ޕެސިފިކް ކަނޑުގައި އޮންނަ އެމެރިކާގެ ސްޓޭޓެއްކަމަށްވާ ހަވާއީއަށް ބާރުގަދަ ތޫފާނެއް އަރައިފިއެވެ.

ތޫފާން ލޭންގެ ނަމުން ނަންދީފައިވާ މި ތޫފާންގައި ހަވާއީގެ އެކި ހިސާބުތަކުގައި އާދަޔާ ހިލާފަށް ފެންބޮޑުވެފައިވާ މަންޒަރު ފެންނަ ޑްރޯން ފޮޓޯތަކެއް މިހާރުވަނީ އާންމުވެފައެވެ.

ތޫފާން ލޭން ގައި ގަޑިއަކު 100 ކިލޯމީޓަރު ބާރު މިނުގައި ވައިޖެހެމުން ދާއިރު ފުލުހުންނާއި މީހުން ސަލާމަތް ކުރާ ފަަރާތްތަކުން ދަނީ ފެންބޮޑުވުމުގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމުގައި އަވަދިނެތި ހަރާކާތްތެރިވަމުންނެވެ.

ރިޕޯޓްތަށް ބުނާ ގޮތުން ތޫފާނުގެ ސަބަބުން ހަވާއީގެ ބިގް އައިލެންޑްގައި ވަނީ 48 ގަޑި އިރު ތެރޭގައި 37 އިންޗިއަށް ވާރެވެހި ފެންބޮޑުވެފައެވެ. ހުކުރު ދުވަހު އެރި މި ތޫފާނުގައި އެތަށް ބަޔަކު ކަރަންޓާއި ނުލައި އުޅޭއިރު ހަވާއީގެ ރައްޔިތުން ދަނީ ގެދޮރު ފެންބޮޑުވުމުން ސަލާމަތް ކުރުމަށް ވެލި ބަސްތާ ޖަހަމުންނެވެ.

ތޫފާނުގައި ބިގް އައިސްލޭންޑްގެ ގިނަ އިމާރަތްތަކާއި ފެދޮރަށް ވަނީ ގެއްލުން ލިބިފައެވެ. ނަމަވެސް މީހަކަށް ގެއްލުން ލިބުނު ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ. މިދިޔަ މަހު ކިއުލާ އަލިފާން ދަރުބަދަ ގޮވި ސަރަހައްދުގައި ވެސް ވަނީ ތޫފާންގެ ސަބަބުން ފެންބޮޑުވެފައެވެ.

ތޫފާންގެ ސަބަބުން އެމެރިކާގެ ރައީސް ޓްރަންޕް ވަނީ އެ ސްޓޭޓްގައި ކުއްލި ހާލަތު އިއުލާން ކޮއްފައެވެ. ތޫފާންގެ ބާރު ދަށްވެފައި ވީ ނަމަވެސް އަދިވެސް ވިއްސާރަކޮށް ފެންބޮޑުވާނެ ކަމުގެ އިންޒާރު ކަމާއި ބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

ޕެސިފިކް ކަނޑުގެ މެދުގައިވާ ކުދި ޖަޒީރާ ރަށްތަކެއްކަމަށްވާ ހަވާއީގައި 1.4 މިލިއަން މީހުން ދިރިއުޅޭއިރު އެވްރެޖްކޮށް ކޮންމެ އަހަރަކުވެސް އެސްޓޭޓަށް ތޫފާނެއް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މޯލްޑިވިޔަން

    ނިމެނީ ނިމެނީ