އެމެރިކާގެ ޕެންސިލްވޭނިޔާގައި ހުންނަ ނަޞާރާ ދީނުގެ ފައްޅިއެއްގައި، 1000 އަށް ވުރެ ގިނަ ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްފައިވާކަން ފަޅާ އަރައިފިއެވެ. އެކި ގޮތްގޮތުން ހާހަކަށްވުރެ ގިނަ ކުދިންނަށް ޖިންސީ ގޯނާކޮށްފައިވާ މައްސަލަ ފެންމަތިވެފައިވަނީ، ޕެންސިލްވޭނިޔާގެ ސަރުކާރުން، މައްސަލަ ތަޙުޤީޤު ކުރުމަށްފަހު ކޯޓަށް ހުށަހެޅުމުންނެވެ.

ޕެންސިލްވޭނިޔާގެ އެޓާނީ ޖެނެރަލްގެ ފަރާތުން މައްސަލަ ހުށަހަޅާފައިވާއިރު، 300 އަށްވުރެ ގިނަ ފާދިރީން، މިކަމުގެ ކުށްވެރިވާކަމަށް ވަނީ ހުށަހަޅާފައެވެ. ހަމައެހެންމެ، ފައްޅިތަކުގެ ބޮޑުންނަށް ނުވަތަ ބޮޑު ފާދިރީންގެ މަޤާމުގައި ތިބި މީހުން، މިކަންތައް ފޮރުވުމަށް މަސައްކަތް ކޮށްފައިވާކަންވެސް ވަނީ ހާމަވެފައެވެ.

މައްސަލަ ބަލާ ކޯޓުގެ ޖޫރީން ބުނެފައިވާ ގޮތުގައި، ފައްޅިތަކުގައި މަސައްކަތް ކުރާ ފާދިރީންގެ ފަރާތުން ޖިންސީ ގޯނާ ލިބިގެން ރިޕޯޓުކޮށްފައިވަނީ ސީދާ 1000 މައްސަލަ ކަމުގައިވިޔަސް، މި އަދަދު އެއަށްވުރެ އިތުރުވާނެއެވެ. ސަބަބަކީ، ބައެއް މައްސަލަތައް ގެއްލިފައިވުމާއި، ބިރުގެ ސަބަބުން ބައެއް ފަރާތްތަކުން، މައްސަލަ ރިޕޯޓުކުރަން ޖެހިލުންވުންކަމަށް، އެފަރާތުން ބުނެފައިވެއެވެ.

ޕެންސިލްވޭނިޔާގެ އެޓާނީ ޖެނެރަލް، ޖޯޝް ޝަޕިރޯ ބުނެފައިވާ ގޮތުގައި، ދެ އަހަރު ދުވަސް ވަންދެން ކުރި ތަހުގީގުން، އެމެރިކާގައި ތިބި ފާދިރީންގެ އިތުރުން، ވަޓިކަން ސިޓީގައި ތިބި ފާދިރީންވެސްވަނީ، މި މައްސަލަތައް އޮއްބާލުމަށް މަސައްކަތް، މިކަންކަން ސިއްރުކުރުމަށް މަސައްކަތްކޮށްފައެވެ. ވަޓިކަން ސިޓީއަކީ، ރޯމަން ކެތަލިކުންގެ އެންމެ އިސް ތަން ކަމުގައި އެބައިމީހުން ބަލާ ތަނެވެ.

ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުން، ފާދިރީންގެ ފަރާތުން ޖިންސީ ގޯނާ ލިބިފައިވާ ކުދިންގެ ތެރޭގައި ގިނައިން ހިމެނެނީ ފިރިހެން ކުދިންނެވެ. އެހެންނަމަވެސް، އޭގެތެރޭގައި އަންހެން ކުދިންވެސް ހިމެނޭކަމަށްވެއެވެ.

މި ފަރާތްތަކުން މިކަން ކޮށްފައިވަނީ، ކޮންމެވެސް ކުޅިވަރެއް ނުވަތަ ރެސްލިން ތެޅުމުގެ ބަހަނާގައިކަމަށްވެސް، ޕެންސިލްވޭނިޔާގެ ސަރުކާރުން ކޯޓަށް ވެއްދި މައްސަލައިގައި ބުނެފައިވެއެވެ.

1950 ވަނަ އަހަރުން ފެށިގެން، މި ކަންތައްތައް މި ގޮތަށް ހިނގަމުން އަންނަކަމަށް ފާހަގަކުރެވިފައިވާއިރު، ކުރީގެ މައްސަލަތަކީ، މިހާރު އެޤައުމުގެ ކޯޓުތަކުން އިންސާފު ލިބޭނެ މައްސަލަތަކަކަށްވެސް ނުވެއެވެ.