ހޫނުގަދަވެ ދުނިޔޭގެ ބޮޑެތި ޖަންގަލިތަކުގައި އަލިފާން ރޯވެ އަނދަމުންދާ ޚަބަރު އަހަރެމެންނަށް އަބަދުވެސް އިވެއެވެ. މިދިވަސްވަރަކީ ވެސް އެމެރިކާގެ ހުޅަނގު ސަރަހައްދުގެ ޖަންގަލިތަކުގައި އަލިފާން ރޯވެ އެއަލިފާންގަނޑު ފެތުރެމުންދާ ދުވަސްވަރެކެވެ.

ނަމަވެސް އެމެރިކާގެ ޖައްވީ އިދާރާ އިން މިވަނީ ދުނިޔޭގެ ޗާޓެއް ފެންނަ ސެޓްލައިޓް ފޮޓޯއެއް އާންމުކޮށް މިހާރު ދުނިޔޭގައި އަލިފާން ރޯވެ އަނދަމުން ދަނީ ހަމައެކަނި އެމެރިކާގައި ނޫންކަން ހާމަކޮށްދީފައެވެ. ސެޓްލައިޓް ފޮޓޯތަކުން ފެންނަނީ މިހާރު އަންދަމުންދާ އަލިފާންގަނޑުތަކެވެ.

ނާސާ އިން ނެރުނު ބަޔާނެއްގައި ބުނީ ޗާޓްގައި ރަތް ކުލައިން ފެންނަމުން އެދަނީ މިހާރު އަނދަމުންދާ އަލިފާންގަނޑުތައް ކަމަށާއި ނަމަވެސް އެހުރިހާ އަލިފާންގަނޑުތަކަކީ އަމިއްލަ އަށް ރޯވެގެން އަނދާ އަލިފާންގަނޑުތައް ކަމަށް ނުވެދާނެ ކަމަށެވެ.

"އެފްރިކާ ބައްރުގައި ވަރަށް ބޮޑަށް އަލިފާން ރޯވެފައިވާ މަންޒަރު ޗާޓުން ފެނެއެވެ. ނަމަވެސް އެއީ ދަނޑުވެރިން ގަސްދުގައި ރޯކޮށްފައިވާ އަލިފާންގަނޑުތައް ކަމަށް ވުން ގާތެވެ. ދަނޑުވެރިން ދަނޑު ހައްދާނެ ބިން ސާފުކުރުމަށްޓަކައި އަލިފާންގަނޑުތައް ރޯކުރުމަކީ އެފްރިކާގައި އާންމު ކަމެކެވެ." ނާސާގެ ބަޔާނުގައި ވެއެވެ.

އިންސާނުން ގަސްދުގައި ރޯކުރާ އަލިފާންގަނޑުތަކުގެ ސަބަބުން ނުވަތަ އަމިއްލަ އަށް ރޯވާ އަލިފާންގަނޑުތަކުގެ ސަބަބުން ވެސް ދުނިޔޭގެ ޖައްވު ދަނީ ތަޣައްޔަރު ވަމުންނެވެ. އެއީ ތިމާވެށީގެ މައްސަލަތަކަށް ނުރައްކާ ބޮޑުވެ ދުނިޔޭގެ ހޫނުމިން ވެސް މައްޗަށް ހިނގައިދާނެ ސަބަބެއް ކަމުގެ އިންޒާރު ނާސާ އިން ދެއެވެ.

ފަހަކަށް އައިސް ޖަންގަލިތަކުގައި އަލިފާން ރޯވާން މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ ހޫނުގަދަވުމެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔޭގެ ފިނިހޫނުމިން 1910 ވަނަ އަހަރުން ފެށިގެން ރެކޯޑް ކުރަން ފެށިފަހުން ދުނިޔެ އަށް އެންމެ ހޫނުގަދަވެފައި ވަނީ މިއަހަރުގެ ޖަނަވަރީ މަހާއި ޖުލައި މަހާއި ދެމެދު އެވެ.

ނާސާ އިން ބުނީ ސެޓްލައިޓް ފޮޓޯގައި ރަތް ކުލައިން ފެންނަނީ އަލިފާންގަނޑުތައް ކަމަށް ވީނަމަވެސް ދުނިޔޭގައި މިހާރު ރޯވެފައި ވަނީ ކިތައް އަލިފާންގަނޑުކަން ދަންނަވާކަށް ނޭނގެއެވެ.