ކޯފީ އަނާނަކީ ދިވެހިންނަށް ބީރަށްޓެހި ނަމެއް ނޫނެވެ. ދުނިޔޭގެ ޤައުމުތައް ގުޅިގެން އުފައްދާފައިވާ، ދުނިޔޭގެ އެންމެ ބޮޑު ޖަމިއްޔާކަމުގައިވާ އެކުވެރި ދައުލަތްތައް (އދ) ގެ ހަތްވަނަ އަމީން އާއްމު ނުވަތަ ސެކެރެޓަރީ ޖެނެރަލް އަކީ، ދުނިޔެއަށް ވަރުގަދަ ކަންތައްތަކެއް ކުރިމަތިވެގެން ދިޔައިރު، އެޖަމިއްޔާގެ ހުންގާނުގައި ހިފަހައްޓައިގެން ހުރި ކައްޕިތާނެވެ.

އުމުރުން 80 އަހަރުގައި، މިއަދު ހެނދުނު އޭނާ އަވަހާރަވެފައިވާއިރު، އޭނާގެ ޒާތީ ހަޔާތާއި، އދ.ގައި އޭނާ ކުރައްވާފައިވާ ބައެއް މަސައްކަތްޕުޅަށް، މި ރިޕޯޓުގައި އަލިއަޅުވާލާނަމެވެ.

ޒާތީ ދިރިއުޅުން

ކޯފީ އަނާން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންފައިވަނީ 1938 ވަނަ އަހަރުގެ އޭޕްރީލް މަހުގެ އަށްވަނަ ދުވަހުއެވެ. ޤާނާ އަށް އުފަން ކޯފީ އަނާން، އުފަންވެފައިވަނީ އެޤައުމުގެ ގޯލްޑް ކޯސްޓުގެ ކޮމައިސީ އަވަށަށެވެ.

އޭނާ، ދެ ބޭފުޅުންނާ ކައިވެނި ބައްލަވައިގެންފައިވެއެވެ. އެއީ، ޓީޓީ އަލަޖިކާ އަދި ނާނޭ މާރިޔާ ލެގާގްރެން އެވެ. އޭނާއަށް ތިން ބޭފުޅުން ލިބިލައްވާފައިވާއިރު، މިއަދާ ހަމައަށް، އޭނާ ހުންނެވީ މާރިޔާއާ ކައިވެނި ބައްލަވައިގެންނެވެ.

މީގެއިތުރުން، އޭނާވަނީ މައިގަނޑު ތިން ދާއިރާއަކުން މަތީ ތައުލީމް ޙާޞިލު ކުރައްވާފައެވެ. އެއީ، އިޤުތިޞާދީ ދާއިރާ، އިންޓަނޭޝަނަލް ރިލޭޝަންސް އަދި މެނޭޖްމަންޓުގެ ދާއިރާއެވެ.

އދ.ގައި ކޯފީ އަނާން

އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާގެ މަސައްކަތަށް، ކޯފީ އަންނާން އެންމެ ފުރަތަމަ ނިކުމެފައިވަނީ 1962 ވަނަ އަހަރުއެވެ. ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) ގެ ވަޒީފާއަކުން، އދ.ގެ ބޮޑު އާއިލާއާ އޭނާ ގުޅިފައިވާއިރު، އޭނާ މަސައްކަތް ކުރައްވަމުން ގެންދެވީ ސްވިޓްޒަލެންޑުގެ ޖެނީވާގައެވެ. އޭނާ އެންމެ ފުރަތަމަ އަދާކުރައްވަމުން ގެންދެވީ، ޑަބްލިޔު.އެޗް.އޯގެ ބަޖެޓު އޮފިސަރެއްގެ މަޤާމުންނެވެ.

އެހެންކަމުން، އޭނާއަކީ ޑަބްލިޔު.އެޗް.އޯ ގެ އާދައިގެ ބަޖެޓު އޮފިސަރެއްގެ މަޤާމުން، އެންމެ ބާރުގަދަ ސެކެރެޓަރީ ޖެނެރަލްގެ މަޤާމަށް އެރުއްވި މީހެކެވެ.

ޞިއްޙަތު ޖަމިއްޔާގައި، އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވުމަށްފަހު، އޭނާވަނީ އެނބުރި، އުފަން ޤާނާ އަށް ވަޑައިގަންނަވާފައެވެ. އުފަން ޤައުމަށް ވަޑައިގެން، އޭނާ އަދާކުރައްވާފައިވަނީ، ޤައުމީ ފެންވަރުން ބަލާކަމުގައިވާނަމަ، އިސް ފަންތީގެ މަޤާމެކެވެ. އެއީ، އެޤައުމުގެ ފަތުރުވެރިކަމާ ބެހޭ އިދާރާގެ ޑިރެކްޓަރުކަމުގެ މަޤާމެވެ. 1974 ވަނަ އަހަރުން 1976 ވަނަ އަހަރާ ހަމައަށް، އޭނާ އެމަޤާމުގައި ދެމިހުންނެވިއެވެ.

ކޯފީ އަނާން

އެއަށްފަހު، އަނެއްކާވެސް އޭނާވަނީ އދ. އާ ގުޅިފައެވެ. އެޖަމިއްޔާގެ ރެފިއުޖީންނާ ބެހޭ އޮފީހުގެ އިސް މަޤާމެއް، ކޯފީ އަނާން ފުރުއްވަން ފެއްޓެވިއެވެ. އެއީ، 1980 ވަނަ އަހަރުއެވެ. އެހެންނަމަވެސް، ހަމަ އެއަހަރުގެ ތެރޭގައި އޭނާވަނީ އދ.ގެ ހެޑްކުއާޓަރުގެ އިދާރީ އަދި ހިންގުމުގެ ކަންކަން ބެލުމަށްޓަކައި، ޑިރެކްޓަރެއްގެ މަޤާމަށް ހަމަޖައްސަވާފައެވެ. އެއަށްފަހު، އޭނާވަނީ ތިން ދާއިރާއަކުން، އެސިސްޓަންޓް ސެކެރެޓަރީ ޖެނެރަލްކަމުގެ މަޤާމު ފުރުއްވާފައެވެ. އެއީ، ހިއުމަން ރިސޯސަސް އާއި، ބަޖެޓާއި ސެކިއުރިޓީގެ ދާއިރާއެވެ.

އޭގެފަހުންވެސް، އެފެންވަރާއި އެފެންވަރަށް ވުރެ އިސް މަޤާމުތައް، ކޯފީ އަނާން ފުރުއްވާފައިވެއެވެ. ހަމައެހެންމެ، އެކި ޤައުމުތަކަށް ފޮނުވާ އދ.ގެ ޞުލްޙަ ބަލަހައްޓާ ފައުުޖުތަކުގެ އިސްވެރިއެއްގެ ގޮތުންވެސް، އެކި ޤައުމުތަކުގައި، އޭނާ މަސައްކަތް ކުރައްވާފައިވެއެވެ. އެގޮތުން، ސޯމާލިޔާގެ ހަނގުރާމައާއި ރުވާންޑާގެ ޤަތުލް އާއްމުގެ ދުވަސްވަރު، އޭނާ އެޤައުމުތަކުގައި މަސައްކަތް ކުރައްވާފައިވެއެވެ.

އދ.ގައި އެކި ޚިދުމަތްތައް ކުރައްވަމުން ގެންދަވަނިކޮށް، ޖަމިއްޔާގެ އެންމެ އިސްވެރިޔާގެ މަޤާމަށް އޭނާ އިސް ކުރައްވާފައިވަނީ 1997 ވަނަ އަހަރުއެވެ. 2006 ވަނަ އަހަރުގެ ނިޔަލަށް، އޭނާ އެމަޤާމުގައި ދެމިހުންނެވިއެވެ.

ސެކެރެޓަރީ ޖެނެރަލްކަމުގައި ކޯފީ އަނާން

ދިވެހިންނަށްވެސް، ކޯފީ އަނާން މަޝްހޫރުވީ، ސެކެރެޓަރީ ޖެނެރަލްގެ މަޤާމަށް އިސްވި ހިސާބުންނެވެ. އެދުވަސްވަރު ދުނިޔޭގައި ހިނގާ ކަންކަމަށް، އޭނާ ބަސް ވިދާޅުވަމުން ގެންދެވިއިރު، ޓީވީ އާއި ރޭޑިޔޯ ޚަބަރުގައި ކޯފީ އަނާންގެ ނަންވީ، ގިނަ ނަމަކަށެވެ.

އދ.ގެ ސެކެޓަރީ ޖެނެރަލްގެ މަޤާމަށް ހަވާލުވެވަޑައިގަތުމަށްފަހު، ޖަމިއްޔާގެ އިދާރީ ހިންގުމުގެ ކަންތައްތައް އަދި މެނޭޖްމަންޓްގެ ކަންތައްތައް ރަނގަޅު ކުރައްވަން، އޭނާ ޚާއްޞަ އިސްކަމެއް ދެއްވިއެވެ. މިކަންތައްތައް ރަނގަޅު ކުރުމަށް އަޅަންވީ ފިޔަވަޅުތައް ބަޔާންކޮށް، ޚާއްޞަ ރިޕޯޓުތަކެއްވެސް ނެރެފައިވެއެވެ.

2000 ވަނަ އަހަރު ނެރެފައިވާ ސާސްކަފުގެ ލަނޑުދަނޑިތަކަކީވެސް، ކޯފީ އަންނާން ޚާއްޞަ، އިސްކަމެއް ދެއްވައިގެން ކުރެއްވި މަސައްކަތްޕުޅެކެވެ. އޭރު ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް، އޭރު ރާއްޖެއިންވެސް މަސައްކަތްތަކެއް ކޮށްފައިވެއެވެ.

ޢިލްމަކީ ބާރު. މަޢުލޫމާތަކީ މިނިވަންވުން. ތަޢުލީމަކީ ކޮންމެ މުޖުތަމަޢެއް އަދި ކޮންމެ އާއިލާއެއްގެ ކުރިއެރުންކަމަށް ބުނެވޭ - ކޯފީ އަނާން

އދ. އަކީ ދުނިޔޭގައި ޞުލްޙަ މަސަލަސްކަން ދެމެހެއްޓުމުގެ މަޤުޞަދުގައި އުފެއްދި ޖަމިއްޔާއެކެވެ. އެޖަމިއްޔާ ވުޖޫދަށް އައިފަހުންވެސް، ދުނިޔޭގައި ލޭއޮހޮރުވުންތަކާއި ޤަތުލް އާއްމުތައް އަދި ހަނގުރާމަތައްވެސް ހިނގާފައިވެއެވެ. 2003 ވަނަ އަހަރުގެ ތެރޭގައި އެމެރިކާ އިސްވެ އޮވ،ެ އިރާޤަށް އެރުމަކީ ކޯފީ އަނާނުގެ ދުވަސްވަރު ހިނގާފައިވާ ކަމެކެވެ. މި ކަންތައްތަކުގެ ތެރެއިން، ސައްދާމް ޙުސައިން މަޤާމުން ވައްޓާލުމާއި، އިރާޤަށް އެމެރިކާ އެރުމަށް، އޭރުގެ އދ.ގެ ސަލާމަތީ މަޖިލީހުން ރުހުން ދީފައިވެއެވެ.

ހަމައެހެންމެ، ދުނިޔެއިން އެޗްއައިވީ އެއިޑްސް ނައްތާލުމަށް، ފާހަގަކޮށްލެވޭ ބޮޑެތި މަސައްކަތްތަކެއް، ކޯފީ އަނާނުގެ ސީދާ ބެލުމުގެ ދަށުން ކޮށްފައިވެއެވެ.

ކޯފީ އަނާނާއި ރާއްޖެ

ޤައުމުތަކަށް ކުރިމަތިވާ ޤުދުރަތީ ކާރިސާތަކުން ރައްކާތެރިވުމަށާއި، ވިލުންވެރިކަން އިތުރުކުރުމަށް އަދި އިޖާބީ މަސައްކަތްތައް ހަރުދަނާ ކުރުމަށް ޤައުމުތަކުގެ ސަރުކާރުތަކަށް އެހީތެރިވެ ދިނުމަކީ އދ. ގެ އެންމެ ބޮޑު އެއް މަސައްކަތެވެ.

