2022 ވަނަ އަހަރު އަންނަންވާއިރަށް، އިންޑިޔާ އިން ޖައްވަށް އިންސާނަކު ފޮނުވާނެކަމަށް، އެޤައުމުން ހާމަކޮށްފިއެވެ. އެކަން ހާމަކޮށްފައިވަނީ، އިންޑިޔާގެ މިނިވަން ދުވަސް ފާހަގަކުރުމަށް، މިއަދު ބޭއްވި އިހްތިފާލުތައް ޝަރަފުވެރިކޮށްދެއްވާ، އެޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެއްކެވި ވާހަކަފުޅުގައެވެ.

މިނިވަން ދުވަހުގެ ރަސްމީ ހަރަކާތުގައި ދެއްކެވި ވާހަކަފުޅުގައި މޯދީ ވިދާޅުވެފައިވަނީ، އިންޑިޔާ އިން ޖައްވަށް ފޮނުވާ މީހަކީ ފިރިހެނެއްކަމަށްވެސް އަދި އަންހެނެއްކަމަށްވެސް ވެދާނެކަމުގައެވެ. އަދި، ކުޅަދާނަކަން ލިބިފައިވާނަމަ، އިންޑިޔާގެ ޤައުމީ ތިން ކުލަވެސް، ޖައްވުގައި ވިހުރާލާނެކަމަށް އޭނާ ބުނެފައިވެއެވެ.

އިންޑިޔާއަށް ޖައްވަށް މީހަކު ފޮނުވާނެ- ފިރިހެނެއް ނުވަތަ އަންހެނެއް- 2022 ވަނަ އަހަރު އަންނަންވާއިރަށް. އޭގެ ކުރިން ވާކަމުގައިވާނަމަ، އިންޑިޔާގެ ޤައުމީ ތިން ކުލަ، ޖައްވުގައިވެސް ވިހުރާލާނަން." ނަރެންދުރަ މޯދީ، މިއަދު ވިދާޅުވެފައިވެއެވެ.

އެޤައުމުން ޖައްވަށް އިންސާނަކު ފޮނުވައިފިކަމުގައިވާނަމަ، އެއީ ޖައްވަށް މީހަކު ފޮނުވި ހަތަރުވަނަ ޤައުމުގެ ޝަރަފު ލިބިގެންދާނެއެވެ. އެގޮތުން، މީގެކުރިން، ރަޝިޔާ، އެމެރިކާ އަދި ޗައިނާ އިންވަނީ ޖައްވަށް މީހަކު ފޮނުވާފައެވެ.

އިންޑިޔާ އިން އެޤައުމުގެ ޖައްވީ މަސައްކަތްތަކާއި ދިރާސާތައް ކުރިއެރުވުމަށް ކުރާ މަސައްކަތްތައް، ހަލުވި މިނެއްގައި ދަނީ ކުރަމުންނެވެ. އެޤައުމުން، އެމަސައްކަތްތައް، ކުރަމުންދަނީ އެހެން ޤައުމުތަކާ އަޅާ ބަލާއިރު ކުޑަ ޚަރަދެއް ކޮށްގެންނެވެ. އިންޑިޔަން ސްޕޭސް ރިސާޗް އޮގަނައިޒޭޝަން (އައިއެސްއާރްއޯ) އަށް ކޮންމެ އަހަރަކުވެސް 1.6 ބިލިޔަން ޑޮލަރުގެ ބަޖެޓެއް ހަމަޖައްސައިދީފައި އޮންނައިރު، މިއީ އެމެރިކާގެ ބަޖެޓަށް ވުރެ 10 އިންސައްތަ އަދި ރަޝިޔާގެ ބަޖެޓަށް ވުރެ 15 އިންސައްތަ ކުޑަ އަދަދެކެވެ.

ރޮކެޓާއި މިސައިލު އަދި ސެޓެލައިޓު ދޫކުރުމުގައިވެސް އިންޑިޔާ އިން އައު އުސްމިންތަކެއް ހާސިލުކޮށްފައިވާއިރު، އިންޑިޔާ އަކީ، މާސް އަށް ވަސީލަތެއް ފޮނުވާފައިވާ މަދު ޤައުމުތަކުގެ ތެރެއިން އެއް ޤައުމެވެ. އެޤައުމުން، އެކަން ކޮށްފައިވަނީ ރިކޯޑު މިންވަރަށް ކުޑަ ބަޖެޓެއްކަމަށްވާ 74 މިލިޔަން ޑޮލަރަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބުއްޅަބޭ

    2022 އަންނަންވާއިރަށް ރޭޕްކުރުމާއި، އަންހެނުންނާއި ގަދަކަމުން ކައިވެނި ކުރުން ހުއްޓުވަން އަދި ކުޑަ އަންހެން ދަރިން އުފަންވުމުގެ ކުރިން މަރާލުން ހުއްޓާލަން އުޅުނީއްޔާ މާތާހިރުނޫންތަ!

  2. ސުވާލު

    ކީއްވެބާ އެޝަރަފު ގެރިއަކަށް ނުދިނީ؟؟؟

  3. ވާނުވާ

    ޓޮއިލެޓް އެއް ވެސް ވާނެ ފޮނުވަން

  4. ގަމާރުމޯލްޑިވިއަން

    ދެން ފޮނުވާނީ ރާއްޖޭން.އެކަމަކު ހިޔެއްނުވެ ގަމާރު ކަމުން ހޮވާބެ ހެން