އޭނާގެ މަސައްކަތް ކޮންމެ ދުވަހެއްގެ ވެސް ފެށެނީ ފަތިހު ތިނެއް ޖަހާއިރު އެވެ. ހޭލުމަށްފަހު ހެނދުނުގެ ކުޑަ ވަގުތުކޮޅެއް ކިޔެވުމުގައި ހޭދަކުރެއެވެ. އެއަށްފަހު ހޯލްސޭލް މާރުކޭޓަކަށް ގޮސް މަސް ގަނެ، އަވަށްޓެރިއެއްގެ ގެއެއްގައި މަސްކޮޅު ބެހެއްޓުމަށްފަހު ދަނީ ކޮލެޖަށެވެ.

ކޮލެޖް ނިންމުމަށްފަހު ޔުނީފޯމްގައި ހުރެ ގަތް މަސްކޮޅު ވިއްކުމުގައި ބާޒާރުގައި އުޅެއެވެ. މަސްކޮޅު ވިއްކައި ހުސްވުމުން ގެއަށް އެނބުރި ދެވެނީ އެދުވަހެއްގެ އިރުއޮއްސި ލަސްވާ ފަހުންނެވެ. އަނެއްކާވެސް ކުޑަ ވަގުތުކޮޅަކަށް ނިދާލުމަށްފަހު އޭގެ އަނެއް ދުވަހުގެ މަސައްކަތައިގެން އޭނާ އުޅެއެވެ.

މިއީ ކެރެލާގެ އީނަކުލަމް ޑިސްޓްރިކްޓުގައި ބެޗްލާސް އޮފް ސައިންސް ކިޔަވަމުންދާ އުމުރުން 19 އަހަރުގެ ހަނާން ހާމިދުގެ ދިރިއުޅުމެވެ. ދިރިއުޅުމަށް ފައިސާ ހޯދުމުގައާއި މައިންބަފައިން ވަކިވެފައިވުމުން ލިބޭ ހިތްދަތިކަމުން އަރައިގަތުމަށް އޭނާ ކޮންމެ ދުވަހަކު ކަނޑަތުކުރާ ގޮންޖެހުންތަކެވެ.

ހަނާންގެ މި ހިތްދަތި ދިރިއުޅުމުގެ ވާހަކަ ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުން އެކަމަށް ގިނަ ބަޔަކު ފާޑުވެސް ކިއެވެ. ޔުނީފޯމްގައި މަސް ވިއްކަން އުޅޭތީ އޭނާއަށް ގަނާ ވެސް ކުރެއެވެ. އަދި އެއީ ފިލްމަތަކުން ފުރުސަތެއް ލިބޭތޯ އުޅޭ އަންހެނެއް ކަމަށްވެސް ބައެއް މީހުން ބުންޏެވެ.

އެއާއެކު ހަނާންގެ ހިތްވަރުގަދަ ކަމަށް ތައުރީފު ކުރި މީހުން ވެސް ގިނައެވެ. އަދި އޭނާއަށް ބައެއް މީހުން ފައިސާގެ އެހީތެރިކަން ވެސް ފޯރުކޮށްދިނެވެ. އެގޮތުން ކެރެލާގެ ޗީފް މިނިސްޓަރު ޕިނަރާއީ ވިޖަޔަން އަދި ކެރެލާގެ ކުރީގެ ޗީފް މިނިސްޓަރު ވެސް ހަނާންއަށް ވަނީ ހިތްވަރު ދެއްވައިފައެވެ.

ފޮޓޯ: އީޕީއޭ

ނަމަވެސް އޭނާގެ ހިތް އެއަށްވުރެ ބޮޑެވެ. އިންޑިއާގެ ނިއުސް އައުޓްލެޓެއް ކަމަށްވާ ނިއުސް 18 އިން ބުނާގޮތުގައި، ކެރެލާގައި ފެންބޮޑުވެ ހާލުގައި ޖެހިފައިވާ މީހުންނަށް ހަނާން ވަނީ 150،000 އިންޑިއަން ރުޕީސް (2149 އެމެރިކާ ޑޮލަރު) ހަދިޔާކުރަން ނިންމައިފައެވެ.

ފޮޓޯ: ރޮއިޓާސް

"އަހަރެންގެ ހާލު ފެނިފައި، މިދިޔަ މަހުގެ ތެރޭގައި ގިނަ ބަޔަކު ވަނީ އަހަރެންގެ ބޭންކު އެކައުންޓަށް ފައިސާ ޖަމާކޮށްފައި. ނަމަވެސް، މިހާރު އަހަންނަށްވުރެ އެ ފައިސާ ބޭނުންވާ މީހުން އެބަތިބި،" ކެރެލާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އިޝާރާތްކޮށް ހަނާން ބުނެފައިވެއެވެ.

ކެރެލާއަށް މިހާރު ކުރަމުންދާ ގުދުރަތީ ކާރިސާގެ ސަބަބުން 300 އަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިފައިވާއިރު އަދިވެސް އެތައް ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ. މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަން މިހާރު ވެސް ކެރެލާގައި ކުރިއަށްދާއިރު، ފަހުގެ ހިސާބުތައް ދައްކާގޮތުން އަދިވެސް 6000 އަށްވުރެ ގިނަ މީހުން ތިބީ އެއްވެސް އެހީއެއްނެތި ހާލުގައި ޖެހިފައެވެ.

ފޮޓޯ: ރޮއިޓާސް

އަދި އެ ކާރިސާގެ ސަބަބުން ކެރެލާގެ ރައްޔިތުންނަށް އެހީވުމަށް ދުނިޔޭގެ އެކިކަންކޮޅުތަކުން ދަނީ އެކަތިގަނޑަކަށްވެ ފައިސާގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މޮޔަމީހާ

    ކޮބާމޯދީ. އިސްތިއުފާ. އަމިއްލަ ގައުމުގެރައްޔިތުން ހާލުގައި ޖެހިގެން އުޅޭއިރު ހަބަރެއް ދަބަރެއް ނުވޭ. ގައުމުތަކަށް އަރަެިގަތުމާސިފައިން ފޮނުވުމަށް މަރެއް