ދެ މިލިއަނެއްހާ މުސްލިމުން، ޙައްޖުގެ އަޅުކަމުގެ އެންމެ މުޙިއްމު އެއް މަނާސިކު އަދާކުރުމަށް، ޢަރަފާތު ބިމަށް ޖަމާވަމުން އެބަދެއެވެ. މިއަދު، އިރުއެރުމާއެކު އެތައް ބަޔަކު، ބަސްތަކާއި، އެނޫންވެސް އެއްގަމު އުޅަނދު ފަހަރު އަދި ފައި މަގުގައި ދަނީ، ޢަރަފާތު ބިމަށް ޖަމާވަމުންނެވެ.

ޙައްޖުގެ އަޅުކަމަށް ބަލާއިރު، ޙައްޖުވެރިން، ޢަރަފާތު ބިމުގައި މިއަދު އިރުއޮއްސުމާ ހަމައަށް ތިބޭނެއެވެ. އެސަރަޙައްދުގައި ޙައްޖުވެރިން ތިބޭއިރު، މާތް ﷲ އަށް ކުށްތަންވެ، ދުޢާ ދެންނެވުމުގައި، ޙައްޖުވެރިން މަސްއޫލުވެ އުޅޭނެއެވެ. އަދި، މިއަދުގެ މެންދުރު ނަމާދާއި އަޞުރު ނަމާދު، ޙައްޖުވެރިން ކުރާނީ ޖަމްޢުކޮށެވެ.

މިއަދަކީ ޙައްޖުގެ އަޅުކަމުގެ އެންމެ މުޙިއްމު ދުވަސްކަމުގައިވާއިރު، މިނާގައި ތިބުމަށްފަހު، ޙައްޖުވެރިން ދެން ދާނީ މުޛްދަލިފާ އަށެވެ.

ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިޙި ވަސައްލަމުގެ ހަދީޘްފުޅުތަކުން ސާބިތުވާ ގޮތުގައި، ޢަރަފާތު ދުވަހަކީ ފާއިތުވި އަހަރާއި އަންނަން އޮތް އަހަރުގެ ކުދި ކުށް ފާފަތައް، މާތް ﷲ ފުއްސަވާ ދުވަހެވެ.

ރަސޫލާގެ ހަދީޘްފުޅުން އިތުރަށް ސާބިތުވާގޮތުގައި، ނަރަކައިގެ ހޫނު އަލިފާނުން، އެންމެ ގިނަ މީހުން ސަލާމަތްކުރައްވާ ދުވަހަކީވެސް، އަރަފާތު ދުވަހެވެ. މި ދުވަހުގެ ހެޔޮ ސަވާބާއި ދަރުމަ، ޙައްޖުގައި ބައިވެރިނުވާ މީހުން ހޯދުމަށްޓަކައި، މި ދުވަހު ރޯދަ ހިފުންވަނީ ސުންނަތްވެގެންނެވެ.

ސައުދީގެ ކަމާ ބެހޭ ފަރާތްތަކުންދަނީ، ޙައްޖުގެ ހުރިހާ މަނާސިކުތަކެއްވެސް، ފުރިހަމައަށް އަދާކުރަން އެހީތެރިވެދީ، ޙައްޖުވެރިންނަށް ފަސޭހަކޮށްދިނުމަށް އެތައް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ސަރަޙައްދުތަކުގެ ސަލާމަތީ ކަންކަން ބަލަހައްޓާ، ހައްޖުވެރިންގެ ޞިއްޙީ ކަންކަން ބެލުމަށްވެސް، ސައުދީގެ ފަރާތްތަކުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މިކަމުގައި، އެޤައުމުގެ ގިނަ އިދާރާތަކެއް ބައިވެރިވެއެވެ.

މިއަދު، ޙައްޖުވެރިންނަށް ދޭނެ ޚުތުބާއަށް، އެތައް ފަރާތަކުން ދަނީ މިހާރު އިންތިޒާރު ކުރަމުންނެވެ.