ފަސިންޖަރުން އުފުލާ މަތިންދާބޯޓެއް ވަގަށް ނަގައިގެން ދުއްވާފައި ދަނިކޮށް، ވެއްޓި، ބޯޓު ދުއްވަން އިން މީހާ މަރުވެއްޖެއެވެ. މި ބޯޓު ދުއްވަން އިނީ، މަތިންދާބޯޓު ނިސްތަބްވާ ކުންފުނީގެ މުވައްޒަފެއްކަމަށް މައުލޫމާތު ލިބެއެވެ.

އެމެރިކާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާގޮތުގައި، މި ބޯޓު ވަގަށް ނަގައިގެން، އުދުއްސާލާފައިވަނީ، އެޤައުމުގެ ސީޓަލްގައި ހުންނަ ސީޓަލް-ޓަކޯމާ އިންޓަނޭޝަނަލް އެއަރޕޯޓުންނެވެ.

ޚަބަރު ފަތުރާ ވަސީލަތްތަކަށް މައުލޫމާތު ދެމުން، މި މައްސަލަ ތަހުގީގު ކުރުމުގައި ހަރަކާތްތެރިވަމުންދާ ބައެއް ފަރާތްތަކުން ބުނާގޮތުގައި، މި ބޯޓު ވަގަށް ނަގައިގެން ދުއްވާފައި ދަނިކޮށް ވެއްޓި މަރުވީ، ރިޗަޑް ރަސެލް ނަމަކަށް ކިޔާ މީހެކެވެ. އަދި، އޭނާއަކީ، އެސަރަޙައްދުގެ އެއަރޕޯޓުގައި، އެ އެއަރލައިންގެ ގްރައުންޑް އޮޕަރޭޝަންތަކުގެ މަސައްކަތުގައި ހަރަކާތްތެރިވާ މީހެއްކަމަށް ބުނެފައިވެއެވެ. އޭނާ އެވަޒީފާ އަދާކުރަމުންދާތާ ތިން އަހަރަށްވުރެ އިތުރުވެފައިވާކަމަށްވެސް ނޫސްތަކުން ބުނެއެވެ.

ވަގަށް ނެގި ބޯޓު ވެއްޓެން ދަނިކޮށް ނަގާފައިވާ ފޮޓޯއެއް

މީގެއިތުރުންވެސް، އެމެރިކާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި، ރިޗަޑް ދުއްވަން އިން މަތިންދާބޯޓު ގޮސް ވެއްޓިފައިވަނީ، އެއަރޕޯޓާ 25 މޭލު ދުރުގައި އޮންނަ ޓެކްރަން ރަށަށެވެ. މި ރަށަކީ، މުޅިންވެސް ޖަންގަލި އޮންނަ ރަށެއްކަމަށް މައުލޫމާތު ލިބެއެވެ.

އިތުރަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އެއަރ ޓްރެފިކް ކޮންޓްރޯލުގެ ހުއްދައާ ނުލައި، މި މަތިންދާބޯޓު އުދުއްސާލާފައިވަނީ، މިދިޔަ ހުކުރު ދުވަހު، އެމެރިކާ ގަޑިން އިރާކޮޅު، 7:32 ހާއިރުއެވެ. އަދި، ބޯޓު ވެއްޓިފައިވަނީ، މަތިންދާބޯޓު އުދުއްސާލިތާ ގަޑިއެއްހާއިރު ފަހުންކަމަށްވެސް، މައުލޫމާތު ލިބިފައިވެއެވެ.

މި މަތިންދާބޯޓު ދުއްވާފައި ދިޔަ މަންޒަރު ފެނުނު ބައެއް ފަރާތްތަކުން އާއްމުކޮށްފައިވާ ވީޑިޔޯތަކުން ފެންނަ ގޮތުގައި، މަތިންދާބޯޓުން، އެކި ޒާތުގެ ސްޓަންޓްކަމަށް ބެލެވޭ ކަންކަން، ރިޗަޑްވަނީ ކޮށްފައެވެ. އަދި، ބޯޓު ވެއްޓިފައި ވަނީ ވެސް، މިކަންކަން ކުރަނިކޮށެވެ.

މިފަދަ ހާދިސާތައް، ހިނގާފައިވަނީ ވަރަށް މަދުންކަން ފާހަގަކޮށްލެވެއެވެ.