މާދަމާއަކީ މި ހިނގާ 1439ހ ވަނަ އަހަރުގެ އަރަފާތު ދުވަހެވެ. ޢަރާފަތު ދުވަހަކީ ޙައްޖުގެ އަޅުކަމުގެ އެންމެ މުޙިއްމު މަނާސިކުތައް އަދާކުރާ ދުވަސްކަމުގައިވާއިރު، އެދުވަހަކީ އެންމެ ގިނަ ތައްޔާރީތައް، ކަމާ ބެހޭ ފަރާތްތަކުން ވާން ޖެހޭ ދުވަހެވެ.

ޙައްޖުގެ އަޅުކަމަށްޓަކައި، ގާތްގަނޑަކަށް ދެ މިލިޔަން މީހުން ސައުދީ އަރަބިޔާގެ މައްކާއަށް ގޮސްފައިވާއިރު، އެފަރާތްތަކަށް ބޭނުންވާ އެކި ކަންތައްތައް ކޮށްދިނުމަށްޓަކައި، ސައުދީގެ ކަމާބެހޭ ފަރާތްތަކުން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް އެފަރާތްތަކުންވަނީ ބުނެފައެވެ.

މި އަހަރު، ޙައްޖުވެރިންނަށް ބޭނުންވާ ކަންތައްތަކާއި، މާތްވެގެންދާ ކައުބަތުﷲ ގެފުޅު ސަރަޙައްދުގެ ކަންކަން އަދި މުޛްދަލިފާގެ ކަންކަން ބަލަހައްޓަމުންދަނީ، އަމީރު ޚާލިދު އަލް ފައިސަލުގެ ބެއްލެވުމުގެ ދަށުންނެވެ. އޭނާއަކީ، މައްކާ ސަރަޙައްދުގެ ގަވަރުނަރު އަދި ޙައްޖުގެ ކަންތައްތަކާ ބެހޭ ކޮމިޓީގެ ވެރިޔާއެވެ.

ވަކިވަކި އިދާރާތަކުން ޙައްޖަށް ތައްޔާރުވުމަށް ކޮށްފައިވާ ކަންތައްތަކަށް ބަލާއިރު، ޙައްޖުވެރިންނަށް ޞިއްޙީ އެހީތެރިކަން ދިނުމަށް މަސައްކަތް ކުރަމުންދަނީ ސައުދީގެ މިނިސްޓްރީ އޮފް ހެލްތުންނެވެ. އެމިނިސްޓްރީގެ ފަރާތުން ޖުމުލަ 29،495 މީހުން، ޙައްޖުވެރިންނަށް ޚިދުމަތް ދިނުމަށް ހަރަކާތްތެރިވާނެއެވެ. އޭގެތެރޭގައި ސްޕެޝަލިސްޓް ޑޮކްޓަރުން ވެސް ހިމެނެއެވެ.

އެކި ދާއިރާތަކުގެ 798 ސްޕެޝަލިސްޓު ޑޮކްޓަރުންނާއި 1248 ކޮންސަލްޓަންޓުން، 2718 އާއްމު ބަލިތަކުގެ ޑޮކްޓަރުންނާއި، 1428 ފާމަސިސްޓުންނާއި، 3553 ނަރުހުންނާއި 1173 ލެބޯޓްރީ އަދި އެހެނިހެން ދާއިރާތަކުގެ ޓެކްނީޝަނުންނާއި، ނިއުޓްރިޝަން ދާއިރާގެ 198 ސްޕެޝަލިސްޓުންނާއި 5587 އިދާރީ މުވައްޒަފުންނާއި 1491 އެމްބިއުލާންސް ޑްރައިވަރުން ހަރަކާތްތެރިވާނެއެވެ.

ކުއްލި ހާލަތުގައި ބޭނުންވާ ޞިއްޙީ އަދި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމަށް ސައުދީ ރެޑް ކްރެސެންޓުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން، ރެޑް ކްރެސެންޓުގެ 127 އެމަޖެންސީ ސެންޓަރާއި 361 އެމްބިއުލާންސް ހަރަކާތްތެރިވާނެއެވެ. ހަމައެހެންމެ، މައްކާ އާއި މަދީނާގައި، އެޖަމާއަތުގެ 1861 އޮފިޝަލުން ހަރަކާތްތެރިވާނެއެވެ. އޭގެތެރޭގައި 653 ޕެރަމެޑިކުންވެސް ހިމެނެއެވެ.

އެމްބިއުލާންސްތައް ތައްޔާރީ ޙާލަތުގައި

މީގެއިތުރުން، ސައުދީގެ ސިވިލް ޑިފެންސް އިން، ޙައްޖުވެރިންގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރާނެއެވެ. އެގޮތުން، އަނިޔާވާ ނުވަތަ ބަލިވާ ފަރާތްތައް، ޞިއްޙީ އެހީދޭ ތަންތަނަށް ގެންދިއުމުގެ މަސައްކަތް، އެފަރާތްތަކުން ކުރާނެއެވެ. އެފަރާތުން، މި މަސައްކަތް ކުރަނީ ސައުދީ ރެޑް ކްރެސެންޓާ އެކުގައެވެ.

ހަމައެހެންމެ، އެޤައުމުގެ އެޤައުމުގެ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން، ޙައްޖުގެ އަޅުކަން ކުރިއަށް ދާ ސަރަޙައްދުތައް، ވައިގެ މަގުން މޮނިޓަރކޮށް ބެލުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެއެވެ. އެގޮތުން، ހެލިކަޕްޓަރުތަކުގައި އެތަންތަން ބެލުމުގެ ކަންކަން ކުރިއަށް ގެންދަން ނިންމާފައިވާއިރު، އިންސާނީ އެހީ ފޯރުކޮށްދޭން ޖެހިއްޖެ ހިނދެއްގައި، އެމަސައްކަތްވެސް އެފަރާތްތަކުން ކުރާނެއެވެ.

ޙައްޖުގެ ކަންތައްތައް، ސައުދީ ސަރުކާރުން ވަރަށް ޚާއްޞަ އިސްކަމެއް ދީގެން ކުރަމުންގެންދެއެވެ. އެހެންނަމަވެސް، ދޭތެރެ ދޭތެރެއިން ނުރައްކާތެރި ޙާދިސާތައް ވެސް ހިނގާފައިވާކަން ފާހަގަކޮށްލެވެއެވެ.