ވާރޭ ނުވެހި ގިނަ ދުވަސްވުމުގެ ސަބަބުން، ހޫނުކަމާއި ހަނަފަސްކަން އިތުރުވެފައިވާތީ، އޮސްޓްރޭލިޔާގެ ސިޑްނީގައި އިސްތިސްޤާ ނަމާދު ކޮށްފިއެވެ. މި ނަމާދު ކޮށްފައިވަނީ، މުސްލިމު އުންމަތުން ފާހަގަކޮށްފައިވާ އަޟުހާ ޢީދު ދުވަހު، ޢީދު ދުވަހުގެ ޚާއްޞަ ކަމެއްގެ ގޮތުންނެވެ.

ސިޑްނީގެ އެކި ސަރަޙައްދުތަކުގައި ހުންނަ 16 މިސްކިތަކަށް ނަމާދަށް އަރާ ހުރިހާ މުސްލިމުން، އެއް ތަނަކަށް އެއްވެ، އެއް ޖަމާއަތެއްގައި، އިސްތިސްޤާ ނަމާދު ކޮށްފައިވެއެވެ. މި ޖަމާޢަތުގައި 30،000 މުސްލިމުން ބައިވެރިވެފައިވާކަމަށް ބެލެވޭކަމަށް، ނޫސްތަކުން ބުނެފައިވެއެވެ.

ހަނަފަސްކަމާއި ހޫނުކަމުގެ ސަބަބުން، އޮސްޓްރޭލިޔާގެ ދަނޑުވެރިންނަށް އެތައް ދަތިތަކެއް ކުރިމަތިވެފައިވާއިރު، އެކި ބާވަތްތައް ނުހެއްދުމުގެ ސަބަބުން، މާލީ ގޮތުންވެސް އެފަރާތްތަކަށްވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. އަދި، އިސްތިސްޤާ ނަމާދު ކުރުމުގެ ބޭނުމަކީ، އެފަރާތްތަކާ އެކު މުސްލިމުން ތިބިކަން ހާމަކޮށްދީ، އަޚުވަންތަކަމުގެ ގުޅުން ބަދަހިކުރުންކަމަށް، އެކަން އިންތިޒާމު ކުރި ފަރާތުން ބުނެފައިވެއެވެ.

ނޫސްތަކުން ބުނެފައިވާ ގޮތުގައި އިސްތިސްޤާ ނަމާދު ކުރުމުގެ ކަންކަން، ސިޑްނީގައި އިންތިޒާމު ކޮށްފައިވަނީ، އެސަރަޙައްދުގައި ދިރިއުޅެމުންދާ ލުބުނާނު ރައްޔިތުންގެ ޖަމިއްޔާ އިންނެވެ. އެޖަމިއްޔާގެ ޑިރެކްޓަރު، ސާމިރު ދަންދަން، "ބީބީސީ" އަށް ބުނެފައިވާ ގޮތުގައި، ނަމާދު ކުރުމަށްފަހު، މުޅި އެސަރަޙައްދުންވެސް ފެނިގެންދިޔައީ ވަރަށް އުފާވެރި މޫނުތަކެއްކަމުގައެވެ.

އިއްޔެ އިސްތިސްޤާ ނަމާދު ކުރުމަށްފަހު، މުސްލިމުން އިސްނަގައިގެން ވަނީ ފަންޑު ފޮއްޓެއްވެސް ހުޅުވާފައެވެ. މި ފަންޑު ފޮށި ހުޅުވާފައިވަނީ، ހަނަފަސްކަމުގެ ސަބަބުން، މާލީ ގޮތުން އެތައް ދަތިތަކެއް ކުރިމަތިވެފައިވާ ދަނޑުވެރިންނަށް އެހީތެރިވުމުގެ ގޮތުންނެވެ.

އޮސްޓްރޭލިޔާގެ ހުރިހާ ސަރަޙައްދަކަށްވެސް، މި ދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރެއްކަމަށްވާއިރު، މިކަމުގެ ސަބަބުން އިތުރު ދަތިތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު، އެޤައުމުގެ ބޮޑުވަޒީރުވެސް ދެއްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެސްއޭ

    މި ދުވަސް ކޮޅެކީ ހޫނު ދުވަސްކޮޅެއްނޫން. މީ އޮސްޓްރޭލިއާއަށް ވިންޓަރ. ދިމާވެގެން އުޅޭ މައްސަލަ އަކީ ވާރޭ ނުވެހި ބިންގަނޑު ހިކުން (ޑްރައި ވުން). އެހެން ނޫނަސް އޮސްޓްރޭލިއާ އަކީ ވަރަށް ހިއުމިޑް ގައުމެއް. ލިޔުމުގަ ފާހަގަ ކޮއްފަ އިން ހޫނު ދުވަސް ކޮޅަކީ އޮަޅުމެއް.