އިޒުރޭލް ގައްޒާ ވަކިކުރާ ހިސާބުގަ ފަލަސްތީނު ރަތްޔިތުން އިއްޔެ ކުރި މުޒާހަރާގެ ތެރޭގައި ޒަޚަމްވާ މީހުންނަށް ފުރަތަމައެހީ ދޭން އުޅުނު ފަލަސްތީނު ވޮލަންޓިއަރެއްގެ ގަޔަށް އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ސިފައިން ބަޑިޖަހައި ޝަހީދު ކޮށްލައިފިއެވެ.

ފަލަސްތީނުގެ ބިންތަށް ފޭރިގަނެގެންއުޅޭ ޔަހޫދީ ސިފައިން އިއްޔެ ދިން ހަމާލަތުގައި ޝަހީދުވީ އަބްދުﷲ އަލް ޤަތަތީއެވެ.

އުމުރުން 20 އަހަރަށްދާ އަބްދުﷲ އަލް ޤަތަތީއަކީ އިއްޔެ ދިޔަ ކުރިމަތިލުންތަކުގައި ޒަޚަމްވާ މީހުންނަށް ކުއްލިފަރުވާ ދިނުމުގައި ހަރަކާތްތެރިވާ ފަލަސްތީނު ސަރުކާރުގެ މެޑިކަލް ޓީމުގައި ހިމެނޭ ވޮލަންޓިއަރެކެވެ.

އޭނާގެ ގަޔަށް އިސްރާއީލު ސިފައިން ބަޑިޖަހާފައިވަނީ، ޣައްޒާގެ ދެކުނުން ސަރަހައްދީ އިމަށް މީހުން ޖަމާވެފައިތިބި ސަރަހައްދެއްގައެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ހާމަކުރިގޮތުގައި ، އިސްރާއީލު ސިފައިންގެ މީހަކުޖެހި ބަޑީގެ ވަޒަން އަރާފައިވަނީ އަބްދުﷲގެ މެޔަށް ކަމަށެވެ.

ފަލަސްތީނު މީހުން ކޮންމެ ހުކުރު ދުވަހަކު ކުރަމުންދާ މުޒާހަރާގައި އިއްޔެވެސް ސަރަހައްދީ އިމަށް އެތައްހާސް ބަޔަކު އެއްވެ ވަނީ އަޑު އުފުލާފައެވެ. އިއްޔެގެ އެއްވުމުގެ ތެރެއަށް އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ސިފައިން ބަޑިޖެހުމުގެ ސަބަބުން އިތުރު 25 މީހުން ޒަޚަމްވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ. އޭގެތެރެއިން ތެރެއިން ބޮލަށް ވަޒަންއެރި މީހެއްގެ ހާލު ވަރަށް ސީރިއަސް ކަމަށް ވެއެވެ.

އަބްދުﷲ އަލް ޤަތަތީއަކީ، ފަލަސްތީނު މީހުން މާޗްމަހުން ފެށިގެން ސަރަހައްދީ އިމުގައި މުޒާހަރާ ކުރަންފެށިފަހުން އިސްރާއީލު ސިފައިން ބަޑިޖަހައި މިހާތަނަށް ޝަހީދުކޮށްލި ފުރަތަމައެހީގެ ދެވަނަ ވޮލަންޓިއަރެވެ.

މިއަހަރުގެ ޖޫންމަހުގެ ދެވަނަދުވަހު ޣައްޒާ-އިސްރާއީލު ގުޅޭ ސަރަހައްދީ އިމުގެ އިސްރާއީލު ސިފައިންގެ މީހަކު ފިލާހުރެ ޖެހި ބަޑީގެ ވަޒަން އަރައިގެން އުމުރުން 21 އަހަރުގެ ރަޒާން އަލް ނައްޖާރުވަނީ ޝަހީދުވެފައެވެ.