އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާގެ ސަރުކާރުގެ އިސް އަދި ގާތް އެތައް ބަޔަކަށް މަލާމަތްކުރައްވައި ވާހަކަފުޅު ދައްކަވައިފިއެވެ.

ވޮޝިންގްޓަންގައި ކޮންމެ އަހަރަކުވެސް އޮންނަ ހަފްލާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ޓްރަމްޕް ވަނީ އޭނާގެ ސަރުކާރުގައި ހިނގަމުންދާ ކަންތައްތަކަށް އަލިއަޅުވާލައި ވާހަކަދައްކަވަމުން އޭނާގެ ގާތް އެތައް ބަޔަކަށް މަލާމާތް ރައްދުވާފަދަ ގޮތަކަށް ޓްރަމްޕް ވަނީ ވާހަކަދައްކަވައިފައެވެ. މިގޮތުން ޓްރަމްޕްގެ ވާހަކަކޮޅުގައި އޭނާ ވަނީ އޭނާގެ ދަނބިދަރިފުޅު ޖެރާޑް ކުޝްނާރ، އެމެރިކާގެ އެޓާރނީ ޖެނެރަލް ޖެފް ސެޝަންސް އަދި އަނބިކަނބަލުން މިލާނިއާ ޓްރަމްޕްއަށް އަމާޒުކޮށްވެސް މަލާމާތް ރައްދުވާފަދަ ގޮތަކަށް ވާހަކަދައްކަވައިފައެވެ.

މިގޮތުން ޓްރަމްޕް ވަނީ ވައިޓް ހައުސްގެ އިސް އެތައް އޮފިޝަލުންނެއް މަގާމު ދޫކޮށް ވަޑައިގަންނަވާތީވެ ދެން އެންމެ އަވަހަށް ވައިޓް ހައުސްއިން ގެއްލޭނީ ވައިޓް ހައުސްގެ އިސް އޮފިޝަލް ސްޓީވް މިލާރ ތޯ ނުވަތަ ރައީސް ޓްރަމްޕްގެ އަނބިކަނބަލުން މިލާނިއާ ޓްރަމްޕް ތޯ ސުވާލުކޮށްފައެވެ.

އަދި އެޓާރނީ ޖެނެރަލް ޖެފް ސެޝަންސްއަށް އެހީ ފޯރުކޮށްދޭން މަސައްކަތްކުރުމުން އޭނާ އަމިއްލައަށް ރައްކާތެރިކަން ހޯދިކަމަށްވެސް ޓްރަމްޕް ވަނީ މި ވާހަކަކޮޅުގައި ބުނުއްވައިފައެވެ. ރައީސް ޓްރަމްޕް އާއި އެޓާރނީ ޖެނެރަލް ޖެފް ސެޝަންސްއާއި ދެމެދުގައި އޮންނަ ގުޅުމަށް ކޮންމެވެސް ވަރެއްގެ ބުރޫތަކެއް އަރާފައިވާކަމަށް ހަބަރު ރިޕޯޓްތަކުން ބުނާއިރު، ރަޝިޔާއިން އެމެރިކާގެ ރިޔާސީ އިންތިހާބަށް ބާރުފޯރުވުމަށް މަސައްކަތްކުރެއްވިކަމަށް ބުނެ ކުރެވެމުންދާ ތަހުގީގުގައި ޖެފް ސެޝަންސް އަމަލުކުރެއްވި ގޮތުން އޭނާގެ އިސްތިއުފާއަށްވެސް ޓްރަމްޕް އެދިފައިވާކަމަށް ބައެއް ރިޕޯޓްތަކުގައި ވަނީ ބުނެފައެވެ.

ޓްރަމްޕް ވަނީ މީގެ އިތުރުންވެސް ދަނބިދަރިފުޅު ޖެރާޑް ކުޝްނާރގެ ސެކިއުރިޓީ ކްލިއަރެންސް ދަށްކުރެވިގެން ދިޔަ ދިޔުމަށް ސަމާސާކުރައްވައި ވާހަކަދައްކަވަމުން ދިޔަ ޖަލްސާއަށް އައުން ލަސްވެގެންދިޔައީ ޖެރާޑް ކުޝްނާރ ޖަލްސާއަށް ވަނުމަށް ޖަލްސާގެ ސެކިއުރިޓީއިން ހުއްދަ ނުދިނުމުންކަމަށް ބުނެ ލަސްވީތީވެ މައާފަށް އެދިފައެވެ. ޓްރަމްޕްގެ ސަރުކާރުގެ ކުރީގެ ޗީފް ސްޓްރެޓެޖިސްޓް ސްޓީވް ބެނޮން ވަނީ ޓައިޓޭނިކްއަށްވުރެ ގިނައިން މައުލޫމާތު ލީކުކޮށްފައިކަމަށްވެސް ޓްރަމްޕް ވަނީ މި ވާހަކަކޮޅުގައި ބުނެފައެވެ.

ގިނަ ފަރާތްތަކުން ބުނާގޮތުގައި ޓްރަމްޕްގެ މި ސަމާސާތަކަކީ ވައިޓް ހައުސްއަށް މިފަހަކަށް އައިސް ކުރިމަތިވަމުންދިޔަ މައްސަލަތަކުން އާންމުންގެ ސަމާލުކަން ނަގައި ހުރިހާކަމެއްވެސް ރަނގަޅަށް ހިނގަމުންދާކަން ދައްކުވައިދިނުމަށް ކުރެއްވި ކަމެކެވެ. އަނެއްބައި ފަރާތްތަކުން ވަނީ ޓްރަމްޕް މިގޮތަށް އަމަލުކުރެއްވީ ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާއި ދޭތެރޭގައި އުފެދިފައިވާ ހިތްހަމަނުޖެހުންތައް އާންމުކުރުމަށްކަމަށް ބުނެފައެވެ. މިކަމުގެ ހަގީގަތް އެނގިވަޑައިގަންނަވާނީވެސް ހަމައެކަނި ޓްރަމްޕްއަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެއްމެން

    އެހެންވީމަ އޭނަ ތިޔަބަިއިމީހުންނަށް ކުރާނެ މަލާމާތާއި ފުރައްސާރަ ދެނެގަނޭ! ތިޔަޝައިތާނު އަހަރަމެންނޭ ކިޔައިގެން ކިޔާ އެއްޗަކަށް ރުޅިގަދަވެގެން އޭނަގެ މަގުސަދު ހާސިލްވާކަހަލަ އެއްވެސް އަމަލެއް ކޮށްގެން ނުވާނެ. ބަދަލު ވާނެ. ނިމޭނެ. އެހެންމީހުންވެސް އަދި އަންނާނެ.