ނިއުކްލިއާ ޓެސްޓްތައް ހަދަން އުތުރު ކޮރެއާގައި ގާއިމް ކޮށްފައިވާ އިމާރާތްތައް ސުންނާފަތިކޮށްލަން އުތުރު ކޮރެއާ އިން ވެފައިވާ ވައުދު ފުއްދުމުގެ މަސައްކަތް އުތުރު ކޮރެއާ އިން ކުރިއަށް ނުގެންދާ ކަމަށާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އަކީ ބޭވަފާތެރިއެއް ކަމަށް އެމެރިކާގެ ތިންކް ޓޭންކަކުން ބުނެފިއެވެ.

"38 ނޯތު" ނަމަކަށް ކިޔާ ތިންކް ޓޭންކަކުން ސެޓްލައިޓް ފޮޓޯތަކެއް އާންމު ކުރުމަށްފަހު ބުނެފައި ވަނީ އުތުރު ކޮރެއާގައި އަދިވެސް ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރެވޭނެ ވަސީލަތްތައް އެބަހުރި ކަމަށެވެ. މިސެޓްލައިޓް ފޮޓޯތައް ނަގާފައި ވަނީ މިމަހުގެ 16 ވަނަ ދުވަހު އެވެ.

"ފޮޓޯތަކުން ފެންނަ ގޮތުގައި ނިއުކްލިއާ ޓެސްޓްތައް ކުރިއަށް ގެންދާ ސައިޓްތައް އިތުރަށް މަރާމާތު ކުރުމުގެ މަސައްކަތް ވެސް އުތުރު ކޮރެއާ އިން ދަނީ ކުރަމުންނެވެ. ކޮންސްޓްރަކްޝަން ވެހިކަލްތައް އެސައިޓްތައް ކައިރީގައި ހަރަކާތްތެރިވާ މަންޒަރު ފޮޓޯތަކުން ފެނެއެވެ." ތިންކް ޓޭންކުން ބުންޏެވެ.

އެމެރިކާ އަސްކަރިއްޔާގެ އިސްވެރިން ވެސް ވަނީ އުތުރު ކޮރެއާ އިން މިހާރު ވެސް ނިއުކްލިއާ ހަތިޔާރު ތަރައްޤީ ކުރުމާއި މިސައިލްތައް ތަރައްޤީ ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށް ތުހުމަތު ކޮށްފައެވެ. އެތުހުމަތުތަކުގެ ސަބަބުން އުތުރު ކޮރެއާ އާއި އެމެރިކާ އާއި ދެމެދު އޮތް އިތުބާރު ކުޑަވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ގާތްގާތުގައި އުތުރު ކޮރެއާ އިން މިއަހަރުގެ ކުރީކޮޅު މިސައިލް ޓެސްޓްތަކެއް ކުރުމުން ކޮރެއަން ޕެނިންސިއުލާގައި ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރުވެސް ހީވިއެވެ. ނަމަވެސް ފަހުން އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ވަނީ ދެކުނު ކޮރެއާގެ ރައީސް އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ބައްދަލުކޮށްފައެވެ. އެބައްދަލުވުންތަކުގެ ސަބަބުން މަސްރަހު ވަރަށް ބޮޑަށް ފިނިވިއެވެ.

ކިމް ޖޮން އުން އާއި ޓްރަމްޕް ޖޫން މަހު ބޭއްވި ބައްދަލުވުމުގައި ކިމް ޖޮން އުން ވަނީ ކޮރެއަން ޕެނިންސިއުލާ އަކީ ނިއުކްލިއާ ހަތިޔާރު ނެތް ސަރަހައްދަކަށް ހަދަން މަސައްކަތް ކުރާނެ ކަމަށް ވައުދުވެފައެވެ.