އެމެރިކާގައި އުމުރުން 13 އަހަރުގެ ސްކޫލު ދަރިވަރަކު އޭނާ ކިޔަވަމުން ދިޔަ ސްކޫލަށް ބަޑީގެ ހަމަލާއެއް ދޭން ރާވައި ފަހުން ހިޔާލު ބަދަލުވެ އަމިއްލަ ބޮލަށް ބަޑިޖަހައިގެން މަރުވެއްޖެވެ.

އެމެރިކާގެ މެލިސަންގެ އޮހިއޯ އަށް ނިސްބަތްވާ މިދަރިވަރު އޭނާ ކިޔަވަމުން ދިޔަ އިސްކޫލަށް ހަމަލާއެއް ދޭން ރޭވި ކަމުގެ ސާފު ހެކި ފުލުހުން ވަނީ އޭނާގެ މޯބައިލް ފޯނުން ހޯދާފައެވެ.

އެމެރިކާގެ ޖެކްސަން މިޑްލް ސްކޫލުގެ އުމުރުން 13 އަހަރުގެ ކެއިންތް ސިމޯން މަރުވެފައި އޮއްވާ ފެނުނީ އޭނާ ކިޔަވަމުން ދިޔަ ސްކޫލުގެ ފާހަނާ ތެރެއިންނެވެ. އަދި ހަމަ އެތަނުން ކެއިންތް ސިމޯން އަމިލައަށް މަރުވާން ބޭނުން ކުރި ބަޑިވެސް ވަނީ ފެނިފައެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު ފުލުހުން ބުނެފައިވަނީ ކެއިންތް ސިމޯން ފާހަނައިން ނިކުތީ ހަމަލާދޭން ބަޑި ހިފައިގެން ކަމަށެވެ. ނަމަވެސް ފަހުން ހިޔާލު ބަދަލުވެ އައްމިލަ ބޮލަށް ބަޑިޖެހީ ކަމަށެވެ.

މިކަހަލަ އެތަކެއް ހާދިސާއެއް އެމެރިކާގައި ތަކުރާރުވަމުން އަންނަ އިރު ދާދި ފަހުން އެމެރިކާގެ އޯލަންޑޯގެ ނައިޓްކްލަބެއްގައި ބަޑިން ހަމަލާދީ 49 މީހަކު މަރާލުމާ ގުޅިގެން އެގައުމުގެ ސެނެޓަށް ހުށަހެޅި ބަޑި ވިއްކުން ކޮންޓްރޯލު ކުރުމާ ބެހޭ ހަތަރު ބިލެއް ސެނެޓުން ވަނީ ބޭރުކޮށްލާފައެވެ.

އެމެރިކާގެ ފްލޮރިޑާގެ ސްކޫލެއްގެ ތެރޭގައި ބަޑި ޖަހައި 17 މީހަކު މަރުވި ހާދިސާއަށް ފަހު އެފަދަ ހާދިސާތައް ތަކުރާރު ނުވުމަށް ހޯދަން ޖެހޭ ހައްލެއް ކަމަށް އެގައުމުގެ ރައީސް، ޑޮނަލްޑް ޓްރަމްޕް ހުށައެޅި ހައްލަކީ ޓީޗަރުން އަތަށް ހަތިޔާރު ދިނުމެވެ.

ޓްރަމްޕް ބުނެފައިވަނީ ޓީޗަރުންނަކީ ހަތިޔާރާއެކު ހަރަކާތްތެރިވާ ބަޔަކަށް ވެފައިވާނަމަ އެފަދަ ހާދިސާއެއް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހުއްޓުވޭނެ ކަމަށެވެ.