މިއަދަކީ އަރަފާތު ދުވަސްކަމުގައިވާއިރު، ޙައްޖުގެ އަޅުކަމުގެ މުޙިއްމު މަނާސިކުތަކެއް މިއަދު އަދާކުރާނެއެވެ. އެގޮތުން، ހުރިހާ ޙައްޖުވެރިން، މެންދުރުވުމުގެ ކުރިން ޢަރާފަތު ބިމަށް ޖަމާވާން ޖެހޭނެއެވެ.

ޙައްޖުވެރިންގެ އެކި ޖަމާއަތްތަކުން، މިހާރު ޢަރަފާތު ބިމަށް ޖަމާވަމުންދާއިރު، މިއަދު އެންމެ ފުރަތަމަ، ބަރަކާތްތެރި އެބިމަށް ދިޔަ ޙައްޖުވެރިންނަށް މަރުޙަބާ ކީ ބޯ ވިއްސާރަގަނޑަކާއެކުގައިކަމަށް، ސައުދީ އަރަބިޔާގެ ނޫސް މީޑިޔާތަކުން ބުނެފައިވެއެވެ.

އެޤައުމުގެ ނެރެމުން އަންނަ އޮންލައިން ނޫހަކުން ބުނެފައިވާ ގޮތުގައި، އެވިއްސާރަގަނޑު އައިސްފައިވަނީ، ގުގުރުމާއި ވިދުމާއެކު، ގަދަ ވައިގަނޑަކާއެކުގައެވެ. އެހެންނަމަވެސް، ވިއްސާރަގަނޑު ދެމިއޮތީ، ގަޑިއެއްހާ އިރަށްވުރެ ވެސް ކުޑަ ވަގުތުކޮޅަކަށް ކަމަށްވެސް، އެނޫހުން ބުނެފައިވެއެވެ.

މި ވިއްސާރައިގެ ސަބަބުން، އެސަރަޙައްދަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށް، ޙައްޖުގެ ކަންތައްތަކާއި އިންތިޒާމުތައް ހަމަޖެއްސުމުގައި އިސް ދައުރެއް އަދާކުރާ ޑރ. ޢަބްދުލް ފައްތާޙު މަޝާތު ވިދާޅުވެފައެވެ. އޭނާއަކީ، ސައުދީ އަރަބިޔާގެ މިނިސްޓްރީ އޮފް ޙައްޖު އެންޑް އުމްރާގެ ނައިބެވެ.

ސައުދީ އަރަބިޔާގެ ހުރިހާ ސަރަޙައްދުތަކަކީވެސް، ކުރިން ހަނަފަސް ސަހަރާކަމުން، އެސަރަޙައްދަކީ، އަހަރުގެ ބޮޑުބައިގައިވެސް ހޫނުގަދަ ދުވަސްވަރެކެވެ. އެހެންނަމަވެސް، މީގެކުރިން، ބައެއް އަހަރުތަކުގައި، ޙައްޖު މޫސުމާ ދިމާކޮށް ވިއްސާރަކޮށްފައިވެއެވެ.

އެޤައުމުގެ ކަމާ ބެހޭ އިދާރާތަކުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރު ޙައްޖުވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން، ދެ މިލިއަނެއްހާ މީހުންވަނީ މައްކާއަށް ޖަމާވެފައެވެ. މި ދުވަސްވަރު، މައްކާ ފުރި ބާރުވެފައިވާއިރު، ޙައްޖުވެރިންނަށް ބޭނުންވާ އެކި ކަންކަން ކޮށްދިނުމުގެ އިންތިޒާމުތައް، ސައުދީގެ ކަމާ ބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ.

ކުޅަދާނަކަން ލިބިގެންވީ މީހާ ޙައްޖުވުމަކީ، އިސްލާމްކަމުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ.