އިސްލާމިކް ސްޓޭޓްސް (އައިއެސް)ގެ ނަމުގައި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހަރަކާތްތެރިވަމުންދާ ހައްދުފަހަނައަޅާފައިވާ ނިރުބަވެރި (ޓެރެރިސްޓު) ޖަމާޢަތުގެ އެންމެ އިސް އެއް ލީޑަރު މަރާލައިފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ނޫސްތަކުން ބުނާގޮތުގައި މަރާލާފައިވަނީ އައިއެސްގެ އަފްޣާނިސްތާނުގެ ލީޑަރު، އަބޫ ސާދު އަރުހަބީއެވެ. އޭނާ މަރާލާފައިވަނީ އަފްޣާނިސްތާނުގެ އޮފިޝަލުން ޕާކިސްތާނުގެ ބޯޑަރު ކައިރީ ސަރަޙައްދެއް ކަމަށްވާ ނަންގަރްހާރުގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން، ވައިގެމަގުން ދިން ހަމަލާއެއްގައެވެ. އަފްޣާނިސްތާނަކީ އިރާގާއި ސީރިޔާ ފިޔަވައި އައިއެސްގެ ހަނގުރާމަވެރިން އެންމެ ގިނައިން ހަރަކާތްތެރިވާ ޤައުމެވެ.

އަބޫ ސާދު އާއި އެކު އޭނާގެ ހަށިފާރަވެރިންނާއި އައިސްގެ ހަނގުރާމަވެރިން ހިމެނޭގޮތަށް އިތުރު ދިހަ މީހަކުވެސް މި އޮޕަރޭޝަނުގައި ވަނީ މަރާލާފައެވެ. އަބޫ ސާދުއަކީ ފާއިތުވެދިޔަ އަހަރުތަކުގައި މަރާލި އަފްޣާނިސްތާނު އައިސްގެ ހަތަރުވަނަ ލީޑަރެވެ. އޭނާގެ މަރާއި ގުޅޭގޮތުން އަދި އައިއެސްއިން ވަކި އެއްޗެއް ނުބުނެއެވެ.

މީގެ ކުރިން އެ މަޤާމުގައި ހުރި އަބޫ ސައީދު ނަމަކަށްކިޔާ މީހާ މަރާލާފައިވަނީ އެމެރިކާގެ ސިފައިން ކުނާރު ޕްރޮވިންސުގައި ހުންނަ އައިއެސްގެ ހެޑްކުއާޓަރަކަށް ދިން ހަމަލާއެއްގައި މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

2014 ވަނަ އަހަރުން ފެށިގެން އަފްޣާނިސްތާނުގައި އައިއެސްގެ ހައްދުފަހަނައަޅާފައިވާ އައިއެސްގެ ހަނގުރާމަވެރިން އުޅެމުންދާއިރު، އެޖަމާޢަތުން ވަނީ މިހާތަނަށް ގިނަ ޢަދަދެއްގެ ނިރުބަވެރި ހަމަލާތައް އެޤައުމުގައިދީ ހައްޤަކާއި ނުލައި ކުށެއްނެތް ޢާންމު އެތައް ބަޔަކު މަރާލާފައެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނެއެވެ.