ކުޅަދާނަކަން ލިބިފައިވާ މީހާ ޙައްޖުވުމަކީ އިސްލާމްކަމުގެ ރުކުންތަކުގެ ތެރެއިން އެއް ރުކުނެވެ. މި އަޅުކަމަކީ ކޮންމެ އަހަރަކުވެސް އެއް ފަހަރު ކުރާ އަޅުކަމެއްކަމަށްވާއިރު، ޙައްޖުވުމަށްޓަކައި ކޮންމެ އަހަރަކުވެސް، އެތައް ބަޔަކު، މުޤައްދަސްވެގެންވާ މައްކާގެ ބިމަށް ޖަމާވެއެވެ. ކޮންމެ އަހަރަކުވެސް ޙައްޖުގެ އަޅުކަން އަދާކުރުމަށްދާ މީހުންގެ އަދަދު، ގާތްގަނޑަކަށް ދެ މިލިއަނަށްވަނީ އަރާފައެވެ.

މިއީ، ދުނިޔޭގައިވެސް މި ފަދައިން، އެންމެ ގިނަ މީހުން އެއް ބިމަކަށް ޖަމާވާ ހަމައެކަނި ހަރަކާތެވެ. އެހެންކަމުން، މި ތަނުގެ އިންތިޒާމުތައް ވާން ޖެހޭނީ، ޙައްޖުވުމަށް އަންނަ ފަރާތްތަކަށް ފަހި، އަދި ފުރިހަމަ އިންތިޒާމުތަކަކަށެވެ.

އެގޮތުން، ޓެކްނޮލޮޖީ އަށް އަންނަ ބަދަލުތަކާއެކު، ޙައްޖުގެ ދުވަސްވަރު، ޙައްޖާޖީންނަށް ފަސޭހަކުރުމަށްޓަކައި، ޚާއްޞަ މޯބައިލް އެޕްލިކޭޝަންތަކެއް، ސައުދީ އަރަބިޔާގެ ކަމާ ބެހޭ ފަރާތްތަކުންވަނީ އުފައްދާފައެވެ.

ސައުދީ އަރަބް ރެޑް ކްރެސެންޓްގެ އިސް ނެގުމާއެކު އުފައްދާފައިވާ މި އެޕްލިކޭޝަނުން، ކުއްލި ޞިއްޙީ ފަރުވާ ބޭނުންވާ ފަރާތްތަކަށް، އަވަސްކަމާއެކު އެ ޚިދުމަތް ފޯރުކޮށްދެވޭނެއެވެ. ހަމައެހެންމެ، ސައުދީގެ ޙައްޖާ ބެހޭ މިނިސްޓްރީންވަނީ، އަރަބި ބަސް ނޭނގޭ ފަރާތްތަކަށް، އެހީވުމަށްޓަކައި މޯބައިލް އެޕްލިކޭޝަނެއްވެސް ތަޢާރަފްކޮށްފައެވެ.

ހަމައެހެންމެ، "ސްމާޓް ޙައްޖު"ގެ ނަމުގައި، ހައްޖުވެރިންގެ ދަތުރުފަތުރާއި، ސައުދީގައި އުޅޭއިރު ދިމާވާ އެހެންކަންކަން ހައްލުކުރުމަށްވެސް، އެޕްލިކޭޝަނެއް އުފައްދާފައިވެއެވެ. މި ހުރިހާ އެޕްލިކޭޝަން ތަކަކީވެސް، ޙައްޖުގެ ހުރިހާ މަނާސިކުތަކެއްގައި، ހައްޖުވެރިންނަށް އެހީވެދޭނެ އެއްޗެއްސެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މި އަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވާ ގިނަ ފަރާތްތަކަށް، މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހާ ހަމައަށް، މައްކާއަށް ގޮސްފައިވެއެވެ. މާދަމާ އަކީ ޢަރަފާތު ދުވަސްކަމުގައިވާއިރު، އަދިވެސް ގިނަ ފަރާތްތަކެއް، މައްކާގެ ބިމަށް ޖަމާވަމުންދާކަމަށް މައުލޫމާތު ލިބެއެވެ.

ދުނިޔޭގެ އެންމެ ބޮޑު ސްޓޭންޑަޑް އޮޕަރޭޓިންގ ޕްރޮސީޖާ (އެސްއޯޕީ) އަދި އެއް ތަނެއް ބެލުމަށް ޤާއިމްކޮށްފައިވާ އެންމެ ބޮޑު ސެކިއުރިޓީ ކެމެރާގެ ނިޒާމުވެސް، ޤާއިމްކޮށްފައިވަނީ، ޙައްޖުގެ އަޅުކަމުގެ ކަންތައްތައް ބެލުމަށެވެ.