ފަރުވާއެއް ހޯދިފައިނުވާ ވައިރަސް އެއް ކަމަށްވާ "އެފްރިކަން ސްވައިން ފީވާ" އޭޝިއާ ސަރަޙައްދުގައި ކޮންޓްރޯލްނުވެ ފެތުރެން ފަށާފާނެކަމުގެ އިންޒާރު އދ.ގެ ފުޑް އެންޑް އެގްރިކަލްޗަރު އޯގަނައިޒޭޝަން (އެފްއޭއޯ) އިން ދީފިއެވެ.

އޫރަށް ޖެހޭ މި ވައިރަސް ކޮންޓްރޯލްނުވެ ފެތުރިދާނެކަމުގެ އިންޒާރު އދ. އިން ދީފައި މިވަނީ ޗައިނާ އާއި ކޮރެއާގައި ހަލުވިކަމާއި އެކު މި ރޯގާ ފެތުރި އަވައްޓެރި ބައެއް އެހެން ޤައުމުތަކުންވެސް ވައިރަސް ފެންނަމުންދާ ދަނޑިވަޅެއްގައެވެ.

އެފްއޭއޯ އިން ބުނެފައިވާގޮތުގައި، މި ވައިރަސް އެންމެ ހަލުވިކަމާއި އެކު ދެން ފެތުރެން ފަށާފާނެކަމުގެ ބިރު އެންމެ ބޮޑީ ދެކުނު-އިރުމަތީ އޭޝިއާ ސަރަޙައްދުގައި ކަމަށެވެ. އަދި އެކަމާއި ގުޅިގެން އެކަށީގެންވާ ފިޔަވަޅެއް ނޭޅިއްޖެނަމަ ކޮންޓްރޯލްނުވެ މި ރޯގާ ފެތުރި ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.

މި ވައިރަސް އަކީ އިންސާނުންނާއި މާބޮޑު ގުޅުމެއްވާ ނުވަތަ އިންސާނުންނަށް ބޮޑު ނުރައްކަލެއް ކުރިމަތުކުރުވާ ވައިރަސްއަކަށް ނުވީނަމަވެސް މިއީ އިންސާނުންނާއި އެނޫންވެސް ޖަނަވާރުތަކުގެ ފުށުން ފެތުރިދާނެ ބައްޔެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ. އެގޮތުން ބަލި ޖެހިފައިވާ ތަކެތި ކައިގެން އެ ވައިރަސްގެ އަސަރު ހަށިގަނޑަށް ފޯރައި ވައިރަސް ފެތުރުމަށް މަގުފަހިވާ ކަމަށް ވެއެވެ. މި ވައިރަސްއަށް މިހާތަނަށް އަދި ވެކްސިނެއް ހޯދިފައެއް ނުވެއެވެ.

ޗައިނާ އާއި ކޮރެއާގެ އެކިއެކި ޕްރޮވިންސުތަކުން ފާއިތުވެދިޔަ ދުވަސްތަކުގައި އާދަޔާއި ޚިލާފަށް ގިނައިން އެފްރިކަން ސްވައިން ފީވާގެ ރިޕޯޓުތައް ކޮށްފައިވާއިރު، ވައިރަސް ފެތުރިޔަނުދީ ކޮންޓްރޯލް ކުރުމުގެ ގޮތުން ބަލި ޖެހިފައިވާ ކަމަށް ބެލެވޭ އެތައް ހާސް ޖަނަވާރެއް ނައްތާލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނައިންޓީ

    މިޒަމާނުގެ ކަންކަމަށް ވިސްނާލީމަ އެނގޭ އެއް ހަގީގަތަކީ ތިޔަގޮތަށް ނުރައްކާތެރި ވައިރަސް އެކިހިސަބުތަކުގައި ފެތުރިގެންދަނީ އިންސާނީ ނުބައި ރޭވުންތަކުން މަކި މަގްސަދު ތަކެއް ހާސިލް ކުރުމުގެ ނިޔަތުގައި ވަކިބަޔަކަށް ނުވަތަ ވަކި ގައުމަކަށް ގެއްލުން ދިނުމުގެ ނިޔަތުގައި ވައިރަސް ޕަލާންޓް ކޮށްގެންނެވެ. ބައްޔެއް ވިއްޔާ އެބައްޔަށް ޝިފާދެއްވަވާނީ ހަމައެކަނި ﷲ އެވެ. ބައްޔެއްްނަމަ އެބައްޔަށް ޝިފާހޯދޭނޭގޮތް ވެސް އެކަމުގެ އަހްލުވެރީންނަށް ﷲ ޢިލްމުން މިންވަރު ކުރައްވަވާގޮތް އެއީ އެކަލާންގެ ކުޅަދުންވަންތަކަމެވެ. ﷲ އަށް ގޮންޖައްސަވާ ބަޔަކަށް އެކަލާންގެ ހިއްޕަވާ ހިއްޕެވުމާ ކޯފާ އަށް ހަމަހިލާ ފަރުވާއެއް ނުހޯދޭނެއެވެ. ހުރިހާ ރައްކާތެރިކަމެއް އޮތީ ﷲ ގެ މަގުގައެވެ.