އިންޑޮނޭޝިއާއަށް ޖެހިޖެހިގެން ބާރުގަދަ ދެ ބިންހެލުން އަތުވެއްޖެއެވެ.

މި ދެ ބިންހެލުންވެސް އައިސްފައިވަނީ އިންޑޮނޭޝިއާގެ އިރުމަތީ ސަރަޙަދެއްގައި އޮންނަ ޖަޒީރާރަށެއްކަމަށްވާ ޓައިމޫރުގެ ހުޅަނގުން ކަނޑުގެ ސަރަޙައްދަކަށެވެ. މި ދެ ބިންހެލުމުގެ ތެރެއިން ފުރަތަމަ ބިންހެލުން އައިސްފައިވަނީ މެގްނިޓިއުޑް މިންގަނޑުން 6.2 ގެ ބާރުމިނުގައެވެ. އޭގެ ފަސް މިނެޓު ފަހުން ހަމަ އެ ސަރަޙަށްދަށް އިތުރު ބިންހެލުމެއް އައީ މެގްނިޓިއުޑް މިންގަނޑުން 5.6 ގެ ބާރުމިނުގައެވެ.

މި ދެބިންހެލުންވެސް އައީ ބިމުގެ ދިހަ ކިލޯމީޓަރު އަޑިންނެވެ. މި ދެ ބިންހެލުންގެ ލޮޅުންތައް ޓައިމޫރުގެ މީހުން ދިރިއުޅޭ ސަރަޙައްދުތަކަށް ކޮށްފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެން ނަމަވެސް އެ ސަރަޙައްދުތަކަށް ގެއްލުމެއް ލިބި މީހަކަށް އަނިޔާވިކަމެއް އަދި ރަސްމީ ފަރާތަކުން ހާމައެއް ނުކުރެއެވެ. ނަމަވެސް އިމަޖެންސީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން މިހާރު ވަނީ އެ ސަރަޙައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ.

މި ދެ ބިންހެލުމާިއ ގުޅިގެން މިހާތަނަށް އަދި ސުނާމީގެ އިންޒާރެއް ނެރެފައެއް ނުވެއެވެ.

އިންޑޮނޭޝިއާއަކީ އަލިފާން ފަރުބަދަތަކެއްގެ މައްޗަށް އެކުލެވޭ "ޕެސިފިކް ރިންގް އޮފް ފަޔަރ"ގެ ނަމުން ސައިންސްވެރިން ނަން ދީފައިވާ ކަނޑުގެ އަޑީގެ އަލިފާން ފަރުބަދަތައް ގިނަ ސަރަޙައްދެއްގައި ހިމެނޭ ޤައުމެކެވެ. މި ސަރަޙައްދުގައި ހިމެނޭ ޤައުމުތަކަށް ބިންހެލުން އައުމަކީ ޢާންމު ކަމަކަށްވާއިރު، މި ސަރަޙައްދަށް ކައިރި މުސްތަޤުބަލެއްގައި ދުނިޔެ ކުރިން ނުދެކޭހައި ބާރުގަދަ ބިންހެލުމެއް އަންނާނެ ކަމަށް ސައިންސްވެރިން ބުނެއެވެ. ކުދި ބިންހެލުންތައް ގިނަވުމަކީ އެ ބިންހެލުމުގެ އެންމެ ފަހުގެ ނިޝާންތައް ކަމަށް ސައިންސްވެރިން ބުނެއެވެ.

އިންޑޮނޭޝިއާއަށް މިއަދު ބާރުގަދަ ދެ ބިންހެލުމެއް އައިސްފައިވާއިރު، މި މަހުގެ ކުރީކޮޅު އެޤައުމުގެ ފަތުރުވެރި މަންޒިލެއް ކަމަށްވާ ލޮމްބޮކްއަށް ވަނީ ބާރުގަދަ ގިނަ ބިންހެލުންތަކެއް އައިސް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެ ބިންހެލުންތަކުގައި 500 އެއްހައި މީހުން މަރުވެފައިވާއިރު 350،000 އަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަރީމާން

    2004 ޑިސެމްބަރ 26 ގެ ފަހުން ބިންހެލުމާ ކޮންމެ ޚަބަރެއްގެ ފަހަތަށް އަދި ސުނާމީގެ އިންޒާރެއް ނުދެއެވެ. މިލަފުޒު ވަރަށް ގިނަވެއްޖެއެވެ

  2. ގަމާރުމޯލްޑިވިއަންއަ

    އަންހެން ކަނބަލުން ޖިންސް ލާތީ

  3. Anonymous

    ވަގުތު ޓީމް ސާބަހޭ ވަރަށް އަޕްޑޭޓް