ގަދަ ވިއްސާރައާއެކު ކުރިމަތިވި ފެންބޮޑުވުމުގެ ޙާދިސާތަކުގެ ސަބަބުން ހާލުގައި ޖެހިފައި އޮތް ކެރެލާގެ ރައްޔިތުންނަށް، ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ބޮޑު ވިޔަފާރިވެރިޔަކު، ދީލަތި އެހީއެއް ވެދީފިއެވެ.

އަވަށްޓެރި އިންޑިޔާގެ ދެކުނުގައި އޮންނަ ކެރެލާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ވިޔަފާރިވެރިޔަކީ، ޔޫއޭއީގެ އެކި ސަރަޙައްދުތަކުގައި، ފުޅާ ދާއިރާއެއްގައި ރީޓެއިލް ވިޔަފާރި ކުރަމުން އަންނަ ޔޫސުފް އަލީ އެވެ. އޭނާއަކީ، މަޝްހޫރު، ގިނަ އަދަދެއްގެ ސުޕަރމާކެޓުތައްވެސް ހިންގަމުން އަންނަ މީހެކެވެ.

ޔޫއޭއީގެ ނޫހެއްކަމުގައިވާ "ގަލްފް ނިއުސް" އިން ބުނެފައިވާ ގޮތުގައި، ޔޫސުފް ވަނީ، ކެރެލާގެ ޗީފް މިނިސްޓަރު ހުޅުވާފައިވާ އެމަޖެންސީ ރިލީފް ފަންޑަށް 2.56 މިލިޔަން ދިރުހަމް ހަދިޔާ ކުރައްވާފައެވެ. މި ރިލީފް ފަންޑުން ލިބޭ ފައިސާ ބޭނުންކުރާނީ، ފެންބޮޑުވުމުގެ ސަބަބުން ގެދޮރު ގެއްލުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްކަމަށް މައުލޫމާތު ލިބެއެވެ.

މީގެއިތުރުން، ޔޫސުފްވަނީ، ކެރެލާގައި މަސައްކަތް ކުރާ އަމިއްލަ ދެ ފަރާތަކަށްވެސް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމަށް މަސައްކަތް ކުރާ މި ދެފަރާތުން ކުރެ ކޮންމެ ފަރާތަކަށް، ޔޫސުފު ވަނީ އެއް މިލިޔަން ދިރުހަމް ހަދިޔާ ކޮށްފައެވެ. އެފަރާތްތަކުން، މި ފައިސާ ބޭނުންކުރުމަށް ނިންމާފައިވަނީ، ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ފުޅާ ކުރުމުގެ ގޮތުންނެވެ.

މި މަހުގެ އަށްވަނަ ދުވަހުން ފެށިގެން އިންޑިޔާގެ ކެރެލާ އަށް ކުރަމުންދާ ވިއްސާރައާއި ފެންބޮޑުވުމުގެ ޙާދިސާތަކަކީ، މި ފަހުގެ ތާރީޚުގައި، އެސަރަޙައްދަށް ކުރިމަތިވި އެންމެ ނުރައްކާތެރި ޙާދިސާތަކެވެ. ގިނަ އަދަދަކަށް ދިވެހިންވެސް އުޅެމުންދާ ކެރެލާއަށް ކުރިމަތިވެފައިވާ މި ޙާދިސާތަކުގައި އެތައް ބަޔަކު މަރުވެ، އެތައް ބައެއްގެ ގެދޮރު ގެއްލިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މުސްލިމުންނަށް ޖެއްސުންކޮށް ގަސްތުގައި އެމީހުންގެ ގެދޮރު ސުންނާފަތިކޮށް މަރަމުންގެންދާ ގެރިމޯދީ އަށް އިބުރަތެއް ލިބޭނެކަމަށް އުންމީދު ކުރަން.

    • ގަމާރުމޯލްޑިވިއަން

      ހަމަ ކޯފާ