ބޮޑު ރާޅަކާއި އެކު އެތައް ހާސް ކިލޯގެ ކުނިތައް ރަށުތެރެއަށް އަރާ ވިޑިއޯއެއް އާންމުވެއްޖެއެވެ.

މި ވީޑިއޯއިން ފެންނަނީ އެކި ފަހަރު މަތިން ކަނޑަށް އަޅާފައިވާ އެތައް ހާސް ކިލޯގެ ކުނި އަނބުރާ ރާޅުތަކާ އެކު ފިލިޕީންސްގެ މެނިލާ ބޭއަށް އަރާތަނެވެ.

މި ހާދިސާ ހިންގީ މޫސުން ގޯސްވެ ދިޔަވަރު ބޮޑުވެގެން އުފެދުނު ރާޅަކުނެވެ. މި ވީޑިއޯއިން ފެންނަނީ ބޮޑެތި ރާޅުތަކާ އެކު ޕްލާސްޓިކް ކުނި ރަބަރާއި، ފުޅިމަދާއި ލަކުޑި ފަދަ ބާވަތުގެ ކުނި ރާޅާއެކު ލައްގާ ތަނެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ރާޅު ޖަހާ ހިސާބުގައި އެކުނިތައް ދުރަށް ޖެއްސުމުގެ މަސައްކަތް ކުރާ ތަން ފެނެއެވެ.

https://m.youtube.com/watch?v=IBh-asLQqBM

މެނީލާގެ ޑިޕާޓްމަންޓް އޮފް ޕަބްލިކް ސާވިސް އިން ބުނީ ރާޅާއެކު އެރި ކުނީގެ ސަބަބުން އުޅަނދުތަކާއި އިމާރާތްތަކަށް ގެއްލުން ލިބިފައިވާއިރު އެކަމާ ގުޅިގެން އެ ރަށުގެ ހުރިހާ ސްކޫލް ތަކެއް ބަންދު ކޮށްފައިވާ ކަމަށެވެ.

ކުނި މަގުތަކުގައި ގިނަވެ ޓްރެފިކްގެ މައްސަލަ ދިމާވެފައި އޮތުމުން ޑިޕާޓްމަންޓް އޮފް ޕަބްލިކް ސާވިސް އިން ވަނީ ކުނިތައް ސާފް ކުރުމަށް ގިނަ ބަޔަކު ނެރެފައެވެ.

މިފަދަ ހާދިސާ ތަކަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި އާންމުކޮށް ހިންގާ ކަންކަމެވެ. މިދިޔަ މަހު 22 ވަނަ ދުވަހު ޑޮމިނިކަން ރިޕަބްލިކް އަށް ވެސް ގިނަ އަދަދެއްގެ ކުނިތަކެއް ލައްގާފައިވެއެވެ. މީގެ އިތުރުން މިދިޔަ މަހު 15 ގައި އިންޑީއާގެ މުމްބާއި އަށް ވެސް ބޮޑެތި ރާޅުތަކާ އެކު މޫދަށް އުކާފައިވާ ކުނިތައް އެއްވެ، އަނބުރާ ގޮޑުދޮށަށް އަރާފައިވެއެވެ.