ކޮންޓްރޯލް ޓަވަރާއި ގުޅުން ކެނޑިގެން ހޯދަމުން ދިޔަ އިންޑޮނޭޝިއާގެ ކޮމާޝަލް ފްލައިޓް، އެޤައުމުގެ ފަރުބަދަ މަތީ ސަރަޙައްދެއްގައި އޮންނަ އެއާޕޯޓެއް ކަމަށްވާ އޮކްސިބިލް އެއާޕޯޓު ކައިރިއަށް ވެއްޓިއްޖެއެވެ.

ޑިމޮނިން އެއާއަށް ނިސްބަތްވާ މި ފްލައިޓް ވެއްޓުނު ހާދިސާގައި އެއިން ދަތުރުކުރި އަށް ފަސެންޖަރުން މަރުވެފައިވާއިރު، ސަލާމަތްވީ އުމުރުން 12 އަހަރުގެ ކުޑަ ފިރިހެން ކުއްޖެއެވެ. އެކުއްޖާ ފެނިފައިވަނީ ފްލައިޓް ވެއްޓުނު ސަރަޙައްދުން ކަމުގައިވާއިރު، އޭނާ އޭރުވެސް ހޭހުރި ކަމަށް އިންޑޮނޭޝިއާގެ އިމަޖެންސީ ޚިދުމަތްދޭ ފަރާތްތަކާއި ހަވާލާދީ ނޫސްތަކުން ބުނެއެވެ.

މި ފްލައިޓާއި ކޮންޓްރޯލް ޓަވަރާއި ގުޅުން ކެނޑިފައި ވަނީ، މިއަދުގެ ހެނދުނުގެ ވަގުތެއްގައި ޓަނާމެރާ އިން ބޮވެންޑިގުލް އަށް ދަތުރު ފެށިތާ މާގިނައިރެއް ނުވަނީހެވެ. އެއާއި އެކު އެކަން ކަމާއި ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެވުނުއިރު، ފްލައިޓު ވެއްޓުނުތާ ގިނައިރެއް ނުވަނީސް ވަނީ ފެނިފައެވެ. ނަމަވެސް އެފަރާތްތަކަށް އެ ސަރަހައްދަށް ދެވުނުއިރުވެސް ކުޑަކުއްޖާ ފިޔަވައި އެ ފްލައިޓުން ދަތުރުކުރި އެންމެން ވަނީ މަރުވެފައި ކަމަށް އޮފިޝަލުން ބުނެއެވެ.

ސްވިޒަލޭންޑުން އުފައްދާފައިވާ އެ ފްލައިޓަކީ ޕިލާޓާސް ކުންފުނިން އުފައްދާފައިވާ ޕީސީ-6 ޕޯޓާގެ އެއް އިންޖީނުލީ ފްލައިޓެކެވެ. މި ފްލައިޓު ކޮންޓްރޯލް ޓަވަރާއި ގުޅުންކެނޑި ވެއްޓެން ދިމާވި ސަބަބެއް އަދި އެނގިފައިނުވާއިރު، ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް މިހާރު އިންޑޮނޭޝިއާގެ ކަމާއި ބެހޭ އިދާރާތަކުން ވަނީ ތަހުޤީޤެއް ފަށާފައެވެ.

މި ހާދިސާގައި ސަލާމަތްވި ކުޑަ ކުއްޖާއަށް މިހާރު އޮކްސިބިލް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އޭނާގެ ހާލު ރަނގަޅު ކަމަށް އޮފިޝަލުން ބުނެއެވެ. އެހެން ނަމަވެސް އޭނާ އާއި ބެހޭ އިތުރު މަޢުލޫމާތެއް އެފަރާތުން ހާމަކޮށްފައެއް ނުވެއެވެ.

ޖަންގަލި ބޮޑު، ފަރުބަދަމަތީ ސަރަޙައްދުތައް ގިނަ އިންޑޮނޭޝިއާގެ ދަތުރުފަތުރު ކުރުމުގެ އެންމެ މައި އެއް ނިޒާމަކީ ވައިގެދަތުރުފަތުރަށް ވާއިރު، އެޤައުމަކީ ނިސްބަތުންވެސް ނުރައްކާތެރި މިފަދަ ހާދިސާތައް އެންމެ ގިނައިން ހިނގާ އެއް ޤައުމުކަން ފާހަނގަކޮށްލެވެއެވެ. ރެކޯޑުތަކަށް ބަލާއިރު، އެޤައުމުން ވައިގެ މަގުންނާއި ކަނޑުމަގުން އަދި އެއްގަމުމަގުން ދަތުރުކުރި 260 މިލިއަން މީހުނަށް ވަނީ އެކިވަރުގެ އެކްސިޑެންޓުތަކާއި ކުރިމަތިވެފައެވެ.