ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށް ސައުދީ އަރަބިއްޔާއަށް ދިޔަ ޕާކިސްތާނަށް ނިސްބަތްވާ ހައްޖާޖީންގެ ތެރެއިން 42 މީހަކު ނިޔާވެފައިވާކަމަށް އޮފިޝަލުން ބުނެފިއެވެ.

ޕާކިސްތާނުގެ ސަރުކާރުގެ އޮފިޝަލުންނާއި ހަވާލާދީ ޕާކިސްތާނުގެ ނޫސްތައް ބުނާގޮތުގައި، ގިނަ މީހުން ނިޔާވެފައި ވަނީ މަގުމަތީގައި ހިނގި އެކްސިޑެންޓްތަކުގެ ސަބަބުންނާއި، ނޭވާ ހާސްވެގެންނެވެ. މިފަދަ ހާދިސާތަކުގައި މިދިޔަ އަހަރު ޕާކިސްތާނުގެ 108 މީހަކު ވަނީ ނިޔާވެފައެވެ.

އޮފިޝަލުން ބުނީ،، މި އަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން އެކި ހާދިސާތަކުގައި ޕާކިސްތާނުގެ އެކި އަވަށަށް ނިސްބަތްވާ 30 ފިރިހެނަކާއި، 12 އަންހެނުން ނިޔާވެފައިވާކަމަށެވެ.

އަދި މި މީހުން މިހާރު ވަޅުލާފައިވާކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. މި މީހުން ވަޅުލާފައި ވަނީ ޝަރާޔާ، ޖަންނަތުލް ބާގީ، އަދި އަރަފާތުގައި ބިމުގައި އިންނަ ސަހަރާގައެވެ.

ޕާކިސްތާނުގެ ރިޕޯޓްތައް ބުނާގޮތުގައި، މީގެ ތެރެއިން 25 މީހަކު ނިޔާވެފައި ވަނީ މައްކާގައެވެ. މަދީނާގައި ހަތް މީހަކު ނިޔާވިއިރު، މިނާގައި ފަސް މީހަކާއި، އަރަފާތު ބިމުގައި ހަތަރު މީހަކު ވަނީ ނިޔާވެފައެވެ. އަދި މަރުވި ހައްޖާޖީންނަކީ އުމުރުން 40 އާއި 80 އާއި ދެމެދުގެ އުމުރުތަކުގެ މީހުންކަމަށް ރިޕޯޓްތައް ބުނެއެވެ.

މި އަހަރު ޕާކިސްތާނުން 184210 މީހުން ހައްޖުގެ މަތިވެރި އަޅުކަން ފުރިހަމަކޮށްފައިވާކަމަށް ނޫސްތައް ބުނެއެވެ. މި މީހުން މާދަމާ އިން ފެށިގެން އެނބުރި ޕާކިސްތާނަށް އަންނަން ފަށާނެކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.