ކޯފީ އަނާން ރާއްޖޭގައި

2004 ވަނަ އަހަރުގެ ޑިސެމްބަރު މަހު، ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައިވެސް ރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމެއް ދިން ބައިނަލްއަޤުވާމީ މަދަދުގާރުންގެ ތެރޭގައި އދ. އާއި އދ.ގެ އެހެން އެޖެންސީތައް ފާހަގަކޮށްލެވެއެވެ. މި ކާރިސާގައި، ރާއްޖެއަށް އެހީވުމުގެ ކަންކަން، ކޯފީ އަނާން ވަރަށް ގާތުން ބަލާފައިވާކަން އެނގެއެވެ. ހަމައެހެންމެ، ރާއްޖޭގެ ޙާލަތު ބައްލަވާލެއްވުމަށް، އޭނާ ރާއްޖެއަށް އޭރު ޚާއްޞަ ޒިޔާރަތެއް ކުރައްވާފައިވެއެވެ.

ކޯފީ އަނާން، މ. ކޮޅުފުށީ ރައްޔިތުންނާ ބައްދަލު ކުރައްވަނީ

ސެކެރެޓަރީ ޖެނެރަލްކަމުގެ ފަހުން

އދ.ގެ މަޤާމު ދޫކޮށްލެވުމަށްފަހު، އަމިއްލަފުޅަށް ކޯފީ އަނާންވަނީ، ބައިނަލްއަޤުވާމީ ފެންވަރުގައި މަސައްކަތްޕުޅުތަކެއް ކުރައްވާފައެވެ. އެގޮތުން، އަމިއްލަފުޅު ފައުންޑޭޝަނެއް އުފައްދަވާފައިވެއެވެ. ކޯފީ އަނާން ފައުންޑޭޝަންގެ ނަމުގައި ހިންގަވާ މި މަސައްކަތުގެ އިތުރުން، ނެލްސަން މަންޑޭލާގެ ފައުންޑޭޝަނެއްގެ ޗެއަރމަންކަން، ކޯފީ އަނާން ކުރައްވާފައެވެ.

ކޯފީ އަނާނަށްވަނީ ނޯބެލް ސުލްހައިގެ އިނާމުވެސް ލިބިވަޑައިގެންފައެވެ.

ބައިނަލްއަޤުވާމީ ނޫސްތަކުން ބުނެފައިވާ ގޮތުގައި، ކޯފީ އަނާން އަވަހާރަވީ ކުޑަކޮށް ބަލިވެ އުޅުމަށްފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އިބޫ

    މީނަ ވާނީ މަރު މީ މުސްލިމެއްވެސްނޫން ބޮޑުކާފަރެއް، އަދިމީނާއަކީ މުސްލިމުންނައް އެހާގަޔާވާމީހެއްވެއް ނޫން. އިރާގުތަޅާސުންނާފަތިކޮއް އެތާގެ އެތައް އަންހެނުންނާކުޑަކުދިން އަދިމުސްކުޅިން އެއްވެސް ކުށެއްނެތި މެރުމުގާ އެންމެއިސްކޮއް ހުރީ ތިޔަބުނާކޯފީ، ދިވެހިންނެއް ދެރައެއް ނުވާނެ ތިކަލޭގެ މަރުވިއެސް....

    • ގަމާރުމޯލްޑިވިއަން

      ދިވެހި ލޮޖިކް.ދިވެހިން ނާ ސައުދީން އެކަނި ސުވަރުގެ ދާނީ

  2. ރީނދޫ

    ކާފަރުން ވާނީ ކާފަރުންނަށް

  3. ނުރަބޯ

    ރުވާންޑާގެ ޓުޓްސީ އަދި ހޫޓޫ ދަރިކޮޅުގެ ދެމެދުގައި ހިނގި ބިރުވެރި ގަތުލު ޢާއްމު މައިތިރި ކުރުމުގައި މީނާ އިހުމާލުވާކަމަށް ބުނެވޭ.