މިދިޔަ އާދީއްތަ ދުވަހު، އިންޑޮނީޝިޔާގެ ލޮމްބޮކް އައިލެންޑަށް އެރި ބާރުގަދަ ބިންހެލުގައި މަރުވި މީހުންގެ އަދަދު، 387 އަށް އަރައިފިއެވެ. މިއަދުގެ ނިޔަލަށް، މަރުވި މީހުންގެ އަދަދު 387 އަށް އަރާފައިވާކަމަށް، ކަމާ ބެހޭ ފަރާތްތަކުންވެސް ހާމަކޮށްފައިވެއެވެ.

އިންޑޮނީޝިޔާގެ ނޭޝަނަލް ޑިޒާސްޓަރ އެޖެންސީގެ ތަރުޖަމާނު، ސުޓޯޕޯ ޕުރްވޯ ނުގްރޮހޯ، މީޑިޔާ އަށް މައުލޫމާތު ދެމުން ބުނެފައިވާ ގޮތުގައި، ބިންހެލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު، އަދިވެސް އިތުރުވުން އެކަށީގެންވެއެވެ. އެގޮތުން، އަދިވެސް، ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ ދަށުގައި މީހުން ތިބޭނެކަމަށް ބެލެވޭއިރު، ޞިއްޙީ ފަރުވާ ދޭ ތަންތަނަށް ރިޕޯޓު ނުކުރާ މީހުންވެސް ތިބޭނެކަމަށް އޭނާ ބުނެފައިވެއވެެ.

ތަރުޖަމާނު ސުޓޯޕޯ އިތުރަށް ބުނެފައިވާ ގޮތުގައި، އެންމެ ގިނަ މީހުން މަރުވެގެން ރިޕޯޓު ކޮށްފައިވަނީ ބިންހެލުން އައިސްފައިވާ ލޮމްބޮކް އައިލަންޑް އިންކަމަށެވެ. އެގޮތުން، އެރަށުން ޖުމުލަ 334 މީހުން މަރުވެގެން ރިޕޯޓުކޮށްފައިވާކަމަށް އޭނާ ބުނެފައިވެއެވެ.

މީގެއިތުރުންވެސް، އޭނާ ބުނެފައިވަނީ ބިންހެލުމާ ގުޅިގެން ކުރިމަތިވި ކުއްލި ޙާލަތުގެ މުއްދަތު އަދިވެސް އިތުރުކުރަން ނިންމާފައިވާކަމަށާއި، މި މުއްދަތު އިތުރުކުރަން ނިންމާފައިވަނީ، އަދިވެސް ކަންތައްތައް އާއްމު ޙާލަތަށް ރުޖޫއަވުމަށް ދުވަސްކޮޅެއް ނަގާނެތީކަމަށެވެ. އެގޮތުން، ކުއްލި ޙާލަތުގެ ވަގުތު، އިތުރު 14 ދުވަހަށް އިތުރުކުރަން ވަނީ ނިންމާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބިންހެލުމުގެ ސަބަބުން ގިނަ އަދަދެއްގެ ބައެއްގެ ގެދޮރުވަނީ ގެއްލިފައެވެ. އެގޮތުން 387،000 މީހުންގެ ގެދޮރު ގެއްލިފައިވާކަން ރިޕޯޓުތައް ބުނެއެވެ. މި ފަރާތްތަކަށް ބޭނުންވާ އިންސާނީ އެހީއާއި އެނޫންވެސް އެހީގެ ތަކެތި ފޯރުކޮށްދިނުމުގައި ދަތިތަކެއް ދަނީ ކުރިމަތިވަމުންނެވެ. އެގޮތުން، އިމާރާތްތަކާއި ގަސްގަހާގެހި މަގުތަކަށް ވެއްޓިފައިވާއިރު، އެކަމުގެ ސަބަބުން ތަންތަނަށް ދިއުމަށްވަނީ ދަތިވެފައެވެ.

ލޮމްބޮކް އައިލެންޑް އަށް އަރާފައިވާ ބިންހެލުން ރިކޯޑު ކުރެވިފައިވަނީ ރެކްޓަ މިންގަނޑުން 6.9 މެގްނިޓިއުޑުގެ ބާރުމިނުގައެވެ.