ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ އެހީ، އެމެރިކާ އިން ބޮޑުތަނުން ކުޑަކޮށްފިއެވެ. އިސްރާއިލަށް މަދަދުވެރިވަމުންދާ އެމެރިކާ އިން ކުޑަކޮށްފައިވަނީ، އދ. އިން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް އުފައްދާފައިވާ ޖަމިއްޔާ އަށް ދެމުންދާ އެހީއެވެ.

އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލެއް، މީޑިޔާ އަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ފަލަސްތީނު ރައްޔިތުންނަށް ދެމުންދާ އެހީ ބޮޑުތަނުން ކުޑަކޮށްފައިވަނީ، އެޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެންގުމުންކަމަށެވެ. އަދި، ޑޮނަލްޑް ޓްރަމްޕް އަންގާފައިވަނީ، ފަލަސްތީނަށް ދެމުންދާ އެހީ، ކޮންމެވެސް އެހެންކަމަކަށް ޚަރަދު ކުރަންކަމަށެވެ.

އެހީ ކުޑަ ކުރުމަށް އެމެރިކާ އިން މިކަމުގެ ބަހަނާއެއްގެ ގޮތުން ބުނެފައިވަނީ، ޣައްޒާގެ ކަންކަން ބަލަހައްޓަމުންދާ ހަމާސް ޖަމާއަތުގެ ޢަމަލުތަކުގެ ސަބަބުންނާއި، ހަމާސް ޖަމާއަތުގެ ސަބަބުން އެހީތެރިވުމަށް ހުރަސް އެޅެމުންދާތީ އެހީ ކުޑަކުރީ ކަމުގައެވެ.

މިކަމާ ގުޅިގެން ފަލަސްތީނުގެ ސަރުކާރުން، ޚަބަރު ފަތުރާ ވަސީލަތްތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ މިއީ އެފަރާތްތަކުން މާ ކަންބޮޑުވާ ކަމެއް ނޫންކަމުގައެވެ. އަދި، އެހީ އަކީ ސިޔާސީ ގޮތުން އެޤައުމާއި އެޤައުމުގެ ސަރުކާރު ބްލެކްމެއިލް ކުރަން ބޭނުންވާ ހަތިޔާރެއްގެ ގޮތަށް އޮންނަން ނޭދޭކަމަށެވެ.

މީގެއިތުރުންވެސް، ފަލަސްތީނުގެ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވެފައިވަނީ، ފަލަސްތީނު ރައްޔިތުންނަކީ ވިއްކަން ހުރި މުދާތަކެއް ނޫންކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެމެރިކާ އިން ފަލަސްތީނަށް ދެމުންދާ އެހީތަކުގެ ތެރެއިން، 200 މިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި އެހީގެ ތަކެތި ކަނޑާލުމަށްވަނީ ނިންމާފައެވެ. އދ. މެދުވެރިކޮށް މި ތަކެތި ދިނުމަށް، އެމެރިކާގެ ބަޖެޓުގައިވެސް ޖަހާފައިވެއެވެ.

އެހެންނަމަވެސް، ކޮންމެ އަހަރަކުވެސް، އެމެރިކާ އިންދަނީ އަނިޔާވެރި އިސްރާއީލަށް، 3.1 ބިލިއަން އެމެރިކާ ޑޮލަރުގެ ހަތިޔާރު ދަނީ ފޯރުކޮށްދެމުންނެވެ. އަދި، އަންނަ އަހަރު މި އަދަދު އިތުރުކުރުމަށްވަނީ ނިންމާފައެވެ.