ސީރިޔާގެ އުތުރުއިރުމަތީގައި އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮންނަ އިދްލީބް ޕްރޮވިންސްގައި ހުރި ހަތިޔާރު ގުދަނެއް ގޮވައި އާންމުންގެ 39 މީހުން މަރުވެއްޖެއެވެ.

އެގުދަން ގޮވުމުގެ ސަބަބުން މަރުވި މީހުންގެ ތެރޭގައި އެތައް ކުޑަކުދިންވެސް ހިމެނޭ ކަމަށް ސީރިޔާގެ ކަމާބެހޭ ވުޒާރާތަކުން މައުލޫމާތުދެއެވެ. ހަތިޔާރު ގުދަން ގޮވުމާއެކު އޭގެ އަސަރުކޮށް އެތާ ކައިރީގައި ހުރި އުސް ދެ އިމާރާތެއް ބިމާހަމަވި ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވަމުން ދާ ވައިޓް ހެލްމެޓް ޓީމުތަކުން އަންނަނީ ބުލްޑޯޒަރު ފަދަ ވަސީލަތްތަށް ބޭނުން ކޮށްގެން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން ކަމަށް ސީރިޔާގެ އޮފިޝަލުން މައުލޫމާތު ދެއެވެ.

އެހިސާބުގައި އެވަގުތު ހަރަކާތްތެރިވި މުރާސިލަކާއި ހަވާލާދީ ރޮއިޓާސް އިން ރިޕޯޓް ކުރި ގޮތުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން ދިރިތިބި ފަސްމީހުން ނެރުނު މަންޒަރު އޭނާއަށް ފެނުނު ކަމަށެވެ.

ސީރިޔަން އޮބްޒަވޭޓަރީ ފޮރ ހިއުމަން ރައިޓްސްގެ ވެރިޔާ ރާމީ އަބްދުއްރަހްމާން އެ ހާދިސާ އާއި ބެހޭގޮތުން މައުލޫމާތު ދެއްވިގޮތުގައި ގޮވި ހަތިޔާރު ގުދަނަކީ އާންމުން ދިރިއުޅޭ އިމާރާތެއްގައި ހުރި ގުދަނެއް ކަމަށެވެ. އަދި އެ ގުދަނުގައި ގޮވީ ކޯޗެއްކަމެއް އަދި ސާފު ނުވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިހާދިސާގައި މަރުވި ގިނަމީހުންނަކީ، ސީރިޔާ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ ހަޔާތު ތަހްރީރުއްޝާމް ޖަމާއަތުގެ މެމްބަރުންގެ އާއިލާގެ މެމްބަރުން ކަމަށްވެއެެވެ.

އިދްލީބް ޕްރޮވިންސްގެ ބޮޑުބައެއް ކޮންޓްރޯލް ކުރަނީ ހަޔާތު ތަހްރީރުއްޝާމްއާއި، އެ ޖަމާއަތް ބައިވެރިވާ ހަނގުރާމަވެރި އިއްތިހާދުންނެވެ. ސީރިޔާ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައި އޮންނަނީ އިދްލީބުގެ ކުޑަ ތަންކޮޅެއްކަން ފާހަގަ ކޮށްލެވެއެވެ.

ސީރިޔާ ސިފައން ގެ ބާރުގެދަށަށް އިދުކޮޅު ހަނގުރާމަވެރިންގެ އަތްދަށުގައި ހުރި ތަންތަން ގެނައުމަށް ވަރުގަދަ އޮޕަރޭޝަންއެއް ެގައުމުގެ ރައީސް ބައްޝާރުލް އަސަރުގެ ވަފާތެރި ސިފައިން ވަނީ ފަށާފައެވެ.