ޕެސިފިކް ކަނޑުގައި އޮންނަ ޖަޒީރާ ރަށްތަކެއްގެ ކައިރިއަށް އައި ބާރުގަދަ ބިންހެލުމަކާއެކު، އެސަރަޙައްދަށް ސުނާމީ އަރާނެކަމުގެ އިންޒާރު ދީފިއެވެ. މިއަދުގެ ވަގުތެއްގައި މި ބިންހެލުން އައިސްފައިވަނީ އެކަނޑުގައި އޮންނަ ނިއު ކެލެޑޯނިޔާ ރަށްތަކުގެ ކައިރިއަށެވެ.

ކަމާ ބެހޭ ފަރާތްތަކުން ބުނެފައިވާ ގޮތުގައި އެސަރަޙައްދަށް ބިންހެލުން އައިސްފައިވާކަމަށް ރިކޯޑު ކުރެވިފައިވަނީ ރެކްޓަ މިންގަނޑުން 7.1 މެގްނިޓުއުޑުގެ ބާރުމިނުގައެވެ.

ނިއު ކެލެޑޯނިޔާގެ ނޯމިޔާ ރަށުގެ އިރުމަތިން 230 ކިލޯމީޓަރު ދުރުގެ ކަނޑުގެ ސަރަޙައްދަށް މި ބިންހެލުން އައިސްފައިވާއިރު، ބޮޑު ބިންހެލުމުގެ ފަހުންވެސް އެސަރަޙައްދަށް އިތުރު ބިންހެލުންތަކެއް އައިސްފައިވެއެވެ. އެގޮތުން، ރެކްޓަ މިންގަނޑުގެ ފަހެއް މެގްނިޓިއުޑުގެ ތިން ބިންހެލުމާއި ހަތަރު މެގްނިޓިއުޑުގެ އެއް ބިންހެލުން އައިސްފައިވެއެވެ.

ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން މިއަދު ހާމަކޮށްފައިވާ ގޮތުގައި، ބިންހެލުމުގެ ސަބަބުން އެރަށްތަކަށާއި އެސަރަޙައްދުގައި ހުރި އެހެން ޤައުމުތަކަށް ސުނާމީ އެރުމުގެ ފުރުޞަތު ވަރަށް ބޮޑަށް އޮތެވެ. އެކަމުގެ ސަބަބުން އެސަރަޙައްދުގައި ހިމެނޭ އޮސްޓްރޭލިޔާ، ޕަޕުއާ ނިއު ގިނީ އަދި ނިއު ޒީލެންޑުގެ އައްސޭރިފަށުގެ ސަރަޙައްދުތަކަށް އިންޒާރުވެސް ނެރެފައިވެއެވެ. އަދި، އެސަރަޙައްދުގެ ކަނޑުގައި ސުނާމީގެ ކުދި ރާޅު އުފެދުނުކަމަށްވެސް އެސެންޓަރުން ބުނެފައިވެއެވެ.

އެހެންނަމަވެސް، ފަހުން އެސެންޓަރުން ބުނެފައިވަނީ ސުނާމީ އެރުމުގެ ވަގުތު ފާއިތުވެފައިވާކަމަށާއި ދެން އެކަމުގެ ސަބަބުން އެއްވެސް ނުރައްކަލެއް ނެތްކަމުގައެވެ.

ނިއު ކެލެންޑޮނިޔާގެ ކަމާ ބެހޭ ފަރާތަކުންވެސް ބުނެފައިވާއިރު، ސުނާމީގެ ރާޅުތައްކަމަށް ބެލެވޭ ރާޅުތަކެއް، އެސަރަޙައްދުގެ ކަނޑުން ރިކޯޑު ކުރެވިފައިވެއެވެ. އަދި، އެރާޅުތަކުގެ އުސްމިން، 40 ސެންޓިމީޓަރަށް އިތުރުވާނެކަމަށް އަންދާޒާ ކުރެވުނުކަމަށްވެސް ބުނެފައިވެއެވެ.

މި ބިންހެލުމުގެ ލޮޅުންތައް އޮސްޓްރޭލިޔާއާ ހަމައަށްވެސް ކުރެވިފައިވާއިރު، މި ސަރަޙައްދަކީ އެންމެ ގިނަ ބިންހެލުންތައް އަންނަ ސަރަޙައްދުގެ ގޮތުގައި ކަނޑައެޅިފައިވާ އެއް ސަރަޙައްދެވެ. އެހެންނަމަވެސް، މިއަދުގެ ބިންހެލުންތަކުގެ ސަބަބުން އެއްވެސް ގެއްލުމެއް ނުލިބޭކަމަށް މައުލޫމާތު ލިބެއެވެ.