އެމެރިކާގައި ބޭއްވި ދެ ރިޔާސީ އިންތިޙާބެއްގައި ވާދަކޮށް، ނާކާމިޔާބުވި ޖޯން މެކްކެއިން މަރުވެއްޖެއެވެ. ގިނަ ދުވަސްތަކެއް ވަންދެން ސިޔާސީ ދާއިރާގައި ހަރަކާތްތެރިވި ޖޯން މަރުވެފައިވަނީ އުމުރުން 81 އަހަރުގައި، ރޭގެ ވަގުތެއްގައެވެ.

ރޭގެ ވަގުތެއްގައި ޖޯން މަރުވެފައިވާއިރު، އޭނާ އެންމެ ފަހުން ހުރީ އެޤައުމުގެ އެރިޒޯނާ ސްޓޭޓް ތަމްސީލު ކުރާ މެންބަރެއްގެ ގޮތުން، އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސް، ކޮންގްރެސްގެ މަތި ގެ ކަމުގައިވާ ސެނެޓުގެ މެންބަރެއްގެ ގޮތުގައެވެ.

ބައިނަލްއަޤުވާމީ ޚަބަރު ފަތުރާ ވަސީލަތްތަކުން އާއްމުކޮށްފައިވާ ގޮތުގައި ޖޯން މަރުވިއިރު، އޭނާ ދިޔައީ ސިކުނޑީގެ ކެންސަރާ ހަނގުރާމަ ކުރަމުންނެވެ. 2017 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން، މި ބައްޔާ އޭނާ ކުރިމަތިލަމުން ދިޔައިރު، މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ގޮހޮރުގެ އޮޕަރޭޝަނެއް ވެސް ކޮށްފައިވާކަމަށްވެއެވެ. ހަމައެހެންމެ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން، ވޮޝިންޓަން ޑީސީ ދޫކޮށްލުމަށްފަހު އޭނާ ދިރިއުޅެމުން ދިޔައީ އުފަން ސަރަޙައްދުކަމަށްވާ އެރިޒޯނާ ގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޖޯން އަކީ ވިއެޓްނާމު ހަނގުރާމައިގައި ވެސް ބައިވެރިވެފައިވާ މީހެކެވެ. އެމެރިކާގެ ކަނޑުގެ އަސްކަރިއްޔާގެ އަސްކަރީ ޕައިލެއްޓެއްގެ ގޮތުން އޭނާ ހަރަކާތްތެރިވެފައިވާއިރު، ވިއެޓްނާމް ހަނގުރާމައިގެ ތެރޭގައި އޭނާ ހައްޔަރުވެފައިވެސްވެއެވެ. އޭނާ ދުއްވަމުންދިޔަ މަތިންދާބޯޓެއް ވެސް ވެއްޓުނެވެ. ނަމަވެސް އެހާދިސާ އިން އޭނާ ސަލާމަތް ވިއެވެ. އޭނާއަށް ކުރިން ހަމުގެ ކެންސަރު ޖެހުނުކަމަށް ވެސް މީޑިޔާތަކުން ބުނެފައިވެއެވެ.

އެމެރިކާގައި މިހާރު ވެރިކަން ކުރަމުންދާ ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވިކަމުގައިވިޔަސް، ޖޯން އަކީ ފާޅުގައި ޑޮނަލްޑް ޓްރަމްޕް އަށް ފާޑު ކިޔަމުންދިޔަ މީހެކެވެ. ހަމައެހެންމެ، ޖޯންގެ ޖަނާޒާގެ ކަންކަމުގައި ޓްރަމްޕް ބައިވެރި ނުކުރުމަށް، މީގެ ދުވަސްކޮޅެއް ކުރިން އޭނާ ނިންމާފައިވެސްވެއެވެ.

މީގެއިތުރުންވެސް، ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ޖޯންގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިއުމަށް، މިދިޔަ އަހަރުން ފެށިގެން އޭނާ ދިޔައީ ތައްޔާރުވަމުންނެވެ.