އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ ކުރިމަތީގައި އަމިއްލަ ގަޔަށް ބަޑިޖަހައިގެން މީހަކު އަމިއްލަ އަށް މަރުވެއްޖެއެވެ.

އެމެރިކާގެ ރައީސްގެ ސަލާމަތީ ކަންތައްތައް ބަލަހައްޓާ ސީކްރެޓް ސާވިސް އިން ބުނީ ވައިޓް ހައުސްގެ އުތުރު ފަރާތު ފެންސްގެ ކައިރީގައި މީހަކު އަމިއްލަ އަށް މަރުވެފައިވާ ކަމަށެވެ.

ވައިޓް ހައުސްގެ ޑެޕިއުޓީ ޕްރެސް ސެކްރެޓަރީ ހޯގަލް ގިޑްލީ ވިދާޅުވީ ހިނގައިގެން އުޅޭ ހާދިސާގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވެސް މިހާރު ހާދިސާގެ މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށެވެ.

ވައިޓް ހައުސްގެ ބޭރުގައި ބަޑި ޖަހައިގެން މީހަކު މަރުވެފައި ވާއިރު ޓްރަމްޕާއި އަނބިކަނބަލުން މެލީނާ ތިބީ ކުރު ޗުއްޓީއެއްގައި ފްލޮރިޑާގައެވެ. ޓްރަމްޕާއި މެލީނާ އެނބުރި ވައިޓް ހައުސް އަށް އަންނާނީ މާދަމާ ހެނދުނު އެވެ.

ސީކްރެޓް ސާވިސް އިން ބުނީ ބަޑި ޖެހި މީހާ އާއި ގުޅުމެއް އޮތް އެހެން މީހަކު ވައިޓް ހައުސް ކައިރީގައި ނެތް ކަމަށާއި އެސަރަހައްދު އޮތީ އަމާންކޮށް ކަމަށެވެ.