އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެގައުމަށް އެތެރެ ކުރާ ދަގަނޑުން ނަގާ ޓެރިފް ބޮޑު ކުރުމަށް ނިންމި ނިންމުމާއިއެކު ޔޫރަޕިއަން ޔޫނިއަންއިން އެކަމަށް ވަރުގަދަ ރައްދެއް ދޭނޭކަމަށް ބުނެފިއެވެ. ޔޫރަޕިއަން ޔޫނިއަންގެ އިސް އޮފިޝަލުން ވަނީ ޓްރަމްޕްގެ މި ސިޔާސަތާއިއެކު ކުރިޔަށްދިޔުމަށް ނިންމަވައިފިނަމަ އީޔޫއިންވެސް އެމެރިކާއިން އަންނަ އިމްޕޯޓް މުދާތަކަށް %25 ގެ ޓެރިފް އެއް ނެގުމަށް ހުށަހަޅާނޭކަމަށް ބުނެފައެވެ. މިވަރުގެ ބޮޑު ޓެރިފްއެއް ނަގައިފިނަމަ އެމެރިކާއިން އިމްޕޯޓްކުރާ މުދަލުން 3.5 ބިލިއަން ޑޮލަރު އީޔޫއަށް ލިބިގެންދާނެއެވެ.

އެމެރިކާގެ ރައީސް ވަނީ އެގައުމުގެ ވިޔަފާރިތަކަށް އެހެން ގައުމުތަކުން އަގުހެޔޮކޮށް ދަގަނޑު އެތެރެކުރާތީވެ ގެއްލުންވާކަމަށް ބުނެ އެފަދަ ގައުމުތަކުން އެތެރެ ކުރާ ދަގަނޑަށް ޓެރިފް ނެގުމަށް ހުށަހަޅާފައެވެ. ވިޔަފާރީގެ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ވަނީ ޓްރަމްޕްގެ މިފަދަ އަމަލެއްގެ ސަބަބުން ވިޔަފާރީގެ ހަނގުރާމައެއް ފެށިގެންދިޔުމުގެ ބިރު އެބަ އޮތްކަމަށް ބުނެފައެވެ. އެހެންނަމަވެސް ޓްރަމްޕް ވަނީ އެމެރިކާގެ ބަލިކަށި ސިޔާސަތްތަކުގެ ނާޖާއިޒު ފައިދާ ނަގާ ޗައިނާ ފަދަ ގައުމުތަކާއި ވާދަކުރުމުގެ ގާބިލުކަން މިފަދަ ސިޔާސަތްތަކުން އެމެރިކާއަށް ލިބިގެންދާނެކަމަށާއި އަދި ވިޔަފާރީގެ ހަނގުރާމައަކީ ރަނގަޅު ކަމެއްގެ ގޮތުގައިވެސް ސިފަކުރައްވައި ވާހަކަފުޅުދައްކަވައިފައެވެ.

ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކަކީ ކެނެޑާއަށް ފަހު އެމެރިކާއިން ދެވަނައަށް އެންމެ ގިނަ އަދަދަކަށް ދަގަނޑު އިމްޕޯޓްކުރެވޭ ގައުމުތަކެވެ. އެމެރިކާގެ ރައީސްގެ މި އަމަލުގެ ސަބަބުން އެމެރިކާއާއި އެކުވެރި ދެކުނު ކޮރެއާ، އީޔޫގެ ގައުމުތައް އަދި ކެނެޑާއަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނޭއިރު ޔޫރަޕިއަން ކޮމިޝަންގެ އެންމެ އިސް ވެރިޔާ ޖޯން ކްލޯޑް ޖަންކާރ ވަނީ އީޔޫއާއި ދެކޮޅަށް މިފަދަ އިންސާފެއްނެތް ފިޔަވަޅުތަކެއް ނެގިގެންދާއިރު ބަލަހައްޓައިގެން ނުތިބޭނޭކަމަށް ބުނެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު