ރަޝިޔާ އިން އާ ނިއުކްލިއާ ހަތިޔާރުތަކެއް އިޖާދުކޮށްފައިވާ ކަމަށް އެގައުމުގެ ރައީސް ވްލަޑިމިއާ ޕޫޓިން ވިދާޅުވެއްޖެއެވެ.

ސްޓޭޓް ޔޫނިއަންގައި ވާހަކަފުޅު ދައްކަވަމުން ޕޫޓިން ވަނީ އަލަށް އީޖާދުކުރެވުނު ނިއުކްލިއާރ ހަތިޔާރުތަކުގެ ވިޑިއޯ ފުޓޭޖު ވެސް އާންމުކޮށްފައެވެ. ޕުޓިން ވިދާޅުވި ގޮތުގައި މި އާ ނިއުކްލިއާރ ހަތިޔާރުތަކުގެ ތެރޭގައި އާ އިންޓަ ކޮންޓިނެންޓަލް ބެލިސްޓިކް މިސައިލްއެއް އަދި ސަބްމެރިންއެއް ބޭނުންކޮށްގެން ލޯންޗުކުރެވޭ ދުރު ރާސްތާ މިސައިލެއް ވެސް ހިމެނެއެވެ.

މީގެ އިތުރުންވެސް ކަނޑު އަޑީގެ ނިއުކްލިއާރ ޑްރޯން، އަދި އާ ލޭޒާރ ހަތިޔާރުތަކެއްގެ މައުލޫމާތުވެސް ރަޝިޔާގެ ރައީސް ޕުޓިން ވަނީ މި ވާހަކަކޮޅުގައި ހިމަނައިފައެވެ. ވްލަޑިމިއާރ ޕުޓިންގެ މި ވާހަކަ ކޮޅަކީ ރަޝިޔާގެ ރިޔާސީ އިންތިހާބާއި އަމާޒުކޮށް ދެއްވި ހިތާބެއްކަމުގައި ބެލެވިފައިވާއިރު މިއީ ހުޅަނގުގެ ގައުމުތަކަށްވެސް ދެވިގެންދިޔަ އިންޒާރުގެ މެސެޖެއްގެ ގޮތުގައި ބައިނަލްއަގްވާމީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ވަނީ ސިފަކޮށްފައެވެ.

ރަޝިޔާގެ ރައީސް ޕުޓިން ވަނީ އަލަށް އީޖާދުކުރެވުނު މި ހަތިޔާރުތަކަކީ އެމެރިކާއިން ކުރިއަށްގެންދާ މިސައިލްތަކުން ދިފާއުވުމުގެ ނިޒާމްތައް ތަރައްގީކުރުމަށް ކުރެވޭ މަސައްކަތްތަކަށް ދެވިގެންދިޔަ ރައްދެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.

ރަޝިޔާގެ ރައީސްގެ މި ބަސްތަކަކީ ބައިނަލްއަގްވާމީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކޭގޮތުގައި އެމެރިކާ ފަދަ ގައުމުތަކަށް ރަޝިޔާ ހިތްހަމަނުޖެހޭފަދަ ގޮތަކަށް އަމަލުނުކުރުމަށް ދެވޭ އިންޒާރެކެވެ.

އަދި ރަޝިޔާގެ އިންތިހާބުގައި ރަޝިޔާގެ ރައްޔިތުންނަށް އެގައުމުގެ ސަލާމަތީ ކަންކަމާއި ބެހޭގޮތުން ހިތްހަމަޖައްސައި ދިނުމަށް ވެސް ދެވިގެންދާ މެސެޖެއްގެ ގޮތުގައި މި ފަރާތްތަކުން ވަނީ މި ހިތާބު ސިފަކުރައްވައިފައެވެ.

ރަޝިޔާގައި މިމަހުގެ 18 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޙާބު ކާމިޔާބުކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ފަރާތަކީ ވްލަޑިމިއާރ ޕުޓިންއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮބާ އިންޑިއާ ނޫޅޭތަ މި ކަމަށް ރައްދެއް ދޭކަށް!!

  2. ސާބަހޭ !