މީގެ އަހަރުތަކެއް ކުރިން އަލިފާން ފަރުބަދައެއް ގޮވައި އަޅިއަށްވެގެންދިޔަ އަވަށެއް ބިމުގެ އަޑީގައި ހީނުކުރާހައި ގިނަ ޢަދަދަކަށް ދިޔާ އަލިފާން (ލާވާ)ގެ ކޯރެއް އުފެދި ދައުރުވަމުންދާ ކަމަށް ދިރާސާވެރިން ބުނެފިއެވެ.

އެމެރިކާގެ ޖިއޮލިޖިކަލް ސާވޭ (ޔޫއެސްޖީސް) އިން ބުނެފައިވަނީ، ކެލެފޯނިއާގެ އިރުމަތީ ސަރަޙައްދުގައި އޮންނަ ލޯންގް ވެލީގެ ބިމުގެ އަޑިން އަލިފާނުގެ ކޯރެއް 1000 ކިއުބިކް ކިލޯމީޓަރުގެ ސަރަޙައްދަކަށް ފެތުރިފައިވާކަމަށާއި، އެ އަލިފާން ވަނީ ބިމުގެ ފަށަލަތަކެއްގެ ދެމެދުގައި ކަމަށެވެ. މިއީ މީގެ 760،000 އަހަރު ކުރިން އާދަޔާއި ޚިލާފަށް ބިޔަ އަލިފާން ފަރުބަދައެއް ގޮވައި ބޮޑު ހާދިސާއެއް ހިނގާފައިވާ ސަރަޙައްދެއް ކަމުގައިވާއިރު، ބިމުއަޑީގައި ވަނީ އެ ފަރުބަދަ ގޮވުމަށް މެދުވެރިވީ ލާވާ ކަމަށް އެފަރާތުން ޤަބޫލުކުރެއެވެ.

ދިރާސާވެރިން ބުނެފައިވާގޮތުގައި، ލޯންގް ވެލީ ސަރަޙައްދުން ބިމުގެ އަޑީގައި އުފެދިފައިވާ ލާވާގެ ސަބަބުން އެ ސަރަޙައްދުގެ ބިމުގެ އަޑީގައި ދަނީ ޕްރެޝަރު އުފެދެމުންނެވެ. މިކަމުގެ ސަބަބުން ބިންގަނޑު އުފުލި އިތުރު ބާރުގަދަ ގޮވުމެއް ގޮވައި އަވަށް އެކީ އަނދައި ހުލިވުމުގެ ފުރުސަތުވެސް އޮތްކަމަށް އެފަރާތްތަކުން ބުނެއެވެ.

މީގެ އެތައް އަހަރެއް ކުރީން ލޯންގް ވެލީގައި ގޮވިފަދަ ގޮވުމެއް އަނެއްކާވެސް ތަކުރާރުވެދާނެ ކަމަށް ބެލެވިފައިވާ މި ދަނޑިވަޅުގައި، އެ ސަރަޙައްދުގެ ބިމުގެ އަޑީގައި ހިނގަމުންދާ ކަންކަން ބެލުމަށް ދިރާސާވެރިންގެ ޚާއްސަ ޓީމުތަކަކުން މިހާރު މަސައްކަތް ކުރަމުން އަންނައިރު އެފަރާތްތަކުން ހޯދި ހޯދުންތައް އަދި ހާމަކޮށްފައެއް ނުވެއެވެ.

ލޯންގް ވެލީ ސަރަޙައްދަކީ ބިމުގެ އަޑީގައިވާ ފޯލްޓެއްގެ ސަބަބުންވެސް ބިމުގެ އަޑީގައި ޕްރެޝަރު އުފެދެމުން އަންނަ ސަރަޙައްދެއް ކަމަށް ވެއެވެ. މިކަމުގެ ސަބަބުން އެ ސަރަޙައްދަށް އާދަޔާއި ޚިލާފަށް ގިނައިން ބިންހެލުން އަންނަމުންދެއެވެ.

އެ ސަރަޙައްދުގެ އަޑީގައިވާ ގިނަ ޢަދަދެއްގެ އަލިފާން، ގޮވުމެއްގެ ގޮތުގައި ބޭރުވެ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމުގެ ބިރު އޮތްނަމަވެސް، އެފަދަ ކަމެއް ހިނގާނީ ސީދާ ކޮން އިރެއްގައި ކަމެއް ހޯދައިގަނެވިފައެއް ނުވެއެވެ. އަދި އެއީ ދިރާސާތަކުން ހޯދޭނެ ކަމެއްވެސް ނޫންކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަހުރަބު

    މީ އަހަރުމެންނަށް މީގެ ސާދަ ސަތޭކަ އަހަރު ކުރީގައި އެނގި ބާވެފައި ހުރި ކަންތަކެއް. ﷲ އަކުބަރު