ މަސައްކަތް ކުރާ ފަރާތެވެ. އަދި، ޖަސްޓިސް ޑިޕާޓްމަންޓް ހިންގާ އެޓާނީ ޖެނެރަލް އަކީ ސަރުކާރުގެ އެންމެ މަތީ ޤަނޫނީ އޮފިޝަލް ކަމަށްވާއިރު، މަޝްހޫރު އެފްބީއައި ވެސް ހިންގާނީ އެޓާނީ ޖެނެރަލްގެ ބެލުމުގެ ދަށުންނެވެ.

މިކަމާ ގުޅިގެން، އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގެ ޕްރެސް ސެކެރެޓަރީ އެންޑްރޫ ބްރަންސަން ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކަމުން ބުނެފައިވަނީ، މިއީ ތުރުކީން ނިންމާފައިވާ ހަމަޖެހޭ އަދި އިންސާފުވެރި ނިންމުމެއް ނޫންކަމުގައެވެ. އަދި، މި ނިންމުމާ ދެކޮޅު ހެދުމުގެ ގޮތުން، އެމެރިކާ އިންވެސް ފިޔަވަޅުތަކެއް އަޅާނެކަމަށް ބުނެފައިވެއެވެ.

އެގޮތުން، އެމެރިކާ އިން ބުނެފައިވަނީ، އެޤައުމުގެ ޓްރެޒަރީ ޑިޕާޓްމަންޓް އިން، ތުރުކީގެ އިންޓީރިޔާ އެފެއާޒް މިނިސްޓަރ، ސުލައިމާން ސޮއީލޫ އަދި ޖަސްޓިސް މިނިސްޓަރ، އަބްދުލް ހަމިތު ގުލް، އެމެރިކާގައި ހުރި މުދާތައް ފްެރީޒް ކުރުމަށް ވަނީ ނިންމާފައެވެ.