ނުވަ މީހުންނާއެކު ދަތުރުކުރި އިންޑޮނޭޝިޔާގެ ކުޑަމަތިންދާ ބޯޓެއް ގެއްލިއްޖެއެވެ.

އިންޑޮނޭޝިޔާގެ އުތުރުގެ ޕަޕުއާގައި ދަތުރުކުރި މަތިންދާ ބޯޓް ގެއްލުނީ، އެ ބޯޓާއި، ކޮންޓްރޯލް ޓަވަރާއި ގުޅުން ކެނޑުމުންނެވެ.

ގެއްލުނު މަތިންދާ ބޯޓަކީ އިންޑޮނޭޝިޔާގެ ޑިމޮނިމް އެއަރއަށް ނިސްބަތްވާ ބޯޓެވެ. އަދި މި ބޯޓަކީ ޕަޕުއާ ސަރަހައްދުގައި އެތެރޭގެ ޗާޓަރ ފްލައިޓްގެ ހިދުމަތްދޭ ބޯޓެކެވެ.

އިންޑޮނޭޝިޔާގެ ފުލުހުން ބުނެފައިވަނީ، މި ބޯޓު ވެއްޓިފައިވާ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ. ސަބަބަކީ ޕަޕުއާގެ އޮކްޓެމްގެ ބައެއް އާންމުން އެހިސާބުން ބާރުގަދަ އަޑެއް އިވުނު ކަމަށް ރިޕޯޓް ކޮށްފައިވާތީއެވެ.

އިންޑޮނޭޝިޔާގެ ކަމާއި ބެހޭ ފަރާތަކާއި މީހުން ސަލާމަތްކުރާ ޓީމެއް މިހާރުދަނީ، ބޯޓު ވެއްޓުނު ކަމަށް ބުނާ ހިސާބަށް ދަތުރުކުރަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީހުން ސަލާމަތް ކުރާ ފަރާތްތަކުން ބޯޓް ވެއްޓިފައިވާ ކަމަށް ބެލޭ ހިސާބަށް ފައިމަގުގައި ދާންވެސް ތިންގަޑިއިރު ނަގާނެ އެވެ. އެއީ ފަރުބަދަތަށް ގިނަ ކަމުންނެވެ.

އިންޑޮނޭޝިޔާގައި ފާއިތުވީ އަހަރުތަކުގައި ހިތާމަވެރި ވައިގެ އެތައް ހާދިސާތަކެއް ހިނގާފައި ވެއެވެ. އެގޮތުން މިދިޔަ އަހަރުވެސް ޕަޕުއާ ސަރަހައްދުގެ ވަމީނާއަށް ކުޑަ މަތިންދާ ބޯޓެއް ވެއްޓި 5 މީހުން މަރުވެފައި ވެއެވެ. މި ބޯޓުވެސް ވެއްޓުނީ ފަރުބަދަ މައްޗަށެވެ.

އަދި މީގެ ތިން އަހަރު ކުރިން 54 މީހުންނާއި އެކު އިންޑޮނޭޝިޔާގެ ޕަޕުއާ ސަރަހައްދުގެ ވެރިރަށް ޖަޔަޕޫރާގެ ސެންޓާނީ އެއަރޕޯޓުން ފުރައިގެން، ޕަޕުއާގެ ދެކުނުގެ ޓައުންއެއް ކަމަށްވާ އޯކްސިބިލްއަށް ދިއުމަށް ދަތުރުކުރި ބޯޓެއް ވަނީ ދަރުބަދަ މަތީ ސަރަހައްދަކަށް ވެއްޓިފައެވެ.