ފަތުރުވެރިންގެ މެދުގައި މަޤުބޫލު ޗައިނާގެ ރިސޯޓު ހޮޓަލެއް ކަމަށްވާ ބައިލޯންގ ހޮޓް ސްޕްރިންގްސް ލެޝަރ ހޮޓަލުގައި އަލިފާނުގެ ހާދިސާއެއް ހިނގައި 19 މީހަކު މަރުވެއްޖެއެވެ.

މިއަދު ހިނގި މި ހާދިސާގައި ޗައިނާގެ ހަރބިން ސިޓީގައި ހުންނަ އެ ހޮޓަލުގެ ބޮޑުބައެއް ބޭނުން ނުކުރެވޭވަރަށް އަނދާފައިވާއިރު، އެ ހާދިސާ ހިނގަން މެދުވެރިވީ ހޮޓަލުގެ ދެވަނަ ފަންގިފިލާގައި ހުންނަ ބަދިގެއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުވުމުންކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ހާދިސާގައި ރޯވި އަލިފާންގަނޑު ވަނީ ހޮޓަލުގެ 4300 ފޫޓުގެ ސަރަޙައްދަކަށް ފެތުރިފައެވެ. އެ އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ ރޯވިތާ ތިންގަޑިއިރު ފަހުން 30 ފަޔަރ އިންޖީނާއި 100 ފަޔަރފައިޓަރުންގެ މަސައްކަތުންކަމަށް އޮފިޝަލުން ބުނެއެވެ.

މި ހާދިސާ ހިނގިވަގުތު ހޮޓަލުގެ ތެރޭގައި ތާށިވެފައިތިބި 20 މީހަކު ސަލާމަތްކޮށްފައިވާއިރު، 80 އަށްވުރެ ގިނަ މީހުން ވަނީ ހާދިސާ ހިނގުމާއި ގުޅިގެން ހޮޓަލުން ރައްކާތެރި ސަރަޙައްދުތަކަށް ގެންގޮސްފައެވެ. މި ހާދިސާގައި ބައެއް މީހުނަށް އަނިޔާވެގެން ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. އޭގެތެރޭގައި ހިމެނެނީ އުމުރުން 40 އަހަރާއި 70 އަހަރާއި ދެމެދުގެ މީހުން ކަމަށް އޮފިޝަލުން ބުނެއެވެ.

މި ހާދިސާގެ ތަހުޤީޤެއް ޗައިނާގެ ކަމާއިބެހޭ އިދާރާތަކުން މިހާރު ވަނީ ފަށާފައެވެ. އެހެން ނަމަވެސް އެ ތަހުޤީޤާއި ގުޅޭގޮތުން އަދި އެފަރާތްތަކުން ވަކި އެއްޗެއް ނުބުނެއެވެ.