މެކްސިކޯ އަސްކަރިއްޔާ އިން ހިންގި ވަރަށް ނުރައްކާތެރި އޮޕަރޭޝަނެއްގައި ދެޓަނުގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް އެގައުމުގެ އަސްކަރިއްޔާ އިން ބުނެފިއެވެ.

މެކްސިކޯ ކަނޑުގެ ސިފައިން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެންފައި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކޭން އެވެ.

މެކްސިކޯ އަސްކަރިއްޔާ އިން އާންމު ކޮށްފައިވާ ވީޑިއޯ އަކުން ފެންނަ ގޮތުގައި މަސްތުވާތަކެތި ބަރުކޮށްގެން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކުޑަ ލޯންޗެއް ހުއްޓުވަން ހެލިކޮޕްޓަރެއް ވަނީ މަސައްކަތް ކޮށްފައެވެ. ލޯންޗާއި ވަރަށް ކައިރިއަށް ހެލިކޮޕްޓަރު ތިރިކުރި ނަމަވެސް ލޯންޗް މަޑުކުރުމެއް ނެތި ވަނީ ރަށަކާއި ކައިރިކޮށްފައެވެ.

ހެލިކޮޕްޓަރު އަތިރިމައްޗަށް ތިރިކޮށް އެއިން ސިފައިން ފޭބުމުގެ ކުރިން ލޯންޗުން ދިހަ ވަރަކަށް މީހުން ފައިބާ މަންޒަރު ވެސް ވީޑިއޯ އިން ފެނެއެވެ.

https://www.youtube.com/watch?v=5d1HE8JC5Xg

މެކްސިކޯގެ އަސްކަރިއްޔާ އިން ބުނީ މަސްތުވާތަކެތި ބަރުކޮށްފައި އޮތް ލޯންޗްގައި ހުރީ ބާރު ސްޕީޑްގައި ދުއްވުމުގެ ގާބިލްކަން ލިބިފައިވާ ދެއައުޓްބޯޑް އިންޖީން އަޅާފައި ކަމަށެވެ. ލޯންޗުން ފެނުނު މަސްތުވާތަކެތި ބަންދުކޮށްފައި ހުރީ 75 ދަބަހުގައެވެ.

މިމައްސަލައިގައި އިކުއެޑޯ އެކަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާ އަކީ އެވަގުތު ލޯންޗްގައި އިން މީހެއް ކަމަށް މެކްސިކޯގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. ނަމަވެސް ލޯންޗްގައި ދެން ތިބި މީހުން ހައްޔަރުކުރީ ކަމެއް އެމީހުން ފިލައިގެން ދިޔައީ ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

މިއީ މަސްތުވާތަކެތި ނައްތާލުމަށް މެކްސިކޯ އިން ކުރާ ހަނގުރާމައިގެ ދަށުން ހިންގި އޮޕަރޭޝަނެކެވެ. އެންމެ ގިނައިން މަސްތުވާތަކެތި އުފައްދާ އެއް ގައުމު ކަމަށްވާ މެކްސިކޯ އިން ބޭރުކުރާ މަސްތުވާތަކެތި އުފުލުމަށް ގޭންގްތަކުން ސަބްމެރިން ވެސް ބޭނުން ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖޮއްބެ

    ތިޔަތަކެތި އަތުލައިގަނެވުނެއްކަމަކު އަދި ނުނިމެއެވެ. ތިޔަބާވަތުގެ ތަކެތި އުފައްދާ ތަންތަން ނައްތާނުލެވުނިއްޔާ އަނެއްކާވެސް އުފައްދާނެއެވެ.

  2. މަސްތު

    އަތުލައިގަނެވިފަ ތިޔައޮތީ. އެމީހުން ދުވެ ފިލައިން އެދިޔައީ. ދެން އޮންނާނީ ތިޔަ ސިފައިން ތިޔަވިޔަފާރި ކުރަންފެށުން އަޑިއަޑިން. ދިވެހިންވެސް ހަދަނީއެހެނެއްނު، އަތުލައިގަނެ އަބަދުވެސް. އެކަމަކު އަތުލާއެއްޗިއްސަސް ވާނުވާއެއް ނޭންގޭ.. މާފަހުން އަންގާނެ ނައްތާލިވާހަކަ. އެކަމަކު ނައްތާލާނީ އޭގެ ފޭކުބައެއް.