ދާދިފަހުން ޗައިނާގެ ޒުމަންޑިއަންގައި ހިނގި އެކްސިޑެންޓެއްގައި އަންހެނަކު މަރަށް ތެޅެމުންދިޔަ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި ދައުރުވެ ގިނަބައެއްގެ ސަމާލުކަމަށް ވަނީ އައިސްފައެވެ. މަގު ހުރަސް ކުރަން އުޅުމުގެ ތެރޭގައި ދުއްވާފައި އައި ޓެކްސީއެއްގައި ޖެހި އެ އަންހެންމީހާ އެކްސިޑެންޓްވި އިރު އަންހެން މީހާގެ ގައިގައި ޖެއްސި ޓެކްސީ ޑްރައިވަރު ބެލީ އެހީވުމުގެ ބަދަލުގައި ފިލުމަށެވެ.

ޒަހަމްތަކާއި އެކު މަގުގައި އެހީއަށް އެދި އެދި އޮއްވާ އަނެއްކާވެސް އިތުރު ކާރެއް އެ އަންހެން މީހާގެ ގައިމަތިން ހުރަސް ކުރިއެވެ. އެއާއި އެކު އޭނާގެ ޙަބަރު ހުސްވެ މި ދުނިޔެއާއި އަލްވަދާއު ކިޔެއެވެ. އޭނާގެ އެންމެ ފަހު ވަގުތުގައި މަރަށް ތެޅެމުންދިޔަ މަންޒަރު ބަލަން ކައިރީގައި އެތަށް ބަޔަކު ތިބި ނަމަވެސް އެއިން އެކަކުވެސް އެ އަންހެން މީހާއަށް އެހީތެރިވާކަމަށް މަސައްކަތެއް ނުކުރެއެވެ. އަދި މަގުން ދުއްވާފައިދިޔަ ވެހިކަލްތައް މަޑުކުރުވައި އޭނާ ސަލާމަތްކުރުމަށް އެހީވެފައެއްވެސް ނުވެއެވެ.

އެކްސިޑެންވެ އަންހެނަކު ޒަހަމްވެފައިވާކަމުގެ ރިޕޯޓެއް ލިބިގެން އެ ސަރަހައްދަށް ފުލުހުންގެ ޓީމަކުން ގޮސް ބެލިއިރުވެސް އޭނާ އޮތީ މަގުމަތީގައެވެ. ފުލުހުން ދިޔައިރުވެސް އޭނާގެ ފުރާނަ ނެތްކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ. އެ އަންހެން މީހާއަކީ ކާކުކަން ދަނެގަނެވިފައިވާއިރު އޭނާގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް އެފަރާތްތަކުން ބުނެއެވެ.

ޗިއޮންގީ މަރުވި މަންޒަރު ކައިރީގައިވާ ކެމެރާތަކަށް އަރާފައިވާއިރު އޭނާ މަރުވި މަންޒަރު ދައްކުވައިދޭ ވީޑިއޯއަށްވެސް ވަނީ ގިނަ ބައެއްގެ ސަމާލުކަން ލިބިފައެވެ. އެގޮތުން 61،000 މީހުން އެ ވީޑިއޯ ޝެއާކޮށް ނުރުހުން ފާޅުކޮށްފައިވެއެވެ. މި މައްސަލައާއި ބެހޭ ގޮތުން ޗައިނާގެ ފުލުހުން ބުނީ މަރުގެ މައްސަލައިގައި ޝާމިލްވާ ދެ ޑްރައިވަރުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު