ސަރުކާރުގައި ކުރަންޖެހޭ މަސައްކަތްތައް ހުރުމާއި އެކު، މިފަހަރު ޢީދު ޗުއްޓީ ނުނަންގަވައި މަސައްކަތާއިގެ ކުރިއަށްވަޑައިގަތުމަށް ނިންމަވާފައިވާކަމަށް ޕާކިސްތާނުގެ އާ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މީގެ ކުރިން އިމްރާން އީދާއި ދިމާކޮށް އިސްލާމް އާބާދުގައި ހުންނަ އަމިއްލަ ގެކޮޅަށް ވަޑައިގަތުމަށް ނިންމާފައި ވީނަމަވެސް، ބޮޑުވަޒީރުކަމާއި ޙަވާލުވުމަށްފަހު އެ ނިންމުން ވަނީ ބަދަލުކުރައްވާފައެވެ. އަދި އޭގެ ބަދަލުގައި މި އީދުގައި އިމްރާން އުޅުއްވާނީ ޕާސަނަލް މިލިޓަރީ ސެކްރެޓަރީގެ ގޭގައިކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އިމްރާން މަޤާމާއި ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ވަނީ، އަރިހުގައި މަސައްކަތްކުރާ ކެބިނެޓްގެ މެމްބަރުން ކޮންމެ ދުވަހަކު 14 ގަޑިއިރަށް މަސައްކަތްކުރަން ޖެހޭގޮތަށް ކަނޑައަޅުއްވާފައެވެ. އަދި އޭނާވެސް ކޮންމެ ދުވަހަކު 16 ގަޑިއިރަށް މަސައްކަތްކުރެއްވުމަށް ނިންމަވާފައިވާކަން އިމްރާން ވަނީ ހާމަކުރައްވާފައެވެ.

އިމްރާން ވަނީ ޕާކިސްތާނުގެ ބޮޑުވަޒީރުކަމަށް އައްޔަންވީފަހުން، އެ މަޤާމުގައި ހުންނެވި ނަމަވެސް އާދައިގެ ދިރިއުޅުމެއްގައި އުޅުމަށް އިޚްތިޔާރުކުރާކަން މީގެކުރިން ހާމަކުރައްވާފައެވެ. އެގޮތުން ބޮޑުވަޒީރަށް ޚާއްސަ ގަނޑުވަރުގައި އުޅުމުގެ ބަދަލުގައި ދިރިއުޅުއްވާނީ ތިން ކޮޓަރީގެ އާދައިގެ ގެއެއްގައި ކަމަށް އިމްރާން ވިދާޅުވިއެވެ.

މަޤާމާއި ހަވާލުވުމަށްފަހު މިދިޔަ ހަފްތާ ބަންދުގައިވެސް ހެނދުނުގެ ވަގުތުގައި އިމްރާން އޮފީހަށް ވަޑައިގަންނަވާ މަންޒަރު ބައެއް ފަރާތްތަކުން ފޮޓޯނަގައި މީސްމީޑިއާގައި ޢާންމުކޮށްފައިވާއިރު، ގިނަ ބަޔަކު ދަނީ އިމްރާނަށް ތައުރީފުލުރަކުންނެވެ. އަދި ޤައުމެއް ހިންގާން ޖެހިފައިވާތީ އިމްރާން ޗުއްޓީ ނުނަންގަވައި ޤައުމު އިސްކުރައްވާކަމަށް އެފަރާތްތަކުން ބުނެއެވެ.

އިމްރާން ޚާން ޕާކިސްތާނުގެ ބޮޑުވަޒީރުކަމުގެ ހުވާކުރެއްވީ މިދިޔަ ހޮނިހިރު ދުވަހުގައެވެ. ބޮޑު ވަޒީރު ކަމަށް ބޭފުޅަކު އައްޔަން ކުރުމަށް އެޤައުމުގެ މަޖިލީހުގައި ނެގި ވޯޓުން އިމްރާން ޚާން އަށް ކާމިޔާބު ލިބިވަޑައިގެންފައިވަނީ ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު އަދި މިހާރު ޖަލުގައި ހުންނެވި ނަވާޒް ޝަރީފްގެ ޕާޓީއިން ހުށަހެޅުއްވި ޝަހްބާޒް ޝަރީފާއި ވާދަކޮށް ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ޕާކިސްތާންގެ ބޮޑު ވަޒީރު ކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށްފަހު ވާހަކަފުޅު ދައްކަވަމުން އިމްރާން ޚާން ވިދާޅުވީ، އޭނާއަކީ އެއްވެސް ޣައްދާރެއްގެ މަދަދު ގާރެއް ނޫން ކަމަށާއި ޤައުމަށް ޚިޔާނާތްތެރިވެފައި މީހުންނަށް ޙައްޤު އަދަބު އޭނާގެ ސަރުކާރުގައި ދެއްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު