ލަންކާގެ ނޫސްވެރިއަކު ރަހީނުކޮށް އަނިޔާ ކުރި ކަމުގެ ތުހުމަތު ލަންކާގެ ކުރީގެ ރައީސް މަހިންދުރަ ރާޖަޕަކްސަގެ މައްޗަށް ކޮށްފިއެވެ.

ލަންކާގެ ނޭޝަން ނިއުސްޕޭޕަގެ ނޫސްވެރިޔާ އަދި އެޑިޓަރު ކެއިތު ނޯޔަ 2008 ވަނަ އަހަރު ރަހީނުކޮށް އަނިޔާ ކުރި މައްސަލާގައި ސްރީލަންކާގެ ކުރީގެ ރައީސް މަހިންދުރަ ރާޖަޕަކްސަގެ ބަޔާނެއް ނަގަން ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމެންޓަށް ހާޒިރުވާން މިހާރު ވަނީ އަމުރު ހަވާލުކޮށްފައެވެ.

މި މައްސަލާގައި ލަންކާގެ މިލިޓަރީ އިންޓެލިޖެންސްގެ ކުރީގެ ޑިރެކްޓަ މޭޖަ ޖެނެރަލް އަމާލު ކަރުނެސަކަރަ ހައްޔަރުކޮށް އޭރުގެ ބައެއް އިސްވެރިންގެ ބަޔާންތައް މިހާރު ވެސް ވަނީ ނަގާފައެވެ.

އަދި މި މައްސަލާގައި ކުރީގެ ޑިފެންސް ސެކެރެޓަރީ ގޮތަބާޔަ ރާޖަޕަކްސައާއި، މަޖިލީހުގެ ރައީސް ކަރު ޖަޔަސޫރިޔާގެ ބަޔާން ވަނީ ނަގާފައެވެ.

ރާޖަ ޕަކްސަގެ ވެރިކަމުގައި ސަރުކާރާ ދެކޮޅަށް އަޑު އުފުލި ލަންކާގެ ބައެއް ނޫސްވެރިން ވީނުވިއެއް ނޭނގި ގެއްލިފައިވާކަމަށް ލަންކާގެ އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. ކެއިތު ނޯޔައަކީ އެގޮތަށް ގެއްލުމަށްފަހު އެނބުރި އައި ހަމަ އެކަނި ނޫސްވެރިޔާއެވެ.

2015 އަހަރު ސްރީލަންކާގައި ބޭއްވި އާއްމު އިންތިހާބުގައި ކުރީގެ ރައީސް މަހިންދްރަ ރާޖަޕަކްސަ ވަނީ ބަލިވެފައެވެ. ރާޖަޕަކްސަގެ ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސްއަށް އިންތިހާބު ގެއްލުނު ނަމަވެސް ރާޖަ ޕަކްސަވަނީ މަޖިލީހަށް އިންތިހާބުވެވަޑައިގެންފައެވެ. ރާޖަޕަކްސަ ކާމިޔާބު ކުރައްވާފައިވަނީ ކަރުނެގަލާގެ ހުޅަނގު އުތުރު ޑިސްޓްރިކްޓްގެ ގޮނޑިއެވެ.

ރާޖަޕަކްސަގެ ޕާޓީއަށް އިންތިހާބު ނާކާމިޔާބުވެ، ބޮޑުވަޒީރު ކަމަށް އައުމަށް ކުރި މަސައްކަތް ފެއިލް ވުމުން ހަރަކާތްތެރިވާން ޖެހިވަޑައިގަންނަވާނީ އިދިކޮޅު މަޖިލީސް މެމްބަރެއްގެ ހައިސިއްޔަތުންނެވެ.

ކިޔުންތެރިންގެ ހިޔާލު