އިންޑިއާގެ ދިއްލީގެ ކެމްޕަހެއް ކައިރިއަށް އެއްލާލާފައި އޮތް ބޮޑު ދަބަހެއްގެ ތެރެއިން މަރާލާފައި އޮތް މީހެއްގެ ހަށިގަނޑު ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

މިއަދުގެ ވަގުތެއްގައި އެ ދަބަސް ފެނުނީ ދިއްލީ ޔުނިވާސިޓީ ކޮލެޖް ކައިރީ ހުރި ބަސް ސްޓޭންޑެއް ކައިރިއަށް އެއްލާލާފައި އޮއްވައެވެ. އެވަގުތު އެ ސަރަޙައްދުން ވަރަށް ނުބައި ވަސް ދުވާތީ މީހުން އުޅުނު ކަމަށް ވެއެވެ. ފުލުހުން ބުނީ، އެ ދަބަސް ފެނުނުއިރު، އޭގައި ބޯބުރިކޮށްލާފައި އޮތް މީހެއްގެ ހަށިގަނޑު އޮތްއިރު، ހަށިގަނޑުގެ އެހެން ބައެއް ގުނަވަންތައްވެސް ބުރިކޮށްލުމަށްފަހު އެ ދަބަހަށް ލާފައިވާކަމަށެވެ.

އެ ދަބަސް ބަޔަކަށް ފެނިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނުއެވެ. އާއްމުންގެ ބަޔަކު ރިޕޯޓް ކުރުމާއި ގުޅިގެން ފުލުހުން އެ ދަބަސް ހުޅުވައި ބެލިއިރު، އޭގެ ތެރޭގައި އޮތީ އިހާނެތި ގޮތަކަށް މަރާލާފައި އޮތް މީހެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، މަރާލާފައި އޮއްވާ ފެނުނު އެމީހާއަކީ އުމުރުން 28 އަހަރާއި 30 އަހަރާއި ދެމެދުގެ މީހެއްކަމަށް ބެލެވޭ ކަމަށާއި، އެ މީހާގެ ފަޔާއި އަތް އަދި ބޯ އޭގެތެރޭގައި ނެތް ކަމަށެވެ. އަދި މީއީ ބަޔަކު ވަރަށް ބޮޑަށް ރާވައިގެން ހިންގާފައިވާ ނުރައްކާތެރި މާރާމާރީއެއް ކަމުގައި އާއި އެމާރާމާރީ އާއި ގުޅޭ އިތުރު ހާދިސާއެއްވެސް ހިނގާފައި ވެދާނެ ކަމަށް ބެލެވޭ ކަމަށެވެ.

ފުލުހުން ބުނީ، އެ މީހާގެ ހަށިގަނޑު މިހާރު އޮތީ މޯޗަރީގައި ކަމަށާއި، އަދިވެސް އެއީ ސީދާ ކާކުކަން ދެނެގަނެވިފައި ނުވާ ކަމަށެވެ. މި ހާދިސާ އާއި ގުޅިގެން އިންޑިއާގެ ކަމާއި ގުޅުންހުރި އިދާރާތަކާއި އެކު އެޤައުމުގެ ފުލުހުން މިހާރު ވަނީ ޚާއްސަ ތަހުޤީޤެއް ފަށާފައެވެ. ނަމަވެސް މިހާތަނަށް މިކަމާއި ގުޅިގެން މީހަކު ހައްޔަރުކުރި ކަމެއް ހާމަކޮށްފައެއް ނުވެއެވެ